ވިޔަފާރި

ބީއެމްއެލްގެ ފުރަތަމަ ބިޒްނަސް ސެންޓަރު އައްޑޫގައި ހުޅުވައިފި

ގައުމީ ބޭންކުން ފުރަތަމަ ބިޒްނަސް ސެންޓަރު އައްޑޫ ސިޓީގައި މިއަދު ހުޅުވައިފި އެވެ.

މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ބިޒްނަސް ސެންޓަރުތަކުގެ ތެރެއިން ފުރަތަމަ ހިދުމަތްދޭން ފެށުނު ސެންޓަރެވެ.

މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެއެވެ. ވިޔަފާރިއާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، ލޯނަށް އެދި ހުށަހެޅުމުގެ މަރުހަލާގައި އެހީތެރިކަން މި މުވައްޒަފުންގެ ފަރާތުން ލިބިގެންދާނެ އެވެ. ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކައިރި މުސްތަގްބަލެއްގައި މިފަދަ ސެންޓަރުތައް މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި ހުޅުވާނެ އެވެ.

މިއަދު ހިތަދޫގައި ބޭއްވި އައްޑޫ ބިޒްނަސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ މި ސެންޓަރު ހުޅުވުމަކީ ލިބުނު އުފަލެއް ކަމަށެވެ.

"އައްޑޫ ސިޓީއަކީ ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ދައުރެއް އަދާކުރާ ސިޓީއަކަށްވެފައި، އައްޑޫ ގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ބިޒްނަސް ސެންޓަރެއް ގާއިމްކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ސެންޓަރުގައި މަސައްކަތްކުރަމުންދާ އަޅުގަނޑުމެންގެ ތަޖްރިބާކާރު މުވައްޒަފުންގެ ފަރާތުން ވިޔަފާރިތަކަށް އެންމެ އެކަށޭނެ މާލީ އެހީތެރިކަން ހޯދުމުގައި އެހީތެރިކަންފޯރުކޮށްދޭނެ،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

އައްޑޫ ބިޒްނަސް ސެންޓަރު ހުޅުވުމުގެ އިތުރުން، އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގައި ވަނީ ފަތުރުވެރިންނަށް ބޭރު ފައިސާ މާރުކުރުމަށްޓަކައި އެކްސްޗޭންޖް ކައުންޓަރެއް ވެސް ގާއިމްކޮށްފަ އެވެ. އިންޓަނޭޝަނަލް ފްލައިޓް ގަޑިތަކުގައި މި ކައުންޓަރުން ހިދުމަތް ލިބޭނެ އެވެ.