ހަޔާތުގެ ސަފުހާތަކުގެ ތެރެއިން އަބަދުވެސް ހަނދާނުގައި ބަހައްޓަން ބޭނުން އެއް ކަމަކީ ކައިވެންޏެއް ކުރާ ދުވަހެވެ. ކައިވެނީގެ އުފަލުގައި އާއިލާއާއި ރަހުމަތްތެރިން އަދި އަވަށްޓެރިން ބައިވެރި ކުރަން ބާއްވާ ޕާޓީ އެއީ ހަނދާނުން ފޮހެވެން ބޭނުންވާނެ ދުވަހެއް ނޫނެވެ. ފަންޖަހައިގެން ގޭތެރެ ޒީނާތްތެރިކޮށް ބޮކި ފަތި ލާފައި ބޭއްވި ކައިވެނި ޕާޓީތައް ހަނދާން އެބަހުރި ހެއްޔެވެ؟ ގެއެއްގައި ކައްކާ ބޮޑު ނޫޑްލްސް ތެލިި ގެންގޮސް ސްކޫލެއްގައި ކާން ހަދައިގެން ބޭއްވި ކައިވެނި ޕާޓީތައް ހަނދާން ހުރޭ ހެއްޔެވެ؟ އެއީ ސަޅި ޕާޓީތަކެވެ. މިހާރު އެދުވަސްވީ މާޒީގެ ތެރޭގަ އެވެ. ކައިވެނި ޕާޓީތަކަށް މިހާރު މިއޮތީ ބޮޑު ބަދަލެއް އައިސްފަ އެވެ.
ކައިވެނި ޕާޓީގެ ހެދުން
އަންހެނެއް ނަމަ އަބަދުވެސް ކައިވެނި ހަފުލާގައި ލާނެ ހެދުމާމެދު ހިޔާލުކުރެ އެވެ. ގަޔަށް އެންމެ ނަލަކޮށް އަދި އެންމެ ރީތީ ގޮތަށް ހެދުން ފެހުމަށް ކައިވެނީގެ ކުރިން ދުރާލާ ތަފާތު ހިޔާލުތައް އެއްކޮށް ނަމޫނާ ބަލައި ފޮތި ގަނެ އެވެ. މި މަސައްކަތް މި އޮންނަނީ އެންމެ ގާތް ރަހުމެތްތެރިން، ނުވަތަ މަންމައިންނާއެކު ހޭދަކުރާ ހާއްސަ ވަގުތަކަށް ވެސް ވެފައެވެ.
ރީތި ނަލަ ދިގުހެދުމުން ފެށިގެން ހުޅަނގުގެ ގައުމުތަކާއި އިންޑިއަން ތީމަށް ހެދުން އަޅާގޮތް ވަނީ ދިވެހި ކައިވެނި ޕާޓީތަކަށް ވަދެފަ އެވެ. ކުލަކުލައިގެ ފުއްޕި ވެޑިންގް ޑްރެސްތަށް 2000 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ވެސް މަގުބޫލު ވެގެން ދިޔަ އެވެ. ނަމަވެސް މިހާރު ބޮޑަށް މަގުބޫލީ ހުޅަނގުގެ ގައުމުތަކުގައި ވެސް ބޭނުން ކުރަމުން އަންނަ ތަފާތު އެކި ޑިޒައިންތަކުގެ ކައިވެނި ޕާޓީއަށް ހާއްސަ ހުދު ހެދުމެވެ.
ކައިވެނި ޕާޓީއަށް ހާއްސަ މާބޮނޑިއެއް
ކައިވެނި ހެދުމާއި އެއްފަދައިން ކައިވެނި ކުރާ އަންހެންމީހާ ހިފާލައިގެން ހުންނަ މާ ބޮނޑި މިއީ ނުވަދިހައިގެ އަހަރުތަކުގައި ވެސް ފެންނަމުން އައި ކަމެކެވެ. ނަމަވެސް މީހުން މިހާރު މި މާ ބޮނޑިތައް ހަދަނީ ގުދުރަތީ މަލުގެ ބަދަލުގައި ފޯމް ނުވަތަ ސިލްކުން ހަދާފައިވާ މާ ތަކަކުން ތައްޔާރު ކޮށްގެނެވެ.
ގިނަ މީހުން މިގޮތަށް މާބޮނޑި ބޭނުންވަނީ ހަޔާތުގައި އަންނަ މި ބޮޑު ދުވަހު ބޭނުންކުރާ މާތައް ހަލާކުވެ އުކާލުމުގެ ބަދަލުގައި ރައްކާ ކުރުމަށެވެ. ވިއްކަން ހުންނަ މި ފަދަ މާތަކުން ތައްޔާރު ކުރާ މާބޮނޑިތަކުގެ ފަރި ކަމުން އަސްލު މަލާއި ވަކި ނުކުރެވެ އެވެ. މިގޮތަށް މާ ބޮނޑި ހަދައިގެން ވިއްކުމަކީ ވެސް ދިވެހިން ވާދަވެރިކޮށް ކުރާ ވިޔާފާރިއެކެވެ.
ޕާޓީގެ މިއުޒިކް
ކައިވެނި ޕާޓީތަކުގައި ސޮފްޓް މިއުޒިކެއް ޖެހުން ނުވަތަ ލައިވް ބޭންޑެއް ކުޅުން އޭރުވެސް ހިތްގައިމެވެ. މިހާރުވެސް ހިތްގައިމެވެ. އެހެންނަމަވެސް މިހާރު ކައިވެނި ޕާޓީތަކުގައި ސެލްފީ ފޮޓޯ ނެގުމާއި ސޯޝަލް މީޑިއާގެ ފޯރި މިއުޒިކަށް ވުރެ މާގަދަ އެވެ. ކައިވެނި ކުރާ ދެމަފިރިއެއްގެ ނަމާއެކު ހޭޝްޓެގެއް އިންސްޓަގްރާމުގައި ނުވަތަ ފޭސްބުކްގައި ކޮންމެހެން ވެސް ދައުރުވުން މަޖުބޫރެވެ. އަދި ޕާޓީއަށް އަންނަ މެހުމާނުން ފޮޓޯ ނެގުމަށް ހާއްސަ ޕްރޮޕްސްތަކެއް ވެސް ބަހައްޓާފައި ހުރެއެވެ.
ބްރައިޑްސް މެއިޑުންގެ ފައްކާ ދައުރު
ސޯޝަލް މީޑިއާގައި ކައިވެނި ފޮޓޯތަށް ދައުރުވާއިރު، ކައިވެނިކުރާ މީހާގެ ހެދުމަށްފަހު ދެން އެންމެ އަޅައިގަންނަނީ ބްރައިޑްސް މެއިޑުންގެ ހެދުންތަކެވެ. އާއްމުކޮށް އެއްކުލައަކުން ނުވަތަ އެއް ކުލައެއްގެ އެކި ޝޭޑްސް އިން ފަހައިގެން މި ހެނދުންތައް ލައިގެން ތިބޭ ގްރޫޕްގެ ފަރި ކަމަކީ ކައިވެނިކުރާ މީހާގެ އެ ދުވަހަށާއި ހަފްލާއަށް ގެންނަ އިތުރު ނަލަ ކަމަކާއި ފުރިހަމަ ކަމެކެވެ. މީގެ އިތުރުން ކައިވެނު ކުރުމުގެ ކުރިން ހާއްސަ ބްރައިޑް ޝަވާއެއްގެ ގޮތުގައި މި އަންހެން ގުރޫޕް ކައިވެނި ކުރާ އަންހެން މީހާއަށް ހާއްސަކޮށް އެކި އެކި ގޭމުތަކާއި ކޭކައެކު އޮންނަ ކުޑަ ޕާޓީއެއް ބާއްވައެވެ.
ވެޑިން ތީމްތައް
ކުރިން ފަންޖަހާ ދޮންވެލި ލައި ކުލަ ބޮކި ފަތިލާ ދަމައިގެން ޕާޓީ ބާއްވާތަން ޒީނަތްތެރި ކުރިޔަސް މިހާރު ޕާޓީ ޒީނަތްތެރި ކުރަނީ ވަކި ހާއްސަ ތީމެއްގެ ދަށުންނެވެ. އަދި މިގޮތަށް ޒީނަތްތެރިކުރުމަށް ރަސްޓިކް އާއި ވިންޓޭޖް ތީމް މިއީ ގިނަ ބަޔަކު ގަޔާވޭ ތީމްތަކެވެ. ބީޗް ވެޑިން އަށް ވެސް އަންނަނީ ބޮޑު ތަރުހީބަކާއެކު މަގުބޫލު ވެގެނެވެ. އަދި ދިވެހި ތީމާއި އިންޑިއަން ތީމާއި އަރަބި ތީމްއަކީ ވެސް ވެޑިންގެ ގޮތުގައި ގިނަބަޔަކު ހިޔާރު ކުރަމުން އަންނަ ތީމްތަކެވެ.
މީގެ އިތުރުން ކުރިން ގިނަ ފަހަރަށް ރޭގަނޑުގެ ފަރިއްކޮޅަކަށް ދައުވަތުދިން ކަމުގައި ވިއަސް މިހާރު ކައިވެނި ޕާޓީތައް މަޑުމަޑުން ހަވީރު ސަޔަކަށް ބަދަލުވާ ކަހަލަ ޓްރެންޑެއް ވެސް އެބައޮތެވެ.
ވެޑިން ކޭކާއި ސުފުރާއަށް ބަދަލުތަކެއް
ގޮތް ބޮޑުކޮށް އުސްކޮށް ހުންނަ ކޭކްތަކަށްވުރެ މިހާރު ބޮޑަށް ހިނގަނީ ސިމްޕަލް އަދި މިނިމަލިސްޓިކް ކޭކުތަކެވެ. ކޭކުގެ އިތުރުން ތީމާއި ގުޅޭ ޑެޒާޓް ޓޭބަލްތަށް ވެސް ހަދާ ތައްޔާރު ކޮށްފައި ހުރުން މިހާރު ވަނީ ރަނގަޅަށް ވައިގައި ހިފާފަ އެވެ. ސުފުރާތަކުގައި ނުހުންނަ އެއްވެސް އެއްޗެއް ނެތޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެއެވެ. އެކި އެކި ގައުމުތަކުގެ ކޫޒީންތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސުފުރާގެ އިތުރުން ޑައެބެޓިކް މީހުންނަށް ހާއްސަ ސުފުރާތަކަކީ ކޮންމެހެން ވެސް ފާހަގަ ކޮށްލަން ބޭނުން ކަމެކެވެ.
ކާޑް ބަހާނީ ވައިބާ އިން
ޕާޓީގެ ދައުވަތު ކާޑު ޕްރިންޓްކޮށްގެ ނުލިބޭނަމަ ކުރިން ޕާޓީތަކަށް ނުދެއެވެ. ނަމަވެސް މިހާރު މިކަންވެސް ބަދަލުވެ، ގިނަ މީހުން ދައުވަތު ކާޑު މި ބަހާލަނީ ސޯޝަލް މީޑިއާއާއި ޗެޓް އެޕްލިކޭޝަންތަކަށެވެ. މިގޮތުން ކާޑް ވައިބާގައި ފޯވަޑްކޮށްލުމުން ދައުވަތު އެރުވުނީ އެވެ.
ކައިވެނި ޕާޓީތަކަށް ގެންދާ ސިޓީއުރަ
އެއް ޒަމާނެއްގައި ކޮންމެވެސް ގުޅިއެއް ފޮޓޯ ލޯގަނޑެއް ނުވަތަ ބިއްލޫރި ތަށި ސެޓެއް ނުލައި އެއްގޮތަކަށް ވެސް ޕާޓީތަކަކަށް ނުދެއެވެ. މީގެ ބަދަލުގައި މިހާރު ގެންދަނީ ސިޓީއުރައެކެވެ. ކައިވެނިކުރާ ދެ މީހުން ބޭނުން ގޮތަކަށް ހަރަދު ކުރުމަށް ދޭނެ ފައިސާ ކޮޅެކެވެ. އެހެންނޫނީ ކޮންމެވެސް ބޭންކެއްގެ ގިފްޓް ކާޑެއެވެ.
ކައިވެނި ޕާޓީތަކުގެ ވައްޓަފާޅި އައި މި ބަދަލުތަކާއެކު ކައިވެނި ޕާޓީތައް ފުރިހަމަވެފައިވާ އެހާ ސަޅިއެވެ. އަދި ހަޔާތުގެ އެއްދުވަސް ނުވަތަ ފެށުން ފުރިހަމަކުރުމުގެ ބަދަލުގައި މުޅި ޒަވާޖީ ހަޔާތް އެއްކޮށް ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނަމަ އަހަރެމެންގެ އިޖުތިމާއީ ކަންކަމަށް ހެޔޮ ބަދަލެއް ވެސް އަންނާނެ އެވެ.