ދުނިޔެ

ނިއު ދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ ނުވަ މީހުން މަރުވެއްޖެ

Feb 12, 2019

ނިއު ދިއްލީ (ފެބްރުއަރީ 12) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ހޮޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މިހާތަނަށް ނުވަ މީހުން މަރުވެފައިވާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ނިއު ދިއްލީގައި އާބާދީ ބޮޑު ސަރަހައްދެއްގައި ހުންނަ އަރުޕީތު ޕެލެސް ހޮޓަލުގައި އަލިފާން ރޯވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

" އެ ހާދިސާގައި ނުވަ މީހުން ވަނީ މަރުވެފައި، އޭގެ ތެރޭގައި އަންހެނަކާއި ކުޑަކުއްޖަކު ވެސް ހިމެނޭ،" ދިއްލީ ފަޔާ ސާވިސްގެ ވެރިޔާ ޖީސީ މިސްރާ ވިދާޅުވި އެވެ.

އިންޑިއާ މީޑީއާ ރިޕޯޓުތައް ބުނާ ގޮތުން، އެ އަންހެން މިހާއާއި ކުޑަ ކުއްޖާ މަރުވެފައިވަނީ، ސަލާމަތްވުމަށް ކުޑަދޮރަކުން ފުންމާލުމުންނެވެ.

މިސްރާ އިތުރަށް ވިދާޅުވި ގޮތުގައި، އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އެ ހާދިސާގައި އަސަރުކުރި 35 މީހަކު ސަލާމަތްކުރެވިފައިވާ ކަމަށެވެ.