ހަބަރު

ކާނާ ވިހަވި ކަމަށް ބުނާ ބުނުން ފެލިވަރުން ދޮގުކޮށްފި

Feb 10, 2019

ފެލިވަރުގައި ހިންގާ މިފްކޯގެ ދަޅުމަސް ބަންދު ކުރާ ބިޔަ ކާރުހާނާގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ކާނާ ވިހަވެގެން އުޅޭ ކަމަށް ފެތުރިފައިވާ ހަބަރު މިފްކޯ އާއި ފެލިވަރުން ދޮގު ކޮށްފި އެވެ.

ގާތްގަނޑަކަށް 800 އެއްހާ މުވައްޒަފުން މަސައްކަތް ކުރާ އޮޕަރޭޝަނެއް އޮންނަ ފެލިވަރުގެ ކާރުހާނާގައި މަސައްކަތް ކުރާ ބިދޭސީ ތިން މުވައްޒަފަކު ބޭރަށް ހިންގި ނަމަވެސް އެ ކާރުހާނާގެ މުވައްޒަފުން ކާނާ ވިހަވެގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އެ ތަނުން މިއަދު ވަނީ ދޮގު ކޮށްފަ އެވެ. އެ ކާރުހާނާގައި އެފަދަ އެއްވެސް ސީރިއަސް ހާދިސާއެއް ނެތް ކަމަށް ވެސް މިއަދު ބުންޏެވެ.

ކާރުހާނާއިން އެހެން ބުނި އިރު ހެލްތު މިނިސްޓްރީން މިއަދު ޓްވީޓެއްކޮށް ބުނެފައި ވަނީ ފެލިވަރުގައި ކާނާ ވިހަވަގެން އުޅޭ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

ފެލިވަރު ކާރުހާނާގެ ރައްކާތެރި ކަމާބެހޭ ގޮތުން ލިޔެފައިވާ ރިޕޯޓެއް

ޖަޕާނާއި ދިވެހި ސަރުކާރުން ހެދި ޖޮއިންޓްވެންޗާއެއްގެ ދަށުން ފެލިވަރު ފެކްޓްރީ ހަދަން ނިންމީ 1977 ވަނަ އަހަރު އެވެ. ފެކްޓްރީ ރަސްމީކޮށް ހުޅުވައި މަސް ބަންދު ކުރުމުގެ މަސައްކަތް ފެށީ ފެބްރުއަރީ 3، 1978 ވަނަ އަހަރު އެވެ. ފެލިވަރުގައި ދަޅު މަސް ބަންދު ކުރާތާ 40 އަހަރުވެފައިވާއިރު ކާނާ ވިހަވުމުގެ ހާދިސާއެއްގެ ތުހުމަތު މީގެ ކުރިން ކޮށްފައެއް ނުވެއެވެ.

ފެލިވަރު ފެކްޓްރީގެ ސާފާތާހިރު ކަމުގެ މިންގަނޑުތައް ބެލެހެއްޓުމަށްޓަކައި ފާރަވެރިވާ މިނިވަން އޮޑިޓަރުންގެ ގޮތުގައި ރާއްޖޭގެ އެމްފެޑީއޭ އާއި މެރިން ސްޓްވާޑް ކައުންސިލް އާއި އެމެރިކާ އާއި އިނިގޭސިވިލާތުގެ ގައުމީ ފެންވަރުގެ ބޮޑެތި ލެބޯޓެރީތައް ތިބެ އެވެ.