ހަބަރު

ކަފިހިހުރަސް މަތިން އެކްސިޑެންޓްވީ މީހާގެ ހާލު ސީރިއަސް

ސެނެހިޔާ ކައިރިން ރިންގްރޯޑްގެ ކަފިހިހުރަސް މަތިން ހުރަސް ކުރަނިކޮށް ކާރަކުންޖެހި އެކްސިޑެންޓްވި އަންހެން މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭޑީކޭއިން ބުނެފި އެވެ.

އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ، އޭނާ އަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށާއި އަދިވެސް ހާލު ސީރިއަސް ކަމަށެވެ.

ފުލުހުން ބުނެފައިވަނީ، އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ އިރުއޮއްސި 6:25 އެހާއިރު ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީި ކަފިހިހުރަސް މަތިން މަގު ހުރަސްކުރަމުން ދިޔަ ދެ އަންހެނެއްގެ ގައިގައި ކާރެއް ކޮންޓްރޯލްނުވެ ޖެހިގެންނެވެ. އޭގެ ތެރެއިން އެކަކު ވެއްޓި ސްޕީޑް ބްރޭކަރުގައިޖެހި ބޯޖެހި ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދިި ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ފުލުހުން ވަނީ އެކްސިޑެންޓް ހިނގި މަންޒަރު ދުށް މީހުންނާއި އެކަމާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތްތަކުން ޓްރެފިކް ޕޮލިހަށް އެކަން ހިއްސާ ކުރުމަށް އެދިފަ އެވެ.