ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮރަޕްޝަންގެ މައުލޫމާތު ސިއްރުނުކޮށް ހާމަކުރަން ރައީސް އިލްތިމާސް ކުރައްވައިފި

ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ އެއްވެސް މަގާމެއްގައި ހުރި މުވައްޒަފަކު ކޮރަޕްޝަންގެ އަމަލެއް ހިންގާ ކަމުގެ މައުލޫމާތު ލިބިއްޖެނަމަ ސިއްރުނުކޮށް ކަމާ ގުޅޭ އިދާރާތަކަށް އެ ކަމެއްގެ މައުލޫމާތު ހިއްސާ ކުރުމަށް ނުވަތަ ހާމަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

ބައިނަލް އަގްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންގެ ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ ދިވެހި ދައުލަތް ހިންގުމުގެ ޒިންމާތަކާ ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ އިސް ވާޖިބެއްގެ ގޮތުގައި ދެކެވަޑައިގަތީ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރަން މުއައްސަސާތަކުން ކޮރަޕްޝަންގެ މޫތައް ލުހެލުން ކަމަށެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން މިހާތަނަށް މުހިއްމު ފިޔަވަޅުތަކެއް އަޅުއްވާފައިވާނެ ކަމަށް ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ. އެ ގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާންތައް އާންމުކުރަން ފެށުމާއި ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ވެބް ޕޯޓަލްއެއް ގާއިމުކޮށްފައިވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވައިލާ މީހުންނަށް، ގާނޫނީ ރައްކާތެރިކަން ލިބިދިނުމަކީ ކޮރަޕްޝަން ނައްތާލުމުގައި ބޭނުންތެރިކަމެއް ކަމަށް ފެނިވަޑައިގަންނަވާތީވެ ވިސްލްބްލޯ ކުރާ ފަރާތްތަކަށް ރައްކާތެރި ކުރުމުގެ ގާނޫނެއް މަޖިލީހަށް ހުށަހެޅި މަޖިލީހުން ގާނޫނު ފާސްކުރުމުން އެ ގާނޫނު ތަސްދީގު ކުރެއްވި ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން ކޮރަޕްޝަނާ ނުހައްގު މުއްސަނދިކަން ހޯދުމާއި ލިބިގަތުމަކީ ޖިނާއީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ހިމަނައި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އޭގެ ބިލެއް މި އަހަރުގެ ކުރީކޮޅު ވެސް އޭރު ހިނގަމުންދިޔަ 18 ވަނަ މަޖިލީހަށް ވެސް ހުށަހެޅި އެވެ. އެކަމަކު ދައުރު ހަމަވިއިރު ބިލު ފާހެއް ނުވި އެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކިތަންމެ ގާނޫނުތަކަކާއި ގަވާއިދުތަކެއް ހެދިޔަސް އަދި އެފަދަ މައްސަލަތައް ތަހުގީގު ކުރަން ކިތަން މުއައްސަސާތަކެއް ހެދިޔަސް އެ ކަން ނައްތާލެވޭނީ ފަރުދީ ފެންވަރުގައި ކޮރަޕްޝަނަށް ނޫނެކޭ ބުނެގެން ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް ނަޒާހަތްތެރިކަން އިސްކޮށް ކޮރަޕްޝަންގެ މައްސަލައެއް ފާހަގަވެއްޖެނަމަ ސިއްރުނުކޮށް ހިއްސާ ކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

"ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެއްވެސް މަގާމެއްގައި ހުރި އެއްވެސް މުވައްޒަފަކު، ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް ހިޔާނާތްތެރިވާނަމަ، އެކަން އެނގޭ ކޮންމެ މީހަކު، އެކަން ސިއްރުނުކޮށް، ކަމާގުޅޭ އިދާރާތަކަށް އެކަމެއްގެ މަޢުލޫމާތު ހިއްސާ ކުރުމަށް އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސް ކުރަމެވެ." ރައީސްގެ ހިތާބުގައިވެ އެވެ.

ރައީސް ވިދާޅުވީ މުއައްސަސާއަކުން ހިދުމަތެއް ހޯދުމަށް ނުވަތަ ދިނުމަށްޓަކައި ރިޝްވަތު ހިފައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނަޖާއިޒު ފައިދާއެއް ހޯދާކަން އެނގިއްޖެނަމަ އެ ކަމެއް ވެސް ހާމަ ކުރުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ. އެފަދަ ޝަކުވާތައް ހުށަހަޅާ ފަރާތްތައް އާންމު ނުވާނެ ގޮތަކަށް، ޝަކުވާ ހުށަހެޅޭނެ އިންތިޒާމުތައް ސަރުކާރުގެ އޮނިގަނޑުގެ ތެރޭގައި ހަމަޖެހިފައިވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.