ވިޔަފާރި

އިޓަލީގެ ބީއައިޓީ ފެއާގައި ރާއްޖެ ބައިވެރިވެއްޖެ

ރާއްޖޭގެ އެންމެ ދުވަސްވީ ޓޫރިޒަމް މާކެޓު ކަމަށްވާ އިޓަލީވިލާތުގައި އޮންނަ ހާއްސަ ޓޫރިޒަމް ފެއާއެއްގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނި ގޮތުގައި އިޓަލީގެ މިލާންގައި ކުރިއަށްދާ އިންޓަނޭޝަނަލް ޓޫރިޒަމް އެކްޗޭންޖް (ބީއައިޓީ ފެއާ) މިމަހުގެ 10 އިން 12 އަށް ކުރިއަށްދާއިރު، ފެއާގައި ރާއްޖޭގެ 10 ކުންފުންޏަކުން 17 މީހުން ބައިވެރިވެ އެވެ.

ފެއާގައި ރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.

"ބީއައިޓީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ގިނަ ބަޔަކަށް އިގްތިސޯދީ ގުޅުންތައް ރަނގަޅު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ،" އެމްއެމްޕީއާރްސީގެ ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ ބީއައިޓީ ފެއާ ކުރިއަށްދާ ތިން ދުވަހުގެ ތެރޭގައި އިޓަލީގެ ބޮޑެތި ޓްއާ އޮޕަރޭޓަރުންނާއި ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ބައްދަލުކޮށް، އިޓަލީ މާކެޓު ކުރިއަރުވަން މަސައްކަތް ތަކެއް ކުރިރަމުން އަންނަ ކަމަށެވެ. އެގޮތުން މި ފެއާގައި ޓްރެވަލް ބްލޮގަރުންނާއި ނޫސްވެރިންނާއެކު ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވެ އެވެ.

ނަވާރަ ސަތޭކަ އައްޑިހަ ވަނަ އަހަރުން ފެށިގެން ޕިއޭރާ މިލާނޯ ކުންފުނިން ބާއްވާ މި ފެއާގައި މިދިޔަ އަހަރު 46،000 މީހުން ބައިވެރިވި އެވެ. މި ފަރާތްތަކުގެ ތެރޭގައި އިޓަލީ އާއި ބައިނަލްއަގުވާމީ ފަރާތްތަކުން އެކްރެޑިޓް ކޮށްފައިވާ 2550 ފަރާތާއި 500 ޓްރެވަލް ބްލޮގަރުން އަދި އިޓަލީ އާއި ބައިނަލްއަގުވާމީ ގޮތުން ޕްރޮފައިލް ކުރެވިފައިވާ 79 ގައުމަކުން 15550 ވިޔަފާރިވެރިން ބައިވެރިވި އެވެ.

ފެއާތަކުގައި ރާއްޖޭގެ ނޫސްވެރިން ކުރިން ބައިވެރިކުރި ނަމަވެސް މިހާރު ބައިވެރި ކުރަނީ ވަރަށް މަދު ވަކި ވަކި ނޫސްވެރިންތަކެކެވެ.