މޯލްޑިވްސް ކަސްޓަމްސް ސާވިސް

ޖެނުއަރީގައި އެތެރެެކުރި މުދަލުގެ އަގު 4 ބިލިއަން ރުފިޔާ

މި އަހަރުގެ ޖެނުއަރީގައި ރާއްޖެ އެތެރެކުރި މުދަލުގެ އަގަކީ ހަތަރު ބިލިއަން ރުފިޔާ ކަމަށާއި އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެއް ކަމަށް މޯލްޑިވްސް ކަސްޓަމް ސާވިސް އިން ބުނެފި އެވެ.

ކަސްޓަމްގެ ތަފާސް ހިސާބުތައް ހާމަ ކުރުމުގެ ގޮތުން މިއަދު ނެރުނު ފެކްޓް ޝީޓެއްގައި ބުނެފައި ވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީގައި ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފް އަގަކީ 3.8 ބިލިއަން ރުފިޔާ ކަމަށެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވަނީ ޔޫއޭއީ އިންނެވެ. ދެވަނައަށް ޗައިނާ އަދި ތިންވަނަ އަށް ސިންގަޕޫރެވެ. ހަތަރު ވަނައިގައި އިންޑިއާ އޮތްއިރު ފަސް ވަނައިގައި މެލޭޝިއާ އެވެ.

މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އެތެރެ ކުރި މުދަލުން، ދައުލަތަށް ލިބުނު އާމްދަނީގެ އަދަދަކީ 306.6 މިލިއަން ރުފިޔާ އެވެ. މިިދިއަ އަހަރުގެ ޖެނުވަރީ މަހު ރާއްޖެއަށް އެތެރެ ކުރި މުދަލުން، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 268 މިލިއަން ރުފިޔާ އެވެ.

ކަސްޓަމްސްގެ އެ ފެކްޓް ޝީޓްގައިވާ ގޮތުން މިއަރުގެ ޖެނުއަރީ މަހު އެންގެ ގިނައިން ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ ޖަރުމަނަށެވެ. ދެވަނައަށް އެމެރިކާ އަދި ތިންވަނައަށް އިނގިރޭސީވިލާތަށެވެ. ދެން ފްރާންސް އަދި ތައިލެންޑަށެވެ.