ވިޔަފާރި

ޔޫރަޕުގެ ފުޓްބޯޅަ މުބާރާތެއްގައި ރާއްޖޭގެ އިޝްތިހާރު ޖަހައިފި

ޔޫރަޕުގެ އެންމެ މަޝްހޫރު ކްލަބްތައް ކުޅޭ 13 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތެއް ރާއްޖޭން ސްޕޮންސާ ކޮށްފި އެވެ.

މަޝްހޫރު ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި ޗެލްސީ އާއި ޔުއެންޓާސް ފަދަ ކްލަބުތައް ކުޅޭ 13 އަހަރުން ދަށުގެ ދުބާއީ އިންޓަކޮންޓިނެންޓަލް ކަޕް ގެ ސްޕޮންސާކުރިކަން އިއުލާނުކުރީ، ދުބާއީގައި އޮންނަ މި މުބާރާތް ބައްލަވައިލެއްވުމަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު އެވެ.

މިނިސްޓަރު އަލީ ވިދާޅުވީ މަޝްހޫރު ކްލަބްތަކުގެ ކުޑަ ޓީމުތައް ކުޅޭ މި މުބާރާތަކީ މި އުމުރު ފުރާގައި ބާއްވާ އެންމެ މަޝްހޫރު އެއް މުބާރާތް ކަމަށެވެ. އަދި މި ފުރުސަތު ރާއްޖެ އަށް ލިބުނީ، ދާދި ފަހުން ރާއްޖެ އަށް އައި ސްޕެއިންގެ މަޝްހޫރު ފުޓުބޯޅަ ތަރި މިޝޭލް ސަލްގާޑޯއެކު ކުރި މަސައްކަތް ތަކުން ކަމަށެވެ.

"މި މެޗުތައް ބާސާ އާއި ޗެލްސީ ފަދަ ކްލަބްތަކުގެ ޓީވީތަކުން ދައްކާނެ. ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް ހަތަރު މިލިއަން ވިއުއާސް ލިބޭނެ ކަމަށް ހިސާބުތަކުން ދައްކާ. އަޅުގަނޑުމެން ޕްލެޓިނަމް ސްޕޮންސާ އަށް ވުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ސޯޝަލް މީޑިއާގައި ރާއްޖެ އިޝްތިހާރު ކުރުމާއި 'ވިޒިޓް މޯލްޑިވްސް' އަށް އެމްއެމްޕީއާރުސީން ތައްޔާރު ކޮށްފައިވާ ވީޑިއޯތައް ކުޅިބަލާ މީހުންނަށް ފެނިގެންދާނެ،" އަލީ ވިދާޅުވި އެވެ.

މި މެޗުތައް ބާސާ އާއި ޗެލްސީ ފަދަ ކްލަބްތަކުގެ ޓީވީތަކުން ދައްކާނެ. ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް ހަތަރު މިލިއަން ވިއުއާސް ލިބޭނެ ކަމަށް ހިސާބުތަކުން ދައްކާ. އަޅުގަނޑުމެން ޕްލެޓިނަމް ސްޕޮންސާ އަށް ވުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ސޯޝަލް މީޑިއާގައި ރާއްޖެ އިޝްތިހާރު ކުރުމާއި 'ވިޒިޓް މޯލްޑިވްސް' އަށް އެމްއެމްޕީއާރުސީން ތައްޔާރު ކޮށްފައިވާ ވީޑިއޯތައް ކުޅިބަލާ މީހުންނަށް ފެނިގެންދާނެ
އަލީ ވަހީދު | ޓޫރިޒަމް މިނިސްޓަރު

"ދުބާއީ އިންޓަ ކޮންޓިނެންޓަލް ކަޕް" ގެ ޕްލެޓިނަމް ސްޕޮންސާކަން ރާއްޖެއިން ނަގާފައިވަނީ 25،000 ޑޮލަރު (ގާތްގަނޑަކަށް 385،500ރ.) އަށެވެ.

މިނިސްޓަރު ވިދާޅުވީ މުބާރާތުގައި ރާއްޖެއަށް ލިބޭނެ އެކްސްޕޯޝާއާ އަޅާބަލާއިރު މިއަގަކީ ކުޑަ އަގެއް ކަމަށެވެ. މިއީ މިވަރުގެ މުބާރާތެއްގައި ލިބޭނެ އަގެއް ނޫން ކަމަށް އަލީ ވިދާޅުވި އެވެ.

"މިއީ ފަތުރުވެރިން އެއް ހަފުތާގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކޮށްލަން ދާވަރުގެ އަގެއް. އެހެންވީމަ މިކަމަށް ޝުކުރު އަދާކުރަން ސަލްގާޑޯ މެން ރާއްޖެ އައިސްގެން އުޅުނުއިރު ރިސޯޓުތަކުން ދެއްވި މެހުމާނުދާރީ. އަސްލު މިގޮތަށް ކުޑައަގެއް ލިބުނީ ރާއްޖޭގެ ހޮސްޕިޓާލިޓީ އިން،" އަލީ ވިދާ

އެއް ދަނޑުގެ ނަމަކީ "ވިޒިޓް މޯލްޑިވްސް"

އަލީ ވިދާޅުވީ މި މުބާރާތް ކުރިއަށްދާ އެއް ޕިޗުވެސް ރާއްޖެއިން އިޝްތިހާރުކޮށްފައިވާ ކަމަށެވެ. އަދި މި ޕިޗުގެ "ނަމަކީ ވިޒިޓް މޯލްޑިވްސް" ކަމަށެވެ.

"މިއީ ވަރަށް ބޮޑު އިޝްތިހާރެއް ރާއްޖެއަށް ލިބިގެންދާ. ރާއްޖޭން ބޭރުގައި ބާއްވާ މިކަހަލަ އިވެންޓެއްގައި. އިޝްތިހާރު ޖެހި ޕިޗްތަކުގައި ކުއާޓާ ފައިނަލް އާއި ސެމީ ފައިނަލް ވެސް ކުޅެވޭނެ. މިއީ ވަރަށް ބޮޑު އުފަލެއް،" އަލީ ވިދާޅުވި އެވެ.

ސްޕެނިސް ސޮކަ ސްކޫލްގެ ޖޯޒީގައި ރާއްޖެ

މި މުބާރާތް ކުރިއަށްދާއިރު ސްޕެނިސް ސޮކަ ސްކޫލް ކުޅޭ ޖޯޒީގައި ވެސް ރާއްޖޭގެ އިޝްތިހާރު ވަނީ ޖަހާފަ އެވެ.

"މި ޓީމުގެ ޖޯޒީގައި ވެސް ރާއްޖެ އިންނާނެ. އެހެންވީމަ ޔުއެންޑާސް އާއި ރިއާލް މެޑްރިޓް އަދި ޗެލްސީ ފަދަ ކްލަބްތަކުގެ ރަސްމީ އަންޑަ 13 މުބާރާތެއްގައި ރާއްޖޭ ނަން ޖެހިގެން މިދިޔައީ،" އަލީ ވިދާޅުވި އެވެ.

ރާއްޖޭން ސްޕެއިންގައި އިޝްތިހާރު ޖެހިއިރު، މި ފަސް އަހަރު ނިމޭއިރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 2.5 މިލިއަން މީހުންނަށް އިތުރުކުރެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. އަދި މި ޓާގެޓަށް ވާސިލްވުމަށްޓަކައި ޓޫރިޒަމް ބަޖެޓް ބޮޑުކޮށް އިތުރު ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމާފަ އެވެ.