ހަބަރު

ކޮރަޕްޝަންގެ ޝަކުވާތައް ހުށަހެޅޭނެ ޕޯޓަލެއް ގާއިމްކޮށްފި

ސަރުކާރުގެ އިދާރާތަކުގައި ހިނގާ ކޮރަޕްޝަންތައް ކާކުކަން ނޭންގޭ ގޮތަށް ފަސޭހަ ކަމާއެކު ރިޕޯޓް ކުރުމަށް ޕޯޓަލެއް ގާއިމްކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންމެ ބޮޑު އެއް ވައުދަކީ ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަންތައް ފަޅާއަރުވާލައި، އެކަންކަން ރައްޔިތުންނަށް ހާމަ ކުރުމެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ވެބް ޕޯޓަލް، (https://www.whistleblower.gov.mv) އިފްތިތާހުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ މިއަދު ތައާރަފްކުރި ޕޯޓަލަކީ ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުންގެ ބައިވެރިވުމާއި ހިއްސާ އިތުރު ކުރުމަށް ގާއިމްކޮށްދިން ވެބް ޕޯޓަލެއް ކަމަށެވެ. އެ ޕޯޓަލަށް ޝަކުވާ ހުށަހަޅާއިރު ކާކުކަން ބުނެދޭކަން ނުޖެހޭނެ ކަމަށާއި ކާކުކަން އެނގިދާނެތީ ޖެހިލުންވާކަށް ވެސް ނުޖެހޭނެ ކަމަށެވެ. އެއީ ވިސިލްބްލޯއަށް މަގުފަހިކޮށްދޭނެ މުހިންމު ވަސީލަތެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

"ސަރުކާރު އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުން މި ދޮރުން ވަދެވަޑައިގަންނަވާ، ނާއިޖު ކަމެއް ހިނގާ ކަމަށް ޝައްކު ވިޔަސް އެކަމެއް ހުށަހަޅާ، އާންމު ރައްޔިތުން ވެސް މީގެ ބޭނުން ހިފާ، ނަޒާހަތްތެރި މުޖުތަމައުއެއް ގާއިމް ކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން،" ރައީސް ވިދާޅުވި އެވެ. "ކޮރަޕްޝަން ނައްތާލަން ފެށޭނީ އަމިއްލަ ނަފުސާ ހަމައިން، އިހްލާސްތެރިކަން ފެށޭނީ އަމިއްލަ ޒަމީރުން، މިއަދަކީ އެކަމަށް ފަށައިގަންނަ ދުވަހަށް ހަދަމާ،"

ރައީސް ވިދާޅުވީ ނަޒާހަތްތެރި މުޖުތަމައުއެއް ގާއިމް ކުރުމަށް ކޮރަޕްޝަނާ ދެކޮޅު ކަންކަން ތަންފީޒު ކުރައްވާނެ ކަމަށެވެ.

އެގޮތުން ނުހައްގު މުއައްސަނދިކަން ކުށަކަށް ހެދުމަށް ބިލެއް މަޖިލީހަށް ފޮނުވާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުގެ އިދާރާއެއްގައި ހިނގާ ކޮރަޕްޝަނެއް ފަޅާއަރުވާލާ މީހާއަށް ގާނޫނީ ހިމާޔަތްކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ އެފަދަ ފަރާތްތަކަށް ގާނޫނީ ހިމާޔަތް ލިބޭނެ ބިލެއް ވެސް މިހާރު މަޖިލީހަށް ފޮނުވާފައިވާކަން ފާހަގަކުރެއްވި އެވެ.