ކާނާ

އިންޑިއަން ފުޑުގެ އަލް މައިދާ!

ވަރަށް ގިނައިން ދިމާވާ ދުވަސްވީ ރަހުމަތްތެރި އެކެވެ؛ ބައްދަލުވުމުން އަބަދުވެސް ދައްކަވާނީ ޓޫރިޒަމްގެ ވާހަކަ އެވެ. އެކަމަކު މި ފަހުން ވާހަކަ ބަަދަލު ވެއްޖެ އެވެ. މިހާރު މުޅީން ވެސް ދައްކަނީ ކެއުމުގެ ވާހަކަ އެވެ. ހުޅުމާލޭގައި ފެންވަރުގެ އިންޑިއަން ރެސްޓޯރެންޓެއްގެ ހުޅުވި ވާހަކަ އެވެ. އެވާހަކައެއް ދައްކާވަރުން އެތަނަށް ދާން ޖެހުނީ އެވެ.

ހުޅުމާލެއަށް ގޮސް އޭނާގެ އިންޑިއަން ފުޑުގެ ރެސްޓޯރެންޓު ހޯދައިލީ ގޫގުްލް މެޕްގެ އެހީގަ އެވެ. މިހާރު މިއޮތީ ހުޅުމާލޭގައި އަލަށް ހުޅުވި އިންޑިއަން ރެސްޓޯރެންޓް، "އަލްމައިދާ" އާހަމައަށް ފޯރާފަ އެވެ.

ނިރޮޅު މަގު ހަ ނަމްބަރު ގޯޅިއަށް ވާ ގޮތަށް ހުޅުވާފައިވާ އަލް މައިދާ ހޯދަން އެންމެ ފަސޭ ހަވާނީ ކައިރިން ފެންނަ "ލުއި ބުއިން" ކުރިމައްޗަށްވާ ގޮތަށް އޮންނަ ގޯޅި ކުރިމަތީގައި މަޑުކުރުމުންނެވެ. އެހިސާބުން ދެން މޫނު ހުރި ގޮތަށް ހިނގާލާފައި ދާންވީ އެވެ.

ރެސްޓޯރެންޓަށް ބޭރުން ބަލައިލާއިރު "އިންޑިއާވަންތަ" ގޮތެއް ހުރެއެވެ. ރެސްޓޯރެންޓްގެ އެންމެ ބޭރު ފަށަލަ ހާއްސަކޮށްފައި ވަނީ އެއާކޯން ފިނީގައި ޖެހެން ބޭނުން ނުވާ މީހުނަށެވެ. އެއީ ވެސް އެއް ފަހަރާ ގިނަ ބަޔަކަށް ތިބެލެވޭނެ އަރާމު މާހައުލެކެވެ. މިތާނގެ މުޅި މަންޒަރު ބަދަލުކޮށްލައި ދެނީ ލޮލުގައި އަޅައިގަން ހިސާބު ފިހެވި ފިހެވި އޮންނަ ބޮޑެތި ކުކުޅު އޫތަކުންނެވެ. ކުޅުދިޔައި ކުރާ ހިސާބަކީ އެއީ އެވެ.

ބޭރު ފަށަލަ ހުރަސްކޮށް ދޮރުމައްޗަށް އެރުމާއެކު އެއޮށް ހުޅުވާލައި ދިނީ "އެތެރެއަށް ވަންނަ ވާށޭ" ބުނެލުމުގެ ހިނިތުންވުމުގެ މެހުންމާދާރީއާއެކު އެވެ. އެއެއީ ހިތް ދެވޭ ހިސާބެވެ. އަދި އެއީ އަލްމައިދާގެ ފިނި ކުރި ފަށަލަ އެވެ.

މި ބައިގެ ފަރުމާ ގެނެސްފައިވަނީ ސީދާ އިންޑިޔާގެ ފުރިހަމަ ރެސްޓޯރެންޓެއްގެ ސިފައިގަ އެވެ. ގޮނޑިތަކާއި މޭޒުތަކުގެ ފާޑާއި އެތުރުން ވެސް ވަރަށް އިންޑިއަން އެވެ.

މި ވަދެވުނީ ބަނޑުހައިކަން އިހުސާސްވާ ފަށަލަ އަށެވެ. އިންޑިއަން ރެސްޓޯރެންޓެއްގެ މެނޫގައި ހިމެނޭނެ ހުރިހާ ރަހައެއް ހިމަނާފައިވާ މެނޫ ބަލާލާފައި އަހަރެން ބޭނުންވީ ބިރިޔާނީ އެވެ. އަލް މައިދާގައި ބިރިޔާނީ ހަދަނީ ހާއްސަ ޝެފެކެވެ. އެހެންވެ މި ބިރިޔާނީ މީރު ވެސް ވާނެ އެވެ. އޭނާއާއެކު މިތާނގެ ބަދިގޭގައި މުޅިން ވެސް މަސައްކަތް ކުރަނީ އިންޑިޔާގެ ތަޖުރިބާކާރު ޝެފުންނެވެ. މިތާނގެ "ޗައި" ވެސް ވަރަށް ތަފާތެވެ. އެކަން ކުރަނީ ވެސް އެކަމަށް ފަރިތަ ވަރަށް ހާއްސަ މީހެކެވެ.

ގިނަ އިންޑިއަން ރެސްޓޯރެންޓުތަކުގައި ހުންނަނީ އަޑު ގަދަކޮށް ހިނދީ ލަވަ އަޅުވާފައެވެ. އެހެންވެ ބައެއް ފަހަރު ބޮލަށް އުނދަގޫވާ ގޮތްވެ އެވެ. އެކަމަކު އަލްމައިދާގެ މާހައުލަށް ދޫކޮށްލާފައި ވަނީ ވަރަށް ލުއި ހިނދީ ރާގުގެ މިއުޒިކެވެ. ބޮލަށް ވަރަށް ފަސޭހަ އެވެ. ވަކީން ހާއްސަކޮށް މިތާނގެ ލައިޓިން ހަދާފައިވާ ގޮތާއި މޭޒުތަކުގެ ތަރުތީބު އޮތް ގޮތާއި ސްޓާފުންގެ މެހުމާންދާރީން ހިތަށް ފަސޭހަ ކޮށްދެ އެވެ.

ރަހުމަތްތެރިޔާ ގެނައީ ނާން އާއި ޗިކަން ޓިއްކާ ހިމެނޭ ގޮތަށް އިންޑިއާގެ ފުރިހަމަ ކެއުމެކެވެ. އެކި ބަވާތްތައް އަތުރާލި ހިސާބަކީ އެހެން ކަހަލަ ވަގުތުކޮޅަކަށްވި އެވެ. ކައި ނިމުމުން ލިބޭ އައިސްކިރިމީގެ އިތުރަށް އަނގަ މީރުކޮށްލާނެ އެހެން އެއްޗެއް ވެސް ދެއެވެ. އަލްމައިދާގެ އެންމެ ހާއްސަ ކަމަކީ ހުރިހާ ބާވަތްތެއް ވެސް ތައްޔާރު ކުރަނީ ސީދާ އިންޑިއާ އިން އެއްޗިހި އެތެރެކޮށް ތާޒާ ކަންމަތީގައި ކަމަށްވާތީ އެވެ.

މިހާރު މިއާދެވުނީ ބަނޑު ފުރުނު ހިސާބަށެވެ. ފިސާރި ތެދެއް ބުނެފާނަމެވެ. ހުރިހާ ރަހައެއް ވަރަށް ރަހަ ހެޔޮވަރެވެ. ވަރަށް މީރެވެ. ދެން މިއޮތީ އެންމެ ފަހު ފަށަލައަ އެވެ. ބިލު އަންނަ ހިސާބެވެ. މި ބިލްވެސް މިކިޔާ "ރީޒަނަބަލް" ފަށަލާގައި ބޭއްވޭ ވަރުވެ އެވެ. މާ ބޮޑަށް ވެސް ހިތްހަމަ ޖެހެ އެވެ. ރަހުމަތްތެރިޔާ ފަހަކަށް އައިސް އޭނާގެ ކެފޭއެއްގެ ވާހަކަ އެ ދައްކަނީ ހަމަ ދައްކާވާރު ވެގެނެވެ. އިންޑިއަން ފުޑުގައި މި ވަގުތަށް އަލްމައިދާ މިއޮތީ ކުރީގަ އެވެ.