ދުނިޔެ

ޝަރުތާ އެކު ގްރީސް އިން ގޮތް ދޫކޮށްފި، ވޯޓުގެ ކުރިން ވާހަކަދައްކަން ޔޫރަޕުން ދެކޮޅު!

Jul 2, 2015

އިގްތިސާދީ މައްސަލަތަކެއްގެ ތެރޭގައި އޮތް ގްރީސް އިން ޝަރުތުތަކާ އެކު ގޮތް ދޫކޮށް، އާ އެހީގެ ޕްރޮގްރާމަކަށް އެދި ހުށަހެޅި ހުށަހަޅުމާ މެދު، އަންނަ އާދިއްތަ ދުވަހު ނަގަން ހަމަޖެހިފައިވާ ހިޔާލު ހޯދުމުގެ ވޯޓުގެ ކުރިން މަޝްވަރާ ނުކުރަން ޔޫރަޕްގެ ވެރިން ނިންމަވައިފި އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ދައްކަންޖެހޭ 1.6 ބިލިއަން ޔޫރޯގެ ލޯނު ދައްކަން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ކަނޑައަޅާފައި އޮތް ސުންގަޑި ހަމަވިއިރު އެ ލޯން ނުދެއްކި، ގްރީސް ވަނީ ދަރަނިވެރިވެފަ އެވެ. އެއާ އެކު، ޔޫރަޕުން ވަނީ އަންގާރަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވި އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރަން ދެކޮޅު ހަދާފަ އެވެ.

މި މައްސަލަގަނޑުގެ ސަބަބުން ގްރީސް ބޮޑު އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައި ވާއިރު، ބޮޑުވަޒީރު އެލެކްސިސް ސާޕާޒް ވަނީ އާ ހުށަހެޅުއްވުމެއް ޔޫރަޕްގެ ވެރިންނަށް އިއްޔެ ހުށަހަޅުއްވާފަ އެވެ. އެއީ މުއްދަތު ހަމަވި އެހީގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ޔޫރަޕުން އޭރު ހުށަހެޅި ގިނަ ކަންތައްތަކަށް، ބޮޑެތި ޝަރުތުތަކާ އެކު އެއްބަސްވެފައިވާ ހުށަހެޅުމެކެވެ. އަދި ޔޫރަޕުން ގާއިމްކޮށްފައިވާ ބެއިލްއައުޓް ފަންޑުން، 29.1 ބިލިއަން ޔޫރޯގެ ތިން ވަނަ ލޯނެއް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ގްރީސް އަށް ދިނުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.

އެ ގޮތަށް ނިންމީ އެ ޕްރޮގްރާމްގެ މުއްދަތު ފަސް މަސްދުވަހަށް އިތުރުކުރުމާ ގުޅޭ ގޮތުން އެ ގައުމުގެ އާ ސަރުކާރާ އެކު ހޫނު މަޝްވަރާތަކެއް ކުރަމުންދާތާ ފަސް މަސްދުވަސް ވެފައި ވަނިކޮށެވެ. އެކަމަކު، އެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ހޮނިހިރު ދުވަހު ނިންމާލައި، އެހީގެ ޕްރޮގްރާމް އިތުރަށް ކުރިއަށް ނުގެންދަން ވަނީ ނިންމާފަ އެވެ. އެ ގޮތަށް ނިންމީ، މަޝްވަރާތައް ކުރިއަށް ދަނިކޮށް، އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރުމާ މެދު ގްރީސްގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ބޮޑުވަޒީރު ސިޕްރާސް ކުއްލި ގޮތަކަށް ހުށަހެޅުއްވުމުންނެވެ.

އިމަޖެންސީ ފައިސާގެ ގޮތުގައި ގްރީސްގެ ބޭންކުތައް ދޫކުރަން އީސީބީން ކަނޑައަޅާފައި އޮތީ ޖުމްލަ 89 ބިލިއަން ޔޫރޯ އެވެ. އެކި ފަހަރު މަތިން އެ އަދަދު ދޫކުރަމުން ދާއިރު، މިހާރު ބާކީ އޮތް މިންވަރެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، ބާކީ އޮތް މިންވަރު ހަމަވުމުން ދެން ގްރީސްގެ ބޭންކުތަކަށް އީސީބީން ފައިސާއެއް ނުދޭނެ އެވެ.

ފައިސާ ނަގަން ގޮސް ތިބި އެތައް ހާސް ބައެއްގެ ދިގު ކިއޫތަކުން މިދިޔަ ހަފުތާއެއްހާ ދުވަހު ތޮއްޖެހިފައި އޮތް ގްރީސްގެ ބޭންކުތަކުން އާއްމުންނަށް ފައިސާ ދޫކުރަމުން ދަނީ އީސީބީން ދެމުންދާ އިމަޖެންސީ އެހީގެ ތެރެއިންނެވެ. އެކަމަކު، އެ އެހީ ދެން ނުލިބޭނެތީ ފައިސާ ނަގަން ބޭނުންވާ މީހުންނަށް ފައިސާ ދޫކުރެވޭނެ އިތުރު ގޮތެއް ނޯންނާނެ އެވެ. އެހެންވެ، ބޭންކުތައް ބަނގުރޫޓުވެ، ބައެއް ބޭންކުތައް ދާއިމީކޮށް ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

އިމަޖެންސީ އެހީ އިތުރު ނުކުރަން އީސީބީން ނިންމުމާ އެކު އެ ގައުމުގެ ބޭންކުތަކާއި ހިއްސާގެ ބާޒާރު ވަގުތީ ގޮތުން ބަންދުކޮށް، ގައުމުން ފައިސާ ބޭރުކުރުން ވަނީ ހުއްޓާލާފަ އެވެ. އަދި އަމިއްލަ ބޭންކް އެކައުންޓުން ދުވާލަކު މީހަކަށް ނެގޭނީ ގިނަވަގެން 60 ޔޫރޯ ކަމަށާއި ކޮންމެހެން ބޭނުންވެގެން ނޫން ގޮތަކަށް، ހުއްދަ ލިބިގެން ނޫނީ ގައުމުން ބޭރަށް ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ގޮތަށް ވެސް ހަދާފަ އެވެ.

އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރަން ޔޫރަޕިއަން ކޮމިޝަނާއި އައިއެމްއެފް އަދި އީސީބީން ދެކޮޅު ހެދީ އެ ފަރާތްތަކުން ގްރީސް އަށް ކުރިމަތިކުރާ ބައެއް ޝަރުތުތަކަށް ދޫ ދޭން، ޖެނުއަރީ މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ވެރިކަމަށް އައި ވާތު ފިޔައިގެ ސަރުކާރުން ބޭނުން ނުވުމުންނެވެ. އޭގެ ތެރޭގައި ބަޖެޓުން ފައިސާ އުނިކުރުމާއި ޕެންޝަން ކުޑަކޮށް، ޖީއެސްޓީ ބޮޑުކުރުމުގެ އިތުރަށް އާއްމުންނަށް ދެމުންދާ ބައެއް ކަހަލަ މާލީ އިނާޔަތްތައް ހުއްޓާލުން ހިމެނެ އެވެ.

ގްރީސްގެ ދަރަނި ވަނީ 320 ބިލިއަން ޔޫރޯ އަށް އަރައިފަ އެެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) މެދުވެރިވެގެން، އީސީބީ އާއި ޔޫރަޕިއަން ކޮމިޝަން އަދި އައިއެމްއެފުން އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ގްރީސް އަށް މާލީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ގްރީސް އަށް ފައިސާ ލިބެމުން ދިޔަ ހަމައެކަނި ގޮތް ބަންދުވުމުގެ އިތުރަށް، އައިއެމްއެފް އަށް ދަރާފައި ވާއިރު، ގްރީސް އިން ޔޫރޯ ބޭނުން ކުރުން ހުއްޓާލަން މަޖުބޫރުވާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ. އެހެން ވެއްޖެ ނަމަ، ގްރީސް އަށް ޖެހޭނީ އަމިއްލަފައިސާއެއް ޖަހާށެވެ. އެކަމަކު، އެ ހާލަތަށް ހިނގައްޖެ ނަމަ ގްރީސްގެ އިގްތިސާދު މެނޭޖްކުރެވިދާނެތޯ ސުވާލު އުފެދެ އެވެ. އަދި އެފަދަ ހާލަތެއްގައި މުޅި ޔޫރޯޒޯނަށް ކުރާނެ އަސަރުތަކާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.