ވެމްކޯ

ހުރިހާ މުވައްޒިފުންނަށް ވާނީ މުސާރަ ދީފައި: ވެމްކޯ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތް ކުރާ ހުރިހާ މުވައްޒިފުންނަށް ވެސް މުސާރަ ދީފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވެމްކޯގައި މަސައްކަތް ކުރާ ބައެއް މުވައްޒިފުންނަށް މުސާރަ ޖަމާނުވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދޮގުކޮށް ވެމްކޯގެ މީޑިއާ އޮފިޝަލަކު "އަވަސް" އަށް މިއަދު ވިދާޅުވީ، މުސާރަ ނުލިބިގެން އެއްވެސް މުވައްޒަފަކު މައްސަލަ ޖައްސާފައި ވެސް ނުވާ ކަމަށާއި ހުރިހާ މުވައްޒަފުންގެ މުސާރަ ދީފައިވާ ކަމަށެވެ.

ވެމްކޯގައި މަސައްކަތް ކުރާ ބައެއް މުވައްޒިފުންނަށް މުސާރަ ޖަމާނުވާ ކަމަށް ބުނެ މީޑިއާގައި ހަބަރެއް ފެތުރުނު ނަމަވެސް އެ ކުންފުނިން ބުނީ މިމަހު ފުރަތަމަ ދުވަސްކޮޅު ހުރިހާ މުވައްޒިފުންނަށް ވެސް މުސާރާ ޖަމާކޮށްފައިވާ ކަމަށާއި، މަގުބޫލް ކޮންމެވެސް ސަބަބަކާ ގުޅިގެން ވަކި މުވައްޒިފެއްގެ މުސާރަ ހިފަހައްޓާފައި އޮވެދާނެ ކަމަށެވެ. އަދި ބުނީ އެގޮތަށް ވެސް މުވައްޒަފެއްގެ މުސާރަ ހިފަހައްޓާފައިވާކަމުގެ ޝަކުވާއެއް ހިޔުމަން ރިސޯސް ޑިޕާޓްމެންޓަށްހުށަހެޅި ފައިނުވާ ކަމަށެވެ.