ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަވަށްޓެރި އިންޑިއާއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް ނަޝީދު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް، އައިސީސީއާރް އަދި ނެހެރޫ ޔުނިވާސިޓީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ނެހެރޫ ޔުނިވާސިޓީގައި ޑިމޮކްރަސީއާ ގުޅޭ ގޮތުން ތަގުރީރެއް ދެއްވާނެ އެވެ. އައިސީސީއާރްގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ތަގުރީރެއް ވެސް އެމަނިކުފާނު ދެއްވާނެ އެވެ.
މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާއު ދެންނެވުމަށް އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ އާއި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ވަޑައިގެންނެވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް ނަޝީދު އިންޑިއާއަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނު އަމިއްލައަށް އަރުވާލެއްވިގެން ބޭރުގައި އުޅުއްވިިއިރު އެކި ފަހަރު މަތިން އިންޑިއާއަށް ވަޑައިގެންނެވި އެވެ.
ރައީސް ސޯލިހުގެ ސަރުކާރު އައި ފަހުން އިންޑިއާ އާއި ރާއްޖެ ދެމެދު އޮތް ގުޅުން ވަނީ ބަދަހިވެފަ އެވެ. ރައީސް ނަޝީދަކީ އަބަދުވެސް އިންޑިއާއާ ގާތް ގުޅުމެއް ބާއްވަވައި އިންޑިއާގެ ދިފާއުގައި ވަކާލާތު ކުރައްވާ ބޭފުޅެކެވެ.
އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންނެވިއިރު އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލަ ވަނީ ހޫނުވެފަ އެވެ. އެކަމާ ދެކޮޅަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވާ ހަރަކާތެއް ބޭއްވުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.