ހަބަރު

ކޮރަޕްޝަން ނައްތާލެވޭނީ އެންމެންގެ އެހީއާއެކު: ރައީސް

ކޮރަޕްޝަނާއި ވައްކަމާއި ހިޔާނާތުގެ ވަބާއިން މުޖުތަމައު ސަލާމަތްކޮށް، ނަޒާހަތްތެރި މުޖުތަމައުއެއް ގާއިމްކުރެވޭނީ އެންމެންގެ ވެސް އެއްބާރުލުމާއެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ވަނީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ނަމުގައި ކެމްޕެއިން ފަށައި، އާންމު މީހުންނަށް ކޮރަޕްޝަނާ ގުޅޭ ޝަކުވާތައް ހުށަހެޅޭނެ ޕޯޓަލެއް ގާއިމްކޮށްފަ އެވެ. އެ އޮންލައިން ޕޯޓަލްއަކީ ކާކުކަން ނޭނގޭ ގޮތަށް ޝަކުވާ ހުށަހެޅޭ ޕޯޓަލެކެވެ.

ޕޯޓަލް އިފްތިތާހުކުރުމަށް ރައީސް އޮފީހުގައި ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހެޔޮ ވެރިކަމެއް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް މީގެ އަހަރުތަކެއް ކުރިން ދައްކަން ފެށި ވާހަކައިގެ އަމަލީ ބައި މިއަދު ފެށިގެން ދިޔައީ ކަމަށެވެ.

"މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އާއި ހިޔާނާތުން މުއައްސަސާތައް ސަލާމަތް ކުރުން، އެގޮތުގެ މަތިން ކޮރަޕްޝަން ހުއްޓުވުމުގެ ސިޔާސަތުތައް އަޅުގަނޑު އިއުލާން ކުރިން، އޭގެ ތެރެއިން ސިޔާސީ މަގާމުގައި ތިއްބެވި އިސް ބޭފުޅުންގެ މާލީ ބަޔާން ވަކި އުސޫލެއްގެ ތެރެއިން އާންމު ކުރެވުނު، އެކަން އިތުރަށް ހަރުދަނާ ކުރެވިގެން ދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުން މިއަދު ފެށި ކެމްޕެއިނަކީ އެއްވެސް މުއައްސަސާއެއްގައި އެއްވެސް ފަންތިއެއްގައި ކޮރަޕްޝަންގެ ކުޑަ މިންވަރެއް ވެސް ތަހައްމަލު ނުކުރާނެ ކަމުގެ ޔަގީންކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ ނަޒާހަތްތެރި މުޖުތަމައުއެއް ގާއިމް ކުރުމަށް ކޮރަޕްޝަނާ ދެކޮޅު ކަންކަން ތަންފީޒު ކުރައްވާނެ ކަމަށެވެ.

އެގޮތުން ނުހައްގު މުއައްސަނދިކަން ކުށަކަށް ހެދުމަށް ބިލެއް މަޖިލީހަށް ފޮނުވާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުގެ އިދާރާއެއްގައި ހިނގާ ކޮރަޕްޝަނެއް ފަޅާއަރުވާލާ މީހާއަށް ގާނޫނީ ހިމާޔަތްކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ އެފަދަ ފަރާތްތަކަށް ގާނޫނީ ހިމާޔަތް ލިބޭނެ ބިލެއް ވެސް މިހާރު މަޖިލީހަށް ފޮނުވާފައިވާކަން ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، މިއަދު ތައާރަފްކުރި ޕޯޓަލަކީ ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުންގެ ބައިވެރިވުމާއި ހިއްސާ އިތުރު ކުރުމަށް ގާއިމްކޮށްދިން ވެބް ޕޯޓަލެއް ކަމަށެވެ. އެ ޕޯޓަލަށް ޝަކުވާ ހުށަހަޅާއިރު ކާކުކަން ބުނެދޭކަން ނުޖެހޭނެ ކަމަށާއި ކާކުކަން އެނގިދާނެތީ ޖެހިލުންވާކަށް ވެސް ނުޖެހޭނެ ކަމަށެވެ. އެއީ ވިސިލްބްލޯއަށް މަގުފަހިކޮށްދޭނެ މުހިންމު ވަސީލަތެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

"ސަރުކާރު އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުން މި ދޮރުން ވަދެވަޑައިގަންނަވާ، ނާއިޖު ކަމެއް ހިނގާ ކަމަށް ޝައްކު ވިޔަސް އެކަމެއް ހުށަހަޅާ، އާންމު ރައްޔިތުން ވެސް މީގެ ބޭނުން ހިފާ، ނަޒާހަތްތެރި މުޖުތަމައުއެއް ގާއިމް ކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން،" ރައީސް ވިދާޅުވި އެވެ. "ކޮރަޕްޝަން ނައްތާލަން ފެށޭނީ އަމިއްލަ ނަފުސާ ހަމައިން، އިހްލާސްތެރިކަން ފެށޭނީ އަމިއްލަ ޒަމީރުން، މިއަދަކީ އެކަމަށް ފަށައިގަންނަ ދުވަހަށް ހަދަމާ،"

ރައީސް ވިދާޅުވީ ސަރުކާރުގެ އިސްވެރިން ކޮރަޕްޝަނާއި ވައްކަމާއި ހިޔާނާތަށް ފާޅުގައި ނޫނެކޭ ބުނަން ކުރޭނަމަ، އެންމެ ރައްޔިތަކު ވެސް އެ އުސޫލުން ކަމެއް ކުރަން ނޫޅޭނެ ކަމަށެވެ. ރައީސް އޮފީހުން މިހާރު ކުރިއަށް ގެންދާ ގުޑް ގަވަނެސް ޕްރޮގްރާމަކީ ކޮރަޕްޝަނާ ދެކޮޅު ސިޔާސަތުތައް ހެދުމަށް މަގުފަހިވެގެންދާނެ ޕްރޮގްރާމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން އެ ޕްރޮގްރާމްގެ ތެރެއިން ބައެއް ހިޔާލުތައް ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން މަސްލަހަތު ފުށުއަރާ ކަންކަމުގައި ބައިވެރިނުވެވޭނެ ގޮތަށް ގާނޫނީ ހައްލެއް ބޭނުންވާ ކަމުގެ ހިޔާލު ލިބިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ މުވައްޒަފުންނަށް ސުލޫކީ މިންގަނޑެއް ހަދައި، އަދިޔާ ލިބިގަތުމާއި ކެމްޕެއިން ހަރަކާތް ހިންގުމާއި ދަތުރުތަކަށް ސްޕޮންސާ ހޯދުމުގައި އަމަލު ކުރާނެ ގޮތް ވެސް އެކުލަވާލުން މުހިންމު ކަމަށެވެ.

މިއަދު ސަރުކާރުގެ ވަޒީރުންނަށް އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ އެވެ. ރައީސް ވިދާޅުވީ ސިޔާސަތުތައް ކާމިޔާބު ކުރުމަށް މިނިސްޓަރުންގެ އެހީ ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި ޕްރޮގްރާމްގެ ތެރެއިން މިނިސްޓަރުންގެ ހަރުދަނާ މުހިންމު ސިޔާސަތުތަކެއްގެ ހިޔާލު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.