ހަބަރު

ވޯޓާސް ލިސްޓަށް 1256 ޝަކުވާ ހުށަހަޅައިފި

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލެވޭނެ މީހުންގެ ލިސްޓަށް 1256 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އަދި ރެއަށްވަނީ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެފަ އެވެ.

އީސީގެ ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވިއިރު 1256 މީހަކު ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ވޯޓުލާ އެޑްރެސް ބަދަލުވެފައިވުމާއި ދާއިރާ ބަދަލުވެފައި ހުރި ކަމުގެ ޝަކުވާތައް ކަމަށެވެ.

އަކުރަމް ވިދާޅުވީ، ކުރިއާ އަޅާބަލާއިރު މިފަހަރު ޝަކުވާ ހުށަހަޅާފައިވަނީ މަދުން ކަމަށެވެ. އަދި މަރުވެވަފައިވާ މީހުންވެސް ލިސްޓްގައި ހިމެނޭ ޝަކުވާވެސް މަދުން ނަމަވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަކުރަމް ވިދާޅުވީ، ލިސްޓް އިސްލާހު ކުރުމަށްފަހު އަންނަ ހުކުރު ދުވަހު ގެޒެޓްގައި ޝާއިރު ކުރެވޭނެ ކަމަށެވެ. އަދި އެލިސްޓަށް ޝަކުވާ ހުށަހަޅަން 10 ދުވަސް ދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހަކަށް ލިބެ އެވެ.

ވޯޓާސް ލިސްޓް އާންމުކުރީ ރިޔާސީ އިންތިހާބަށް އެކުލަވާލި ގޮތަށެވެ. ރިޔާސީ އިންތިހާބަށް ރީ ރަޖިސްޓްރީކޮށްފައިވާނަމަ، ވޯޓުލާ ރަށް ބަދަލުނުވާނަމަ މިފަހަރު އަލުން ރީ ރަޖިސްޓާކުރަން ނުޖެހޭނެ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހެވެ. އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.