މާޒިޔާ

އެފްއޭއެމްއާ ދެކޮޅަށް ޓީސީ އާއި މާޒިޔާއިން ވެސް ސޮއިކޮށްފި

އެފްއޭއެމްގެ އިތުބާރު ނެތް ކަމަށް، ވިކްޓަރީ ސްޕޯޓްސް ކުލަބުން މިއަދު ހުށަހެޅި މައްސަލައިގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ޓީސީ ސްޕޯޓްސް ކުލަބުންވެސް ވަނީ ސޮއި ކޮށްފަ އެވެ.

ޓީސީއަކީ، މީގެކުރިން އެފްއޭއެމްގެ މިހާރުގެ ލިޑާޝިޕާ ގާތްގުޅުމެއް ބާއްވަމުން އަންނަ ކުލަބެކެވެ. ވިކްޓަރީން މިއަދު ހުށަހެޅި މައްސަލައިގައި ޓީސީގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ، އެ ކުލަބުގެ ރައީސް އަހްމަދު އައްބާސް އެވެ. އެފްއޭއެއެމްގެ މިހާރުގެ ލިޑާޝިޕް 2016 ވަނަ އަހަރު އިންތިހާބު ކުރިއިރު، ޓީސީން ވަނީ އިންތިހާބުގައި ބައްސާމްއަށް ތާއީދު ކުރާކަން ހާމަކޮށް، ބައްސާމްގެ ކެނޑިޑެސީ ފޯމުގައި ސޮއިވެސް ކޮށްފަ އެވެ.

ނޮވްމެބަރު 2016 ގައި ބޭއްވި އިންތިހާބުގައި، މާޒިޔާއިން ތާއީދު ކޮށްފައި ވަނީ، އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގްއަށެވެ. އެހެން ނަމަވެސް މިފަހަކަށް އައިސް، މާޒިޔާއިން ދިޔައީ އެފްއޭއެމްއާ ގާތުން މަސައްކަތް ކުރަމުންނެވެ. އެފްއޭއެމްގެ އެކުސްކޯގައި ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް، މާޒިޔާގެ ސީއީއޯ ހުސައިން ޝިފާއު 'ކޮކީ' އައްޔަން ކުރުމުން، އެފްއޭއެމްގެ ލީޑާޝިޕާއި މާޒިޔާއާ ދެމެދު ރަނގަޅު ގުޅުމެއް އޮތްކަން ހާމަވި އެވެ.

މިއަހަރުގެ އޭއެފްސީ ކަޕުން، ރާއްޖޭގެ ކުލަބުތަކަށް ފުރުސަތު ނުލިބުނު ސަބަބު ބަލަން، މިދިޔަ ޑިސެމްބަރު މަހު، ޔޫތު، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ފެކްޓް ފައިންޑިންއެއް ކޮމިޓީއެއް އެކުލަވާލުމުން، ޕަބްލިކް ޕްލެޓްފޯމުގައި އެކަމަށް މާޒިޔާއިން ފާޑުކި އެވެ. މާޒިޔާއިން އޭރު ބުނެފައި ވަނީ މިނިސްޓަރު މަހްލޫފް އެކުލަވާލައްވާފައިވާ ފެކްޓް ފައިންޑިން ކޮމިޓީގެ މަގުސަދާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ފުރަތަމަ ޑިވިޝަންގެ ކުލަބުތަކުން، އެފްއޭއެމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ތައްޔާރުވަމުން ދާކަަމށް މިދިޔަ މަހު އަޑު ފެތުރެން ފެށުމުން މާޒިޔާއިން ވަނީ އެ މަސައްކަތުގައި އެ ކުލަބުން ބައިވެރި ނުވާކަން ހާމަވާ ގޮތަށް ޓްވީޓް ކޮށްފަ އެވެ. އެހެންނަމަވެސް ސީދާ ގޮތެއްގައި ވަކި ގޮތެއް ހާމަކޮށްފަ އެއް ނުވެ އެވެ.

އެފްއޭއެމްއަށް ހުށަހެޅި ގަރާރުގައި މާޒިޔާގެ ފަރާތުން ސޮއި ކޮށްފައި ވަނީ، ޖެނަރަލް ސެކެޓްރީ އަބްދުލް ވާއްހަބް 'ވައްކޭ' އެވެ. މި މަސައްކަތުގައި އެންމެ ފުރަތަމަ ލީޑް ކުރީ ނިއު ރޭޑިއަންޓެވެ. ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން އެ ކުލަބު ސަސްޕެންޑް ކުރީ، ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ ގޮތުގައި 3.8 މިލިއަން ޔޫރޯ ނުދީ އޮތުމުންނެވެ. ނިއު ރޭޑިއަންޓްވެސް ވަނީ ގަރާރުގައި ސޮއި ކޮށްފަ އެވެ.

ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ނިއުރޭޑިއަންޓް ސަސްޕެންޑް ކުރުމުން، އެ ކުލަބުން ގަރާރުގައި ކޮށްފައިވާ ސޮއި، އެފްއޭއެމް ގަބޫލު ކުރާނެ ކަމާމެދު ސުވާލު އުފެދެ އެވެ. ނިއުގެ ފަރާތުން ގަރާރުގައި ސޮއި ކުރީ، ވައިސް ޗެއާމަން އިސްމާއީލް ޒިއާމު އެވެ.

ވިކްޓަރީން ރިއާޔަތް ކޮށްފައިވާ މައިގަނޑު ނުކުތާތައް

  • މި އަހަރުގެ އޭއެފްސީ ކުލަބު މުބާރާތްތަކުން ރާއްޖޭގެ ކުލަބަށް ފުރުސަތު ގެއްލިފައި ވުމުން.
  • ކުލަބުތަކުން އިންތިހާބުކޮށްފައިވާ އެފްއޭއެމްގެ އެކްސްކޯއަށް، ކުލަބުތަކަށް ނޭންގި މެންބަރުން ވަކި ކުރުމާއި އައްޔަން ކުރުން.
  • ބޮޑެތި ނިންމުންތައް ނިންމުމުގައި، މެންބަރު ކުލަބުތަކުގެ މަޝްވަރާ ހޯދާފައި ނުވުން.
  • އެފްއޭއެމްގެ ތެރެއަށް ސިޔާސީ ކަންތައްތައް ވެއްދުން.

މި މައްސަލަތަކަށް ރިއާޔަތް ކުރުމަށް ފަހު، ވިކްޓަރީން އެދިފައި ވަނީ އެފްއޭއެމްގެ ލީޑާޝިޕްގެ އިތުބާރު ނެތް ކަމަށް ވޯޓަށް އެހުމަށް ކުއްލި ކޮންގްރެސްއެއް ބާއްވައި ދިނުމަށެވެ. ކުއްލި ކޮންގްރެސްއެއް ބޭއްވުމަށް ހުށަހަޅާފައި ވާއިރު، އެފްއޭއެމުން ވަނީ، އަހަރީ ކޮންގރެސް ބޭއްވުމަށް އަންނަ މަގު 25 އަށް ތާވަލު ކޮށްފަ އެވެ.