ވިޔަފާރި

ގަވާއިދާ ހިލާފަށް ޓޫރިސްޓުން ބައިތިއްބި ދެ ތަނެއްގެ މައްސަލަ ބަލަނީ

ރާއްޖޭގެ ޓޫރިޒަމް ގާނޫނާ ހިލާފަށް، ހުއްދަނެތި، ޓޫރިސްޓުން ބޭތިއްބި ދެ ތަނެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ [ނޫސް ބަޔާނެއްގައި ބުނީ ޓޫރިޒަމް އޮޕަރޭޓިން ލައިސަންސް ނެތި، ޓޫރިސްޓުން ބޭތިއްބި ދެ ތަނެއްގެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފުލުހުންނަށް ރޭ ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް، އެ ދެ ތަނުގެ ނަން އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހުއްދަ ނެތް ތަންތާނގައި ޓޫރިސްޓުން ބައިތިއްބުމަކީ މަނާކަމެއް ކަމަށާއި އެ ފަދަ ތަންތަނުގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީއާ ހިއްސާ ކުރަން ކައުންސިލް ތަކަށް ވެސް އަންގާފައިވާނެ ކަމަށެވެ.

ރާއްޖޭގައި އެއްވެސް ޓޫރިސްޓު ރިސޯޓެއް ހިންގޭނީ ރިސޯޓު ހިންގުމުގެ ހުއްދަ ނަގައިގެނެވެ. އަދި ޓޫރިސްޓު ހޮޓަލެއް ނޫނީ އެއްވެސް ގެސްޓްހައުސްއެއް ހިންގޭނީ ޓޫރިޒަމް މިނިސްޓްރީގައި އެތަނެއް ރަޖިސްޓްރީކޮށް، ހުއްދަ ހޯދައިގެނެވެ.

ގާނޫނުގައިވާ ގޮތުން، މިފަދަ ތަންތަން ހިންގުމުގެ ހުއްދަ ދޫކުރާނީ ޓޫރިޒަމުން ކަނޑައަޅާ މިންގަނޑުތަކަށް އެތަނެއްގެ އިމާރާތްތަކާއި އެފަދަ ތަންތަނުން ލިބެން ޖެހޭކަމަށް ޓޫރިޒަމުން ކަނޑައަޅާ ހިދުމަތްތައް ލިބެން ހުންނަ ކަމަށްވާނަަމަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އޮޕަރޭޝަން ލައިސަންސްނެތި ޓޫރިސްޓުން ބައިތިއްބާ ތަންތަނުގެ މައުލޫމާތު އެއް މަސް ދުވަހުގެ ތެރޭގައި އެ މިނިސްޓްރީއާ ހިއްސާ ކުރަން ކައުންސިލް ތަކަށް އަންގާފައިވާނެ ކަމަށާ، އޮޕަރޭޝަން ލައިސަންސް ހަމަވެފައިވާ ތަންތަނުން އޮޕަރޭޓް ކުރުމުގެ ލައިސަންސެއް ދެވޭ ފެންވަރަށް އިސްލާހު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން އެކަންކަން ރަނގަޅު ކުރުމުގެ ޕްލޭންއާއެކު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އެ މަސް ދުވަސް ދޭން ނިންމާފައިވާ ކަމަށެވެ.