ވިޔަފާރި

އިތާފުށީގައި ހަދާ ވާލްޑޮފް އެސްޓޯރިއާ މޯލްޑިވްސް ސީއެންއެންގެ ލިސްޓަށް

ސީއެންއެން އިން އެކުލަވާލި، އޭޝިއާގެ އެންމެ ހިތްގައިމު ރިސޯޓުތަކުގެ ލިސްޓުގައި މި އަހަރު ހުޅުވާ، ވާލްޑޮފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ހިމެނިއްޖެ އެވެ.

އެމެރިކާގެ ސީއެންއެން ޓްރެވަލް މި އަހަރު އަލަށް ހުޅުވާނެ 14 ރިސޯޓުގެ ތެރޭގައި ސިންގަޕޫރާއި ބެންކޮކް އަދި އިންޑިޔާގައި ހަދާ ރިސޯޓުތައް ހިމެނެ އެވެ.

މި ލިސްޓުގައި ރާއްޖޭގެ އިތާފުށީގައި ހުޅުވާ ވާލްޑޮފް އެސްޓޯރިއާ ހިމަނާފައި ވަނީ ފަސް ވަނާގަ އެވެ.

ފަޅު ހިއްކައިގެން ތިން ރަށް ހިމެނޭ ގޮތަށް ހަދާ މި ރިސޯޓު މި އަހަރު ހުޅުވާނެ އެވެ. މިއިން ކޮންމެ ރިސޯޓެއްގައި 130 ކޮޓަރި ހުރެ އެވެ. މީގެ އިތުރުން މީގެ ކޮންމެ ތަނެއްގައި 10 ރެސްޓޯރަންޓާއި ކެފޭތައް ހުރެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 30 މިނެޓުން ސްޕީޑް ލޯންޗުގައި ދެވޭ ރާސްތާގައި ހުޅުވާ އިތާފުށި ހިންގާ، ހިލްޓަން ބްރޭންޑުން މީގެ ކުރިންވެސް ރާއްޖޭގައި ރިސޯޓު ހިންގި އެވެ. ހިލްޓަންގެ އެންމެ އަގު ބޮޑު އެއް ބްރޭންޑް ކަމަށްވާ ވާލްޑޮފް އެސްޓޯރިއާގެ ބްރޭންޑުގެ ދަށުން ކުރިން ރާއްޖޭގައި މަނަފަރު ރިސޯޓު ވެސް ހިންގި އެވެ.