ކުޅިވަރު

އެފްއޭމްގެ ލީޑަޝިޕްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭމްގެ ލީޑަޝިޕްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައި، ކުއްލި ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދެފި އެވެ. އެކަމަށް އެދި ހުށަހެޅީ ވިކްޓްރީ ސްޕޯޓް ކްލަބްގެ ފަރާތުން އެވެ.

އެކަން ވިކްޓްރީގެ ޗެއާމަން، ޑރ. އިބްރާހިމް ނަޝީދު އަވަސްއަށް ކަށަވަރުކޮށްދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ވިކްޓްރީ އިން ހުށަހެޅި މައްސަލައިގައި 19 ކްލަބަކުން ވަނީ ސޮއިކޮށްފަ އެވެ. އެފްއޭމްގެ ކޮންގްރެސްގައި ވޯޓް ލެވެނީ 24 ކްލަބަކަށެވެ. އެފްއޭމްގެ ކޮންގްރެސް މިހާރު ތާވަލްކޮށްފައި އޮތީ، އަންނަ މަހުގެ 25 އަށެވެ.

ކުއްލި ކޮންގްރެސްއެއް ބާއްވައި ދިނުމަށް، ވިކްޓަރީން ހުށަހަޅާފައިވާއިރު މީގެ ކުރިން އެ ކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުން ދިޔައީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުންނެވެ. އެ ކުލަބުން އެ މަސައްކަތުގައި ލީޑް ކުރަން ފެށުމުން އެފްއޭއެމުން ވަނީ އެ ކުލަބު ސަސްޕެންޑް ކޮށްފަ އެވެ.

އެ ކުލަބު، ސަސްޕެންޑް ކޮށްފައި ވަނީ އެ ޓީމުގެ ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމުން އެ މަސައްކަތުގައި މިހާރު ލިޑް ކުރަނީ ރާއްޖޭގެ އެންމެ ދުވަސްވީ ކުލަބު ވިކްޓަރީންނެވެ.

ވިކްޓަރީން ރިއާޔަތް ކޮށްފައިވާ މައިގަނޑު ކަންތައްތައް

  • މި އަހަރުގެ އޭއެފްސީ ކުލަބު މުބާރާތްތަކުން ރާއްޖޭގެ ކުލަބަށް ފުރުސަތު ގެއްލިފައި ވުމުން
  • ކުލަބުތަކުން އިންތިހާބުކޮށްފައިވާ އެފްއޭއެމްގެ އެކްސްކޯއަށް، ކުލަބުތަކަށް ނޭންގި މެންބަރުން ވަކި ކުރުމާއި އައްޔަން ކުރުން
  • ބޮޑެތި ނިންމުންތައް ނިންމުމުގައި، މެންބަރު ކުލަބުތަކުގެ މަޝްވަރާ ހޯދާފައި ނުވުން
  • އެފްއޭއެމްގެ ތެރެއަށް ސިޔާސީ ކަންތައްތައް ވެއްދުން

ޑރ. ނާޝް ވިދާޅުވީ އެ ނުކުތާތައް ރިއާޔަތް ކޮށްފައި ވީނަމަވެސް، އެފްއޭއެމުން އަމަލު ކުރަމުންދާ ގޮތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކުލަބުތަކާ މެދު ތަފާތު ކުރުން ގެންގުޅުމާއި، ގަޔާ ނުވާ ކުލަބުތަކަށް ބޮޑެތި އަދަބު ދިނުންވެސް ހިމެނޭ ކަމަށެވެ.

އަދި އެފްއޭއެމް ހިންގަމުންދާ ގޮތުން، ފުޓްބޯޅައަށް ގެއްލުން ވަމުންދާކަމަށެވެ. ފުޓްބޯޅަ ވަޅުޖެހިފައިވާއިރުވެސް، ފުޓްބޯޅަ ފޯރިގަދަ ކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރަމުންދާތަން ފެނިގެން ނުދާ ކަމަށެވެ. އޭނާ ވިދާޅުވީ ކުލަބަކުން ފޮނުވާލާ އެންމެ ސިޓީއަކުން ލޯން ދީފައި އެބަހުރި ކަމަށެވެ.

ކުއްލި ކޮންގްރެސްއެއް ބޭއްވުމަށް ހުށަހަޅާފައި ވާއިރު، އެފްއޭއެމުން ވަނީ، އަހަރީ ކޮންގރެސް ބޭއްވުމަށް އަންނަ މަގު 25 ގައި ތާވަލު ކޮށްފަ އެވެ.