ބޭރު ކުޅިވަރު

ޕޮގްބާ ގެންދަން ބާސާ އިން ހުށަހެޅި 80 މިލިއަން ޔޫރޯ އަށް ޔުވެންޓަސް އިން ފުރަގަސްދީފި

ޔުވެންޓަސް އަށް ކުޅެމުންދާ ފްރާންސްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ގެންދަން ބާސެޅޯނާ އިން 80 މިލިއަން ޔޫރޯ ހުށަހެޅި ނަމަވެސް، ބާސާގެ ހުށަހެޅުމަށް ފުރަަގަސްދީފައިވާ ކަމަށް ޔުވެންޓަސް އިން ބުނެފި އެވެ.

ފީފާ އިން ދިން އަދަބާ ގުޅިގެން މި އަހަރު ބާސާއާ އެއްވެސް ކުޅުންތެރިއެއް ގުޅުމުގެ ފުރުސަތު ނެތް ނަމަވެސް، ބާސާ އިން ޕޮގްބާ އަށް 80 މިލިއަން ޔޫރޯ ހުށަހެޅި ކަމަށް ޔުވެންޓަސް އިން ބުނެ އެވެ.

"އެކަމަކު އަހަރެމެން ޕޮގްބާއެއް ނުވިއްކާނަން،" ޔުވެންޓަސްގެ މެނޭޖިން ޑައިރެކްޓަރު ޖިސެއްޕޭ މޮރާޓާ ބުންޏެވެ.

ޕޮގްބާ ،22، އަށް ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބުތަކެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. ޕޮގްބާގެ އަގު 100 މިލިއަން ޔޫރޯ އަށް އަރާނެ ކަމަށް ބެލެވިފައިވާއިރު، މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ އަދި ރެއާލް މެޑްރިޑުން އޭނާ އަށް ޝައުގުވެރިވޭ އެވެ.

ކުރިއަށް އޮތް ބާސާގެ އިންތިހާބު ކާމިޔާބުރެވިއްޖެ ނަމަ، ޕޮގްބާ ބާސާ އަށް ގެންނާނެ ކަމުގެ ޔަގީންކަން އެ ކްލަބުގެ ކުރީގެ ރައީސް ހުއާން ލަޕޯޓާ ވަނީ ބުނެފަ އެވެ.