އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިއަދު ގޭބަންދަށް ބަދަލުކޮށްފި އެވެ.
ހިޔާނާތުގެ ކުށް ސާބިތުވެފައިވާ ޒިޔަތު މިއަދުގެ ވަގުތެއްގައި ގޭބަންދަށް ބަދަލުކޮށްފައިވާކަން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އަވަސްއަށް ވަނީ ޔަގީންކޮށްދީފަ އެވެ.
ޒިޔަތު ގޭބަންދަށް ބަދަލުކޮށްފައިވަނީ ކޯޓަކުން އެގޮތަށް އަމުރުކޮށްގެންނެއް ނޫނެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ނިންމުމަކީ ހޯމް މިނިސްޓްރީން ނިންމާފައިވާ ނިންމުމެކެވެ.
ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދެއްކި ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ދައުވާ ސާބިތުވެ މިހާރު ޒިޔަތު ގެންދަވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލާގެ އިސްތިއުނާފު ހައިކޯޓުގައި ވެސް ކުރިއަށް ގެންގޮސްފައިވާއިރު އެ ކޯޓުން ވެސް ހުކުމްކުރީ ޒިޔަތަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ރަނގަޅު ކަމަށެވެ.
އޭގެއިތުރުން ވެސް އެމްއެމްޕީއާރްސީގެ ތެރެއިން ހިނގައިދިޔަ ބޮޑު ކޮރަޕްޝަނާ ގުޅިގެން ޒިޔަތުގެ މައްޗަށް 30 ދައުވާއެއް އުފުލާފައިވެ އެވެ. އެ 30 ދައުވާގެ ޝަރީއަތް ވެސް ކުރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގައި ދެން އެންމެ ބޮޑަށް ތުހުމަތު ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށެވެ. އަދީބަކީ ޒިޔަތަކީ ގާތް ދެ ބޭފުޅުންނެވެ. އަދީބު ގޭބަންދަށް ބަދަލުކޮށްދިނުމަށް އާއިލާއިން ދަނީ އެދެމުންނެވެ.
ސިއްހީ ހާލަތަށް ބެލުމަށްފަހު އަދީބު ގޭބަންދަށް ބަދަލުކުރުމަށް ހައިކޯޓުން އަމުރެއް ވެސް ނެރުނެވެ. ނަމަވެސް އެ އަމުރު ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމާ ގުޅިގެން އެ އަމުރު ތަންފީޒުނުކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަންގާފަ އެވެ. އަދީބު ގެއަށް ބަދަލުކުރުމަށްފަހު އޭގެ އަނެއް ދުވަހު އޭނާ ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.