ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން ފާރަލަމުންދިޔަ ބޮރޫޝިއާ ޑޯޓްމަންޑްގެ ޖަރުމަން މިޑްފީލްޑަރު އިލްކޭ ގުންޑޮގާން އެ ކްލަބުގެ ކޮންޓުރެކްޓް އާކޮށްފި އެވެ.
ޑޯޓްމަންޑް ބުނީ ޖަރުމަންގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ގުންޑޮގާން ވަނީ 2017 ވަނަ އަހަރާ ހަމައަށް އެ ކްލަބުގެ ކޮންޓުރެކްޓް އާކޮށްފަ އެވެ.
ގުންޑޮގާން ޑޯޓްމަންޑްގެ ކޮންޓުރެކްޓް އާކުރީ ބަޔާން މިއުނިކާއި ބާސެލޯނާ އަދި މެންޗެސްޓާ ޔުނައިޓެޑުން އޭނާ އަށް ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފައި ވަނިކޮށެވެ.
ނިއުރެމްބާގް އިން 2009 ވަނަ އަހަރު ޑޯޓްމަންޑަށް ބަދަލުވި ގުންޑޮގާން ،24، ވަނީ ޑޯޓްމަންޑަށް 117 މެޗު ކުޅެ، 12 ލަނޑު ޖަހައިފަ އެވެ.
މިދިޔަ އަހަރު ގުންޑޮގާން އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާގެ މުސްތަގްބަލާމެދު ސުވާލު އުފެދިފައި ވަނިކޮށް، ޑޯޓްމަންޑް އިން ވަނީ އޭނާގެ ކޮންޓުރެކްޓް އާކޮށްފަ އެވެ. އެ އަނިޔާގެ ސަބަބުން ގުންޑޮގާން 14 މަސް ދުވަސް ކުޅުމާ ދުރުގައި ހޭދަކުރި އެވެ.