ހަބަރު

ބަލައިނުގަތް އެމްޑީޕީގެ ފަސް ފޯމެއް އީސީއަށް އަލުން ހުށަހަޅައިފި

އެމްޑީޕީގެ ފަރާތުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމަށް ހުށަހެޅި 86 ފޯމްގެ ތެރެއިން އިލެކްޝަން ކޮމިޝަން، އީސީއިން ބަލައި ނުގަތް ފަސް ފޯމެއްގެ މައުލޫމާތުތައް ފުރިހަމަކޮށް އީސީއަށް އަލުން ހުށަހަޅާފައިވާ ކަމަށް އެޕާޓީ އިން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަނުން އެމްޑީޕީގެ 10 ފޯމް ބަލައިގެންފައެއް ނުވެ އެވެ. އެފޯމްތައް ބަލައިނުގަތުމަށް އީސީ އިން ނިންމީ، ބޭނުންވާ ބައެއް މައުލޫމާތު ހަމަނުވާތީ އެވެ. އަނެއް 76 ފޯމް ބަލައިގަތުމަށްފަހު ފޯމް ބަލައިގެންފައިވާކަން އެ ކެންޑިޑޭޓުންނަށް މިހާރު ވަނީ އަންގާފަ އެވެ.

އެމްޑީޕީއިން ބަންދު ނޫން ކޮންމެ ދުވަހަކު ސިލްސިލާކޮށް އެމްޑީޕީ ހަރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ މަޖިލިސް ކެމްޕޭނުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް މިއަދު ވިދާޅުވީ، ފަސް ފޯމެއްގެ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު އަލުން ހުށަހަޅާފައިވާ ކަމަށެވެ. އަދި ބާކީ ހުރި ފޯމްތައް ވެސް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށެވެ.

އެމްޑީޕީގެ 10 ކެންޑިޑޭޓެއްގެ ފޯމް ބަލައިގަނެފައިނުވާއިރު އެއީ ކޮން 10 ކެންޑިޑޭޓުންނެއް ކަމެއް އެޕާޓީންވެސް ހާމަކޮށްފައެއް ނުވެ އެވެ.

ގާނޫނުގައިވާ ގޮތުން މަޖިލީހުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ފޯމް އީސީއަށް ހުށަހަޅާތާ 48 ގަޑިއިރު ތެރޭގައި އެ ފޯމްގެ ސައްހަކަން ބަލައި އެފަރާތަށް އަންގަންޖެހޭނެ ކަމަށެވެ.

އަންނަ ރައްޔިތުން މަޖިލިސް އިންތިހާބު އޮންނާނީ އޭޕްރިލް މަހުގެ ހަވަނަ ދުވަހު އެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންްގެ ފޯމްތައް މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.