ހަބަރު

ޑިފެންސް މިނިސްޓަރު މާރިޔާ މަޖިލީހަށް ހާޒިރު ކުރަނީ

Feb 11, 2019
13

ރައްޔިތުންގެ މަޖިލީހަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހާޒިރު ކުރަން ޕީޕީއެމަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ހުށަހަޅުއްވައިފި އެވެ.

މިނިސްޓަރު މާރިޔާ މަޖިލީހަށް ގެންދަނީ "އިންޑިޔާ ބޭނުން ނަމަ ރާއްޖެ ހިފި ދާނެ ކަމަށް" އެ ގައުމުގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވުމާ ގުޅިގެނެވެ. އެ މައްސަލައާ ގުޅިގެން ތޯރިގު މަޖިލީހަށް ހުށަހެޅުއްވެވީ މިނިވަން ކަމާއި ސިޔާދަތު ދިފާއުކޮށް ކަރާމާތާއި ދިވެހި ދައުލަތުގެ ޝާނާއީ ޝައުކަތު ދައްކުވައިދީ ހިފެހައްޓަންޖެހޭ އިރު މާރިޔާ ފާޅު ކުރައްވާ ސިޔާސަތުތަކުން އެ ޒިންމާތައް އަދާ ކުރެވިދާނެތޯ މާރިޔާއާ ސުވާލު ކުރެއްވުމަށެވެ.

ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވުމާ ގުޅިގެން މާރިޔާއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި އެ މައްސަލަތަކާ ދެކޮޅަށް މުޒާހަރާ ކުރުމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ނިންމާފަ އެވެ.

ފާޑު ކިޔުން އަމާޒުވުމާ ގުޅިގެން ޑިފެންސް މިނިސްޓްރީ އިން ބުނެފައި ވަނީ މާރިޔާ ދެއްކެވި ވާހަކަތައް ފަތުރަމުން އަންނަނީ މާނަ އޮޅުވާލައިގެން ކަމަށެވެ. އަދި އެއީ ސުލްހަމަސްލަހަތު ނަގާލުމަށް ކުރާ ކަމެއް ކަމަށް ޑިފެންސް އިން ބުންޏެވެ.