އެސްޓީއޯ

އަތޮޅު ތެރޭ ކާޑް ވިއްކަން އެސްޓީއޯގެ އެޖެންޓުން ކަނޑައަޅަނީ

އޭޕްރީލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މާލެ އާއި އެއް އަގެއްގައި އަތޮޅު ތެރޭގައި ކާޑުގެ ބާވަތްތައް ވިއްކުމަށް ކޮންމެ ރަށަކުން އެޖެންޓެއް ކަނޑައަޅަން ނިންމައި އެކަމަށް ކުރިމަތިލާން އެސްޓީއޯއިން މިއަދު އިއުލާންކޮށްފި އެވެ.

އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ މާލެއާ އެއް އަގެއްގައި ރަށްރަށުން ކާޑު ގަންނަން ލިބޭނެ ވަކި އުސޫލެއް ކަނޑައަޅައި، ކޮންމެ ރަށެއްގައިވެސް ކާޑުގެ ބާވަތްތައް ވިއްކާނެ ހާއްސަ އެޖެންޓެއް ހޯދަން މާދަމާ އިއުލާން ކުރާނެ ކަމަށެވެ. އަދި ކާޑުގެ ބާވަތްތައް ރަށްރަށުގައި ވިއްކާނީ އެ އޭޖެންޓް މެދުވެރިކޮށްގެން ކަމަށް އަމުރު ވިދާޅުވި އެވެ.

އެގޮތުން، ކާޑުގެ ބާވަތްތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާއިން ފެށިގެން ކޮންމެ ރަށެއްގައި ހުންނަ އެސްޓީއޯގެ ބޭސްފިހާރައަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާނެ ކަމަށް އަމްރު ވިދާޅުވި އެވެ. އަދި ކާޑުގެ ބާވަތްތައް ރަށްރަށުގައި އުފުލުމަށް ނާލަށް ނަގާ ވަރު ޔަގީން ކުރެވޭނީ ޕްރޮޕޯސަލްތައް ހުށަހެޅުމުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި، އަމުރު ވިދާޅުވި ގޮތުގައި ނާލަށް ދައްކަން ޖެހޭ އަގުތައް އެޖެންޓަށް ދައްކާނީ އެސްޓީއޯ އިން ކަމުން، އަގު މަތިވެގެން ނުދާނެ އެވެ.

"އިކޮނޮމިކް މިނިސްޓްރީ އިން މިދިޔަ އަހަަރު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ތިން ޒޯނަށް ކަނޑައަޅާފައިވާ ހުރި އަގުތަކަށް ކާޑު ގެންގޮސްގެން ވިއްކޭނެ ގޮތެއް ނޯވޭ. ނާލަށް ދައްކާ އަގަށްވުރެވެސް ކުޑަ އަގަކަށް ވިއްކަން ޖެހެނީ.
އެހެންވީމާ އެއްވެސް ރަށެއްގައި ކަނޑައަޅާފައިވާ އަގަކަށް ވިއްކޭނެ އެއްވެސް ގޮތެއް ނޯވޭ. އެހެންކަމުން، އެސްޓީއޯ އިން ގަސްތު ކުރީ ނާލު އަދި ގެންދަންޖެހޭ ހަރަދު އެސްޓިއޯއިން އެ ފަރާތްތަކަށް ދޭން" އަމުރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކާޑަށް ދައްކަން ޖެހޭ ނާލުގެ އަގު ދައްކަން އެސްޓީއޯއިން ނިންމި ކަމުގައިވިޔަސް އެ އަގު ދެއްކުމަށް ދައުލަތުގެ ބަޖެޓުން ވަކި އަދަދެއް ނުނަގާނެ ކަމަށާއި އެއަގު ދައްކާނީ އެސްޓީއޯގެ އާމްދަނީގެ ތެރެއިން ކަމަށެވެ.