ވިޔަފާރި

ބީއެމްއެލް ޕާސަނަލް ލޯނު ބޮޑު ބަދަލަކާއެކު ލުއިތަކެއް ދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ލޯނުތަކުގެ ތެރެއިން، އެންމެ މަގުބޫލު "ޕާސަނަލް ލޯނު" ތަކަށް ބޮޑު ބަދަލެއް ގެނެސް، ގިނަ ބަޔަކަށް ނެގޭނެ ގޮތަށް ލުއިތަކެއް ދީފި އެވެ.

ބީއެމްއެލްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ޝަރީފު ވިދާޅުވީ އެ ބޭންކުން ދޫކުރާ ލުއި ލޯނުތަކަކީ ކަސްޓަމަރުންގެ އެންމެ ބޮޑު މަގުބޫލުތަކެއް ލިބިގެންދާ ލޯނުތައް ކަމަށެވެ. މިފަހަރު މި ގެންނަ ބަދަލުގެ މައިގަނޑު ބޭނުމަކީ މި ލޯނު ފަސޭހަކަމާއެކު ނެގޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ލޯނު ޕޯޓްފޯލިއޯގައި ހިމެނޭ އެންމެ މަގުބޫލު ލޯނު. މި ލޯނު 40،000 މީހުން ނަގައިގެން ބޭނުންކުރޭ. އެހެންވެ މި ލޯނު 300،000ރ. އާ ހަމައަށް މި އިތުރު ކުރަނީ،" ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލް އިން، ޕާސަނަލް ލޯނު ތަކަށް ގެނުވުނު ބަދަލާއެކު ލުއި އެކްސްޕްރެސް ލޯނުގެ ގޮތުގައި 300,000 ރުފިޔާ އާ ހަމައަށް ލޯނު ލިބިގެންދާނެ އެވެ. މި ލޯނު އަންބުރާ ދައްކަން ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. ލުއި އެކްސްޕްރެސް ލޯނަކީ އެއްވެސް ރަހުނަކާ ނުލައި ގަވައިދުން އެކައުންޓަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް ދޫކުރާ ލޯނެކެވެ. އަދި މިލޯނަށް އެދި ހުށަހަޅާއިރު ރަހުނެއް ވެސް ބޭނުމެއް ނުވެ އެވެ. އަދި އަމިއްލަ އަށް އެއްވެސް ހަރަދެއް ވެސް ކުރަންނުޖެހެ އެވެ.

ލޯނުތަކަށް ގެނެވުނު އަނެއް ބަދަލަކީ ކުރިން ދޫކުރި 15،000 ރުފިޔާ އާ ހަމަޔަށް ދޫކުރާ ލުއި ލޯނު ލުއި މައިކްރޯ ލޯނުގެ ގޮތުގައި ބްރޭންޑް ކުރުމެވެ. މިއީ ގަވައިދުން މުސާރަ ނުވަތަ އާމްދަނީ ނުލިބޭ ފަރާތްތަކަށް އަމާޒުކޮށް ދޫކުރާ ލޯނެކެވެ. މި ލޯނަށް ގެނެވުނު ބަދަލާއެކު އެއްވެސް ރަހުނަކާ ނުލައި 25,000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެއެވެ. މި ލޯނު ދައްކަން ފަސް އަހަރުގެ މުއްދަތެއް ލިބެ އެވެ. މީގެ އިތުރުން އާމްދަނީގެ ގޮތުގައި ކުލި ލިބޭ ފަރާތްތަކަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފް ސްޓައިލް ލޯނަށް ވެސް ވަނީ އިތުރު ފުރިހަމަ ކަމެއް ގެނެސްފައިވެ އެވެ. މިގޮތުން އެއްވެސް ރަހުނަކާ ނުލައި ފަސް އަހަރުގެ މުއްދަތަކުން އަނބުރާ ދައްކާ ގޮތަށް 100,000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެ އެވެ. އަދި މި ލޯނު ވެސް 1.5 މިލިއަން ރުފިޔާ އާ ހަމަޔަށް ނެގޭނެ އެވެ.

ބީއެމްއެލް އިން މީގެ އިތުރުން އާމްދަނީގެ ގޮތުގައި ކުލި ލިބޭ ފަރާތްތަކަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފް ސްޓައިލް ލޯނަށް ވެސް ވަނީ އިތުރު ފުރިހަމަ ކަމެއް ގެނެސްފައިވެ އެވެ. މިގޮތުން އެއްވެސް ރަހުނަކާ ނުލައި ފަސް އަހަރުގެ މުއްދަތަކުން އަނބުރާ ދައްކާ ގޮތަށް 100,000 ރުފިޔާ އާ ހަމައަށް ލޯނު ލިބޭނެ އެވެ. އަދި ރަހުނެއް ބަހައްޓައިގެން މި ލޯނު 1.5 މިލިއަން ރުފިޔާ އާ ހަމަޔަށް ނެގޭނެ އެވެ.

ޕާސަނަލް ލޯނުގެ ބަދަލު ކުރުކޮށް

  • ލުއި އެކްސްޕްރެސް 300،000ރ. އަށް ބޮޑު ކުރުން
  • ލުއި ލޯނު 15،000ރ. އިން 25،000ރ. އަށް ބޮޑު ކުރުން
  • ލައިފް ސްޓައިލް ލޯނަށް އިތުރު ފަސޭހައެއް
  • ލޯނު ދައްކަން ދޭ މުއްދަތު ފަސް އަހަރަށް އިތުރު ކުރުން

ބޭންކުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑައިރެކްޓަރު އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ ބޭންކުގެ ޕްރޮޑަކްޓްތަކަށް ބަދަލު ގެންނަނީ ކަސްޓަމަރުންގެ ޑިމާންޑަށް ބަލައިގެން ކަމަށެވެ.

"ކަސްޓަމަރުންގެ ޑިމާންޑަށް ބަލައި އަޅުގަނޑުމެން އަބަދުވެސް ދަނީ ކަސްޓަމަރުން ބޭޏުންވާ ގޮތަށް އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް ބައްޓަންކުރަމުން. މިއަދު ބޭންކުގެ ޕަރސަނަލް ލޯނުތަކަށް މިގެނެވުނު ރަނގަޅު ބަދަލުތަކާއެކު ކަސްޓަމަރުންގެ އެކިއެކި އަމިއްލަ ބޭނުންތަކަށް ފައިނޭންސް ލިބިގެންދާނެ،" ކުލްދީޕް ވިދާޅުވި އެވެ.

ލޯނު ދޫކުރާ ވަރު ބޮޑު ކުރިނަމަވެސް އެ ބޭންކުން މި ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް އެއްވެސް ބަދަލެއް ގެނެސްފައެއްނުވެ އެވެ.

ބީއެމްއެލްއިން ދަނީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސާވިސް ބޭންކިން ސެންޓަރާއި އޭޓީއެމް އަދި ޕީއޯއެސް މާޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ ގާއިމް ކޮށްފަ އެވެ.