ހަބަރު

އެމްޑީޕީގެ 10 ކެންޑިޑޭޓެއްގެ ފޯމް ބަލައިނުގަތް

Feb 10, 2019
4

އެމްޑީޕީގެ ފަރާތުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި 86 ފޯމްގެ ތެރެއިން 10 ފޯމެއް ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް އަވަސްއަށް ވިދާޅުވީ އެ 10 ފޯމް ބަލައިނުގަތުމަށް ނިންމީ، ބޭނުންވާ ބައެއް މައުލޫމާތު ހަމަނުވާތީ ކަމަށެވެ. އަނެއް 76 ފޯމް ބަލައިގަތުމަށްފަހު ފޯމް ބަލައިގެންފައިވާކަން އެ ކެންޑިޑޭޓުންނަށް މިއަދު ވަނީ އަންގާފަ އެވެ.

އެމްޑީޕީގެ 10 ކެންޑިޑޭޓެއްގެ ފޯމް ބަލައިގަނެފައިނުވާއިރު އެއީ ކޮން 10 ކެންޑިޑޭޓުންނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އިލެކްޝަން ކޮމިޝަނަށް އެމްޑީޕީގެ 86 ކެންޑިޑޭޓުން ފޯމް ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު އެވެ. އެކަމަށް ކެންޑިޑޭޓުން ދިޔައީ ސަޕޯޓަރުންނާއެކު އުފާ ފާޅުކުރަމުން މަގުމަތީ ހިންގަވާފަ އެވެ.

ގާނޫނުގައިވާ ގޮތުން މަޖިލީހުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ފޯމް އީސީއަށް ހުށަހަޅާތާ 48 ގަޑިއިރު ތެރޭގައި އެ ފޯމްގެ ސައްހަކަން ބަލައި އެފަރާތަށް އަންގަންޖެހޭނެ ކަމަށެވެ.

އަންނަ ރައްޔިތުން މަޖިލިސް އިންތިހާބު އޮންނާނީ އޭޕްރިލް މަހުގެ ހަވަނަ ދުވަހު އެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންްގެ ފޯމްތައް މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.