ލައިފްސްޓައިލް

ދިހަ އަހަރު ފަހުން ކޮކާ ކޯލާގެ އާ ރަހައެއް!

މުޅި ދުނިޔޭގެވެސް މަޝްހޫރުކަން ހޯދާފައިވާ ކޮކާ ކޯލާގެ ތަފާތު އާ ރަހައެއް ތައާރަފް ކޮށްފި އެވެ.

މި މަހުގެ ފަހުކޮޅު ނެރޭ ފްލޭވާ އަކީ އޮރެންޖް ވެނިލާ ކޯކްއާއި އޮރެންޖް ވެނީލާ ކޯކް ޒީރޯ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނީގެ ކުންފުނީގެ ބްރޭންޑް ޑައިރެކްޓާ ކޭޓް ކާޕެންޓާ ބުނި ގޮތުގައި އާ ރަހަ އެއް ބާޒާރަށް ނެރެން ނިންމީ ބޮޑު އޯޑިއަންސް އަކަށް ޓެސްޓު ކޮޮށް ލިބުނު ފީޑްބެކް އަށް ބެލުމަށް ފަހު އެވެ. އަދި މި ޓެސްޓު ކުރުމުގައި ރާސްބެރީ، ލުނބޯ އަދި އިނގުރު ކޯކް ވެސް ޓެސްޓު ކުރަން މީހުންނަށް ރަހަ ދެއްކި ކަމުގައި ވިޔަސް ގިނަ ބަޔެއްގެ ތަރުހީބު ލިބުނީ މި ރަހަ ކަމަށް ބުނެ އެވެ. ރަހަ ބެލި މީހުން ބުނި ގޮތުގައި، އޮރެންޖު ވެނީލާ ރަހަ އިން ހަނދާން ކޮށްދިނީ ހޫނު މޫސުމުގެ ހަނދާންތަކާއި އެ އުފާވެރި ދުވަސްތަކެވެ. ގިނަ ބައެއްގެ ތަރުހީބަށް ބެލުމަށްފަހު މި ފްލޭވާ ނެރުމަށް ނިންމުނު ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮކާ ކޯލާ ކުންފުނީގެ ބްރޭންޑް ޑައިރެކްޓާ ބުނި ގޮތުގައި ކޯކު ބޯ މީހުންގެ ތެރެއިން އެކި ރަހަތަކުގެ ކޯކު ބޭނުން ކުރަނީ އެންމެ 12 ޕަސެންޓް މީހުން ކަމަށާއި ކޮކާ ކޯލާގެ ފޭނުން އާ ރަހައަކަށް އިންތިޒާރު ކުރަމުންދާކަން މިކަމުން ދޭހަވި ކަމަށެވެ. އަދި އާ ރަހައެއް ތައާރަފު ކުރަން ނިންމުނީ ވެސް މި ސަބަބާ ހުރެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިދިޔަ އަހަރު ކޮކާ ކޯލާ ކުންފުނިން ވަނީ ޑައެޓް ކޯލާގެ އާ ރަހަތަކެއް ވެސް ނެރެފަ އެވެ. ޑައެޓް ކޯލާގެ ހަ ރަހައެއް ނެރެފައިވާ އިރު އެ ރަހަތަކަށް ވެސް ހަކުރުނާޅާ ކޯކު ބޯ މީހުންގެ ތަރުހީބު ލިބުނެވެ. އެ ރަހަތަކަކީ، ޖިންޖަ ލައިމް، ޓްވިސްޓެޑް މެންގޯ، ޒެސްޓީ ބްލަޑް އޮރެންޖް، އަދި ފިއެސްޓީ ޗެރީ އެވެ.

އޮރެންޖް ވެނީލާ ކޯކް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.