ސިއްހަތު

އަންހެނުން ޗޮކްލެޓް ކާ ހިތްވަނީ ކީއްވެ؟

އާދަޔާ ހިލާފަށް ޗޮކުލެޓް ކާހިތްވާ ދުވަސްތައް އާދޭ ހެއްޔެވެ؟ ނޫނީ ޗޮކްލޭޓްގެ ރަހަ ލާ އެއްޗެއް އެއްގޮތަކަށް ވެސް ނުކައި ނުހުރެވޭފަހަރު އާދޭ ހެއްޔެވެ؟ މިކަމެއް ދިމާވަނީ ގިނަ ފަހަރަށް އަންހެނުންނަށެވެ. ބައެއް މީހުން އެވަރަށް ޗޮކްލެޓު ކާ ހިތް ވަނީ ކީއްވެތޯ ބަލާލަމާ ހިނގާށެވެ.

އެކި މީހުން ޗޮކުލޭޓް ކާ ހިތް ވަނީ އެކި ސަބަބުތަކާ ހެދި އެވެ. އެހެންނަމަވެސް ރިސާޗުން ދައްކާގޮތުގައި ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުން ޗޮކްލެޓް ކާ ހިތްވެއެވެ. ޗޮކުލޭޓް ކާ ހިތް ވަނީ ކޮންމެހެން ހަށިގަނޑުން ޗޮކުލޭޓް މަދުވެގެން ނޫން ކަމުގައި ވިއަސް އެއީ ޗޮކްލޭޓްގައި ހުންނަ މާއްދާއެއް ކަމުގައިވާ މެގްނީޒިއަމް އާއި އެންޓިއޮކްސިޑެންޓް ގެ ސަބަބުން ކަމުގައި ވެދާނެ އެވެ. އަދި ޗޮކުްލެޓު ގެ ސަބަބުން ސިކުނޑިއަށް ވެސް އަސަރުތަކެއް ކުރާ ކަމުގައި ވަނީ ހޯދިފަ އެވެ. ޗޮކްލެޓް ގެ ސަބަބުން ސިކުނޑީގައި ނިއުރޯޓްރާންސްމިޓާސް އާއި ޑޮޕަމައިން އިތު ރުކޮށްދިނުމުން މީހާއަށް އުފާވެރިކަން ގެނެސްދެއެވެ.

އަދި މީގެ އިތުރުން ޗޮކުލޭޓް ކާހިތްވުމަކީ މާބަނޑުދުވަސްވަރާއި މައްސަރުކަންތައް ލައިގަނެގެން އުޅޭއިރު އަންނަ ހޯމޯންތަކަށް އަންނަ ބަދަލެއްގެ ސަބަބުން ކަމަށްވުމަކީ އެކަށީގެންވާކަމައް ކަމަށް ދިރާސްތަކުންދައްކައެވެ. މިގޮތުން މެގްނީޒިއަމްގެ ބައި މަދުވުމާއި ނިއުރޯޓްރާންސްމިޓާސް އަށް އަސަރުކުރުން މިއީ މި ސަބަބާއި ހުރެ ވާކަމެއް ކަމުގައިވުން އެކަށީގެންވެއެވެ.

ޗޮކުލެޓާއި މެގްނީޒިއަމް

އެންމެ ގިނައިން މެގްނީޒިއަމް އެކުލެވިގެންވާ ކާނާ އަކީ ޗޮކްލެޓެއް ނޫނެވެ. އެހެންނަމަވެސް މެގްނީޒިއަމް މާއްދާ ގިނަ ދިހަ ކާނާތަކުގެ ތެރޭގައި ޗޮކުލެޓް ހިމެނެއެވެ. އަދި ޗޮކުލެޓަކީ މެގްނީޒިއަމް ގިނަ ކާނާތަކުގެ ތެރެއިން މީހާއަށް އުފާވެރިކަން ( ނިއުރޯޓްރާންސްމިޓާ އަދި ޑޮޕެމައިން އުފެއްދައިގެން) ގެނެސްދޭ އެއްޗެއްކަމުން ހޯމޯން އިމްބެލެންސެއްގައި ޗޮކުލޭޓް ކާހިތްވެއެވެ.
އެކި ބާވާތުގެ ފެހިކަން ކުލަ ގަދަ ފަތާއި ، ތީނި، އެވޮކާޑޯ އަދި އެކި ބާވަތް ބާވަތުގެ ނަޓްސްގެ ކޮންމެ ގްރާމެއްގައި މެގްނީޒިއަމް ހުންނަ ވަރު ގިނައެވެ. އެހެންނަމަވެސް ޑާކް ޗޮކުލެޓްގެ ކޮންމެ 100 ގްރާމެއްގައި 327 މިލިގްރާމްގެ މެގްނީޒިއަމް ހުރެއެވެ. އަދި ގިނަ މީހުންނަކީ ހަށިގަނޑުގައި މެގްނީޒިއަމްގެ ބައި މަދުވެފައި މީހުން ކަމުން ޗޮކުލޭޓް ކާ ހިތްވެދާނެއެވެ. އެހެންނަމަވެސް ހަށިގަނޑަށް ބޭނުންވާ މެގްނީޒިއަމް ހަމައެކަނި ޗޮކުލެޓުން ހޯދުމަކީ ބުއްދިވެރިގޮތެއް ނޫނެވެ.

ޗޮކުލޭޓާއި މީހާގެ ސިކުނޑި

އެންމެ ބޮޑަށް ޗޮކުލެޓު ކާ ހިތް މިވަނީ އޭގެން ސިކުނޑިއަށް އަސަރުކުރާގޮތުންނެވެ. ޗޮކުލެޓް މީރުވެފައި ކޮންމެ މީހާކަށްވެސް ޗޮކުލެޓެއް ކާލުން މި އޮންނަނީ ވަރަށް ގަޔާވާކަމަކަށްވެފައެވެ. މީގެ ސަބަބުން ޑޮޕެމައިން ބޭރުކޮށްދެއެވެ. އަދި ސިކުނޑީގައި ސެރޮޓޯނިއަން އިތުރުކޮށްދެއެވެ. ސެރޮޓޯނިއަން އަކީ ސިކުނޑީގައި މީހާގެ މުޑާއި، ނިދުމާއި އަދި ހާސްކަން ފިލުވާލާން އެހީތެރިވާ ނިއުރޯޓްރާންމިޓާއެވެ. މައްސަރުކަންތަށް ލައިގަންނަން ހަފްތާއަކަށްވުމުން އަންހެނުންގެ ސިކުނޑީގެ ސެރޮޓޯނިއަން ދަށްވެއެވެ. އެހެންކަމުން މި ދުވަސްވަރު ޗޮކުލެޓް ކާހިތްވަނީ މި ސަބަބާއި ހުރެކަމީ އަކަށީގެންވާކަމެކެވެ. ޗޮކުލެޓުގައި ތިއޯބްރޮމައިން ކިޔާ މާއްދާއެއްވެސް އެކުލެވިގެންވެއެވެ. އަދި މީގެ ސަބަބުން ހިތުގެ ވިންދު އަވަސްކޮށްދީ ގައިގަ ހަކަތަ އިތުރުކޮށްދެއެވެ.

ޗޮކުލެޓާއި އެންޓި އޮކްސިޑެންޓްސް

ޗޮކުލެޓުގައި ރަނގަޅުވަރަކަށް ފްލަވޮނޮލްސް ހިމެނެއެވެ. މިއީ މީހާ މުސްކުޅިވުމުން ދުރުކޮށްދޭ އަދި ލޭދައުރުވުމާއި ލޭގެ ޕްރެޝަރު ރަނގަޅުކޮށްދޭ އެއްޗެކެވެ. އަދި މީގެ އިތުރުން ފްލެވޮނޮލްސްގެ ސަބަބުން ލޭހޮޅިތަށް އިލާސްޓިކްކޮށްދެއެވެ.
އެހެންނަމަވެސް ޗޮކުލެޓަކީ އޭގައި ވަރަށް ގިނަ އަދަދަކަށް ހަކުރު ހިމެނޭ އެއްޗެކެވެ. އަދި ކޮމާޝަލްކޮށް އުފައްދާ ޗޮކުލެޓަކީ ކޯން ސިރަޕްވެސް ގިނަ އެއްޗެއްކެވެ. މިއީ އޭގެން ހަށިގަނޑަށް ގެއްލުންދޭއެއްޗެކެވެ. ހައިކޮލިޓީ ޗޮކުލެޓް މެދުމިންވަރަކަށް ކެއަސް ޗޮކުލޭޓް ކާހިތްވާނަމަ ހަށިގަނޑުގެ މެގްނީޒިއަމް ލެވެލް ޗެކްކުރުމަށްފަހު، ނިންޖާއި ސްޓްރެސް މަދުކުރުމަށް އިސްކަންދޭށެވެ.