ލައިފްސްޓައިލް

ގްރެމީސް: މިއަހަރު ފެނުނީ ރިހި ފިޔާތޮށި!

ގްރެމީ އެވޯޑްސް އަކީ އެމެރިކާގެ މިއުޒިކީ ދާއިރާއަށް ބޮޑު އީދެއް ކޮންމެ އަހަރަކު ގެނުވާ ހަފުލާ އެކެވެ. އެ ހަފުލާގައި އެންމެ މަތީ ވަނަތަކާއެކު ސްޓޭޖް މަތިން ފައިބައިގެންދާ ތަރިން ދުވަހުގެ ހާއްސަކަން ދައްކުވައި ދެނީ އެ ތަރިންގެ ތަފާތު ހެދުންތަކުންނެވެ.

ފެޝަން ޑިޒައިނަރުންނާއި ފެޝަނަށް ލޯބި ކުރާ ގިނަ މީހުންގެ ލޯތައް ހުއްޓެނީ އެވޯޑު ގެންދާ މީހާ އަށް ވުރެ، އެންމެ މަގުބޫލު އަދި އެންމެ ތަފާތު ހެދުމަށެވެ. ތިރީގައި މި ހިމަނާލަނީ 61 ވަނަ ގްރެމީ އެވޯޑް ހަފުލާގައި އަންހެން ފަންނާނުންގެ ތެރެއިން ރެޑް ކާޕެޓުގައި ފާހަގަ ކޮށްލެވުނު އެންމެ މަގުބޫލު ހަތް ހެދުމެވެ.

ލޭޑީ ގާގާ

ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ގްރެމީ އެވޯޑު ހަފުލާގައި އަޅައިގެން ހުރީ ވެލިފޮތިން ޖަރީ ކޮށްފައި ހުރި ރިހި ހެދުމެކެވެ. މި ހެދުމާއެކު ގުޅުވާފައި ހުރީ މަޝްހޫރު ޓިފަނީ އެންޑް ކޯ ބްރޭންޑްގެ ހާރަކާއި އަލިމަހުގެ ކަންފަތުގައި ލާ އެއްޗެކެވެ.

ކަމިލަ ކަބެޔޯ

ގްރެމީ އެވޯޑް ހަފްލާ ހުށަހަޅައިދިން ކަމިލަ ލައިގެން ހުރީ ފިޔާތޮށި ކުލައިގެ އަރްމާނީ ހެދުމެކެވެ. މި ހެދުމުގެ ރީތިކަން ފެންނަނީ އަލި އެޅުމާއެކު ވިދާ ބަބުޅަން ފެށީމަ އެވެ. ވަރަށް އާދައިގެ ގޮތަކަށް ފެނުނު ކަމުގައި ވިޔަސް މި ހެދުމާއެކު އޭނާ ވެސް އެވޯޑު ހަފުލާގައި ވިދާލި އެވެ.

ކާޑީ ބީ

މި އަހަރުގެ އެންމެ މޮޅު ރެޕް އަލްބަމްގެ އެވޯޑު ގެންދިޔަ ކާޑީ-ބީ ފެނުނީ ހުރިހާ ފަންނާނުންނަށްވުރެ ވަރަށް ތަފާތު ކޮށެވެ. މި ހެދުމަކީ 1995 ގައި ޑިޒައިން ކޮށްފައިވާ ހެދުމެއްގެ ނަކަލެކެވެ. ފިޔާތޮށި މަލެއްގެ ތެރެއިން ފޮޅިގެން ނިކުންނަ ކަހަލަ ގޮތެއް ދައްކުވައިދޭ މި ހެދުމާއެކު އޭނާ ވަނީ ބޮލާއި ކަރުގައިވެސް މަޑު ރަން ކުލައިގެ "ޕާލް" ތަކެއް ބޭނުން ކޮށްފަ އެވެ. މިއީ މި އަހަރު ފެނުނު އެންމެ ތަފާތު އަދި އެންމެ ބޮޑަށް "ސްޓޭންޑް އައުޓް" ވީ ހެދުމެވެ.

ކައިލީ ޖެނާ

އެވޯޑް ހަފްލާތަކުގެ ފަލަ ސުރުހީތަކަށް އަބަދުވެސް އަރާ ކައިލީ ގްރެމީ އެވޯޑު ހަފްލާގައި ފެނުނީ އާއްމުކޮށް ފެންނަ ގޮތާ މުޅިން ތަފާތު ގޮތަކަށެވެ. މަޑު ފިޔާތޮށި ކުލަައިގެ ބަލްމެއިން ހެދުމުގައި ކައިލީ ފެނުނީ ވަރަށް "ފޮރުވިގެ" ނެވެ. ހެދުމުގެ ކުލައިގެ އަންގި އެއް އަދި ރިހި ބެލްޓެއް އަޅާ ރެޑް ކާޕެޓްގެ ފެނިލުން ފުރިހަމަ ކޮށްލި އެވެ.

ކޭސީ މުސްގްރޭވްސް

އަލްބަމް އޮފް ދި އިޔާގެ އެވޯޑް ގެންދިޔަ ކޭސީ ރެޑް ކާޕެޓުގައި ފެނުނީ މަޑު ފިޔާތޮށި ކުލައަކަށް ދާ ހެދުމަކުންނެވެ. ތުނި ފޮއްޗަކުން ހެދުން ފަރުމާ ކޮށްފައިވާއިރު މި ހެދުން ފުރިހަމަ ކޮށްދިނީ މެދުގައި އަޅާފައި އޮތް މަޑު ރަތް ކުލައިގެ ބަންދުންނެވެ. މިއީ ވެލެންޓީނޯގެ ހެދުމެކެވެ.

ކޭޓީ ޕެރީ

މި ހެދުމަކީ މުޅި އެވޯޑު ހަފްލާގައި ވެސް ފެނުނު އެންމެ ތަފާތު އެއް ހެދުމެވެ. ބަލްމެއިންގެ މަޑު ފިޔާތޮށި ހެދުމަކުން ކޭޓީ ފެނުނު އިރު މި ހެދުމަށް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދިޔައީ ފާޑު ކިޔަމުންނެވެ. ހެދުމުގެ ތިރީގައި ހިމަނާފައި ހުރި ރޫ ތައް ހިމަ ވެފައި އެއްވަރު ވިޔަސް ގިނަ ބަޔަކު ބުނަމުން ދިޔައީ މި ހެދުން ވައްތަރީ ކުޑަކުދިންގެ އުފަންދުވަހު އަޅާ "ބާބީ" ކޭކެއް ހެނެވެ. އަދި، ކުލަ ލާން ގެންގުޅޭ ފިއްސެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މަލާމާތް ކުރިއަސް ކޭޓީ އެ މަލާމާތްތައް ބަލައިގަނެ، ކުލަ ލާން ހުރި ފިހީގެ ފޮޓޯ އެއްވެސް ވަނީ އިންސްޓަގްރާމް ކޮށްފަ އެވެ.

ދުއާ ލިޕާ

މި ހަފްލާގައި ބެސްޓް ނިއު އާޓިސްޓްގެ މަގާމު ހޯދި ދުއާ ލިޕާ ރެޑް ކާޕެޓުން ފެނުނީ ރިހި ކުލައިގެ ވިދާ ހެދުމެއްގަ އެވެ. މުޅި ހެދުމުގައި ވެސް ރިހި ކުލަ އަދި އަޅި ކުލައިގެ ފޮތި ކޮންމެވެސް ވަރަކަށް ހިމަނާފައި ވާއިރު އަތުގައި އަދި ކަރުގައި ބޭނުން ކޮށްފައި ހުރީވެސް ރިހި ކުލައިގެ ގަހަނާ އެވެ. މާ ކަންތައް ބޮޑު ނޫން ގޮތަކަށް ފެނުނަސް މި ހެދުމަކީ ރެޑް ކާޕެޓުގައި ވަރަށް ވިދާލި ހެދުމެކެވެ.

އާއްމުކޮށް ރެޑް ކާޕެޓު ހަފުލާތަކުގައި ބޭނުން ކުރާ ރަން ކުލައިގެ ބަދަލުގައި ރިހި ކުލައިގެ ޑިޒައިންތައް އަދި ގޮތް ބޮޑު ހެދުންތަކުގެ ބަދަލުގައި ލޮލަށް ވެސް ފަސޭހަ ހިތްގައިމު ހެދުންތަކެއް މިއަހަރު ފެނުނެވެ. މުޅި ރެޑް ކާޕެޓަށް ބަލާއިރުވެސް، މި އަހަރުގެ ހަފުލާއިން ފިޔާތޮށި އަދި ފިޔާތޮއްޓާ ގުޅުންހުރި ކުލަތައް ވަރަށް ގިނަ އެވެ. މި ހެދުންތަކާއެކު، މިއަހަރުގެ ގްރެމީ އެވޯޑް ރެޑް ކާޕެޓަކީ ފިޔާތޮށި ކުލައިގެ ކާޕެޓެކޭ ބުނެވިދާނެ ހެއްޔެވެ؟