ހަބަރު

ޕްރައިމަރީން ބަލިވުމުން ވާދަ ނުކުރެވޭ މާއްދާ ބާތިލުކުރަަން ސުޕްރީމް ކޯޓަށް

ޕާޓީ ޕްރައިމަރީގައި ނާކާމިޔާބު ވުމުން އިންތިހާބުގައި ވާދަ ނުކުރެވޭނެ ގޮތަށް އޮންނަ ގާނޫނީ މާއްދާ ބާތިލު ކުރަން ސުޕްރީމް ކޯޓަށް އަބްދުﷲ ޖާބިރު ހުށަހަޅައިފި އެވެ.

ޖާބިރު ވިދާޅުވީ، އެމައްސަލަ ހުށަހަޅާފައިވަނީ މިއަދު ކަމަށެވެ. ނަމަވެސް މައްސަލަ ބަލައިގެން ކަމެއް އަދި ސާފު ނުވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި ޖާބިރު ވަނީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބުވެފަ އެވެ. އޭނާގެ އަނބިކަނބަލުން އަދި ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދުވެސް ވަނީ ވިލިނގިލީ ދާއިރާއަށް ކުރިމަތިލައްވާ ނާކާމިޔާބުވެވަޑައިގެންފަ އެވެ.

މީގެ ކުރިން ޖާބިރު އަވަސް އަށް ވިދާޅުވެފައިވަނީ، އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ހިނގާފާނެ ގޯސްތައް އެމަނިކުފާނު ދުރާލައި އިންޒާރު ކުރައްވާފައި ވަނިކޮށް އެ ޕްރައިމަރީގައި އެމަނިކުފާނުގެ ހައްގު ގެއްލި "ބައެއްގެ މަކަރާއި ހީލަތުން ކާށިދޫ ދާއިރާގެ ޕްރައިމަރީ ދަމައިގެންފައިވާ" ކަމަށެވެ.

"މިއީ އަޅުގަނޑާ އެމްޑީޕީއަކާ އޮތް މައްސަލައެއް ނޫން. މިއީ ހައްގުތަކުގެ މައްސަލައެއް، ފުރަތަމަ އަޅުގަނޑުގެ ހައްގު ގެއްލުނީ ޕްރައިމަރީގެ ތެރެއިން ދެން ބަލައިލި އިރު ހައްގު ގެއްލިފައި މިއޮތީ ގާނޫނުގެ ތެރެއިން އެހެންވީމާ އެކަން ރަނގަޅު ކުރަން އަޅުގަނޑު މިދަނީ،" ޖާބިރު ވިދާޅުވި އެވެ.

އިންތިހާބުތަކާބެހޭ ގާނޫނަށް އެ ބަދަލު ގެނައީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޕީއެމުން މިދިއަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށެވެ. އެ ބަދަލު ބާތިލު ކުރަން ޖާބިރު ކޯޓަށް ވަޑައިގަންނަވާ އިރު އެ މައްދާ އިސްލާހު ކުރުމަށް މިހާރު ވެސް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވަނީ އިސްލާހެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ.