ދިވެހި ސިނަމާ

މާދަމާ "40 ޕްލަސް"ގެ ޓިކެޓް ވިއްކަން ފަށަނީ

ނޯޓީ ފޯޓީގެ ސީކްއެލް، "40ޕްލަސް" ރިލީޒް ކުރާނެ ތާރީހު ފަސް ކުރުމަށްފަހު، މާދަމާއިން ފެށިގެން ޓިކެޓު ލިބެން ހުންނާނެ ކަމަށް ފިލްމު އުފައްދާ ފަރާތުން ބުނެފި އެވެ.

މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ޕްރިމިއާ ކުރާ ފިލްމު "40ޕްލަސް" އަންނަ މަހު ފަހަކަށް ފަސް ކޮށްފައި ވަނީ ނެޝަނަލް ސެންޓަ ފޮ އާޓްސް (އެންސީއޭ) ގެ އިވެންޓަކަށް އޮލިމްޕަސް މި މަހުގެ 27 އާއި 28 އަށް ބޭނުން ވެގެނެވެ.

ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ބުނީ މާދަމާއިން ފެށިގެން ޓިކެޓް ލިބޭނެ ކަމަށެވެ.

އޭނާ ބުނީ ފިލްމު ޓިކެޓުތައް ވިއްކުމުގެ ބުކިންގްވެސް ކުރިއަށްދާ ކަމަށާއި ޓިކެޓް ލިބެން ހުންނާނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު ދޭކުން ފެށިގެން ހަޔަކަށް އަދި ރޭގަނޑު އަށަކުން ފެށިގެން ދިހަ އަކަށް ކަމަށެވެ.

އަންނަ މަހު ފަހެއްގައި ޕްރިމިއާ ކުރާ މި ފިލްމަކީ މަޖާ އެކަމަކު ބިރުވެރި ހާދިސާތަކެއް ވެސް ހިމެނޭ ފިލްމެކެވެ. މި ފިލްމަކީ ޝަފީގު ޕްރޮޑިއުސްކޮށް، ފިލްމީ ތަރި ޔޫސުފް ޝަފީއު ޑައިރެކްޓް ކުރާ ފިލްމެކެވެ.

މައިގަނޑު ތަރިންނަކީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު، އަހްމަދު އީސާ، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. މީގެ އިތުރުން ދިވެހި ސިނަމާ އަށް އާ މޫނުތަކެއްވެސް މި ފިލްމުގައި ފެންނާނެ އެވެ.