މަގުމަތީގެ އެކްސިޑެންޓް

ކަފިހިހުރަސް މަތިން އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ

މަޖީދީ މަގުގެ ކަފިހިހުރަހެއް މަތިން ދިޔަ އަންހެން ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓު ވެއްޖެ އެވެ.

ފުލުހުން ބުނީ، މިރޭ 8:00 އެހާކަންހާއިރު މަޖީދީ މަގުގެ ކަފިހިހުރަހެއް މަތިން ދިޔަ 17 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގައި ސައިކަލުން ޖެހުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގެ އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށެވެ.

ސައިކަލުން ޖެހި ވެއްޓުމުގެ ސަބަބުން ކުއްޖާގެ، މޭ ކަށިގަނޑަށާއި، އުނަގަނޑު އަދި ވާތު ކޮނޑަށް ވަރަށް ބޮޑަށް ތަދުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މެއަށް ތަދުވުމުގެ ސަބަބުން އަންހެން ކުއްޖާއަށް ނޭވާލާން އުދަގޫވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެކްސިޑެންޓުގެ މައުލޫމާތު އިތުރަށް ދެމުން ފުލުހުން ބުނީ، އަންހެން ކުއްޖާގެ ގައިގައި ޖެހުނު ސައިކަލް ދުއްވަން އިނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ އަތުގައި ލައިސަންސް އޮންނަ ކަމަށެވެ. މި މިމައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.