ދުނިޔެ

ޗައިނާ މުސްލިމުންގެ ކޭމްޕުތައް ބަންދުކުރަން ތުރުކީން ގޮވާލައިފި

Feb 10, 2019
3

އަންކާރާ (ފެބްރުއަރީ 10) - ޗައިނާގައި ދިރިއުޅޭ ވީގޫރު މުސްލިމުންނަށް ޗައިނާ ސަރުކާރުން އަމަލުކުރަމުންދާ ގޮތަކީ "އިންސާނިއްޔަތަށް ލަދުވެތިކަމެއް" ކަމަށް ބުނެ އެ ކޭމްޕުތައް ބަންދުކުރުމަށް ތުރުކީ ސަރުކާރުން ގޮވާލައިފި އެވެ.

ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއް މިލިއަނަށް ވުރެ ގިނަ ވީގޫރު މުސްލިމުން ކޭމްޕުތަކުގައި ހިފަހައްޓައިގެން ގެންގުޅޭ ކަމީ މުޅި ދުނިޔެއަށް މިހާރު ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

މީގެ އިތުރުން، އަސާސީ އިންސާނީ ހައްގުތަކަށް އިހުތިރާމުކޮށް، ވަގުތުން އެ ކޭމްޕުތައް ބަންދުކުރުމަށްވެސް އެ ބަޔާނުގައި ވަނީ ޗައިނާ ސަރުކާރަށް ގޮވާލައިފަ އެވެ.

ވީގޫރު މުސްލިމުންނަކީ ޗައިނާގެ ޝިންޖަންގް ޕްރޮވިންސްގައި ދިރިއުޅޭ ބަޔެކެވެ. އެ ސަރަހައްދުގައި ދިރިއުޅޭ އާބާދީގެ 45 ޕަސަންޓަކީ ވީގޫރު މުސްލިމުން ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޓެރަރިޒަމް ހުއްޓުވުމަށް ކަމަށް ބުނެ ވީގޫރު މުސްލިމުން ކޭމްޕުތަކުގައި ހިފަހައްޓައިގެން އެތަކެއް އަނިޔާއެއް ދެމުންގެންދާ ކަމަށް އިންސާނީ ހައްގުތަކާބެހޭ ޖަމާއަތްތަކުން ގެންދަނީ ބުނަމުންނެވެ.

މިދިޔަ ޖެނުއަރީ މަހު ޗައިނާގައި ދިރިއުޅޭ މުސްލިމުން އަމަލު ކުރަންޖެހޭ ގޮތްތައް ކަނޑައަޅާ ގަނޫނެއް ޗައިނާ ސަރުކާރުން ވަނީ ފާސްކޮށްފަ އެވެ.

ރައިސް ޝީ ޖިންޕިންގެ ސަރުކާރުން ދަނީ ދީނީ ހަރުކަށިކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށްކަމަށް ބުނެ، އެ ގައުމުގައި ދިރިއުޅޭ މުސްލިމުންގެ ހައްގުތައް ހަނި ކުރަމުންނެވެ. މިގޮތުން، ޗައިނާގެ ބައެއް ސަރަހައްދުތަކުގައި، ރޯދަ ހިފުމާއި، ތުނބުޅި ދިގުކުރުމުގެ އިތުރުން، ނަމާދު ކުރުމާއި ބުރުގާ އެޅުން ވެސް ވަނީ މަނާކޮށްފަ އެވެ.