ވިޔަފާރި

އެޗްއާރް ކޮންވެންޝަންގައި ރަޖިސްޓްރީވާން ހުޅުވާލައިފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިޔުމަން ރިސޯސް ޕްރެޕެޝަނަލްސް (އެމްއޭއެޗްއާރްޕީ) އިން ނޭޝަނަލް ކޮންވެންޝަން އެންޑް އެކްސްޕޯގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފި އެވެ.

މާގިރި ހޮޓަލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއޭއެޗްއާރްޕީ ނުވަތަށް މަހާޕްގެ ފަރާތުން މައުލޫމާތު ދެއްވަމުން މަހާޕްގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރު އަހްމަދް މުހައްމަދް ދީދީ ވިދާޅުވީ، މި އެކްސްޕޯ ގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މާޗު ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެކްސްޕޯ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާޗު 4 ކުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކަމަށެވެ.

އެޗްއާރް އެކްސްޕޯ ފުރަތަމަ ފަހަރަށް ބާއްވާފައިވަނީ މިދިޔާ އަހަރުގެ ފެބްރުއަރީ މަހު އެވެ. އަހްމަދް ވިދާޅުވީ މިއަހަރު ބާއްވާ އެކްސްޕޯގައި ރާއްޖޭ އަދި ރާއްޖޭން ބޭރުގެ އެޗްއާރް ޕްރެފެޝަނަލުން މައުލޫމާތު ދެއްވާނެ ކަމަށެވެ. އެގޮތުން ރާއްޖޭން ބޭރުގެ ހަ މީހަކު އަދި ރާއްޖޭގެ ނުވަ މީހަކު އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް މައުލޫމާތު ދެއްވާނެ އެވެ. އޭނާ ވިދާޅުވީ، އެޗްއާރް އެކްސްޕޯ ބޭއްވުމުގެ މަގްސަދަކީ މިދާއިރާ އިތުރަށް ތަރައްގީކޮށް، ފަންނުވެރިން އުފެއްދުން ކަމަށެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ އެކްސްޕޯގެ ތީމްއަކީ "ފިއުޗާ އޮފް އެޗްއާރް އެންޑް ވޯކް" ކަމަށެވެ. ބައިވެރިންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ވެސް މިތީމުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަހްމަދް ވިދާޅުވީ، މިއެކްސްޕޯ އަކީ، ވޮލްޑް އެޗްއާރްޑީ ކޮންގްރެސް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި ޗާޓެޑް އިންސްޓިޓިއުޓް އޮފް ޕާސަނަލް މެނޭޖްމެންޓް އިބް އެންޑޯސްކޮށްފައިވާ އެކްސްޕޯ އެއް ކަމަށެވެ.

ހާޕް ގެ ވައިސް ޕްރެސިޑެންޓް އަހްމަދް އިބްރާހީމް ވިދާޅުވީ، އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު 300 މީހުނަށް ހުޅުވާލައިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް ހިޔުމަން ރިސޯސް އާ ބެހޭގޮތުން މައުލުމާތު ދިނުމުގެ އިތުރުން އެހެނިހެން ދާއިރާތަކުގެ މައުލޫމާތުވެސް ދޭނެ ކަމަށެވެ.

އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުން ރަޖިސްޓްރޭޝަންގެ ގޮތުގައި ވަކި އަދަދަކަށް ފައިސާ ދައްކަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން މަހާޕް ގެ މެމްބަރުންގެ ގޮތުގައި މިހާރުވެސް ތިއްބެވި ފަރާތްތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 99 ޑޮލަރު، އަދި އެކްސްޕޯގައި ބައިވެރިވާ އާއްމުން އެކްސްޕޯ ކުރިއަށްދާ ދެދުވަހަށް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 149 ޑޮލަރު އަދި އެއް އަހަރުގެ މުއްދަތަށް މަހާޕްގެ ގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން 129 ޑޮލަރު ދައްކަން ޖެހޭނެ އެވެ.