ރާއްޖެ އިޝްތިހާރު ކުރުމުގައި ހަރަކާތްތެރިވާނެ، ދުނިޔޭގެ މަޝްހޫރު ކުޅިވަރު ތަރިން، ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި ނެގުމަށް ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ފަށައިފި އެވެ.
ދުބާއީގައި ބާއްވާ އިންޓަ ކޮންޓިނެންޓަލް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ފުރާ ވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ވިދާޅުވީ ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން އެކި ކުޅިވަރުތަކުން ބްރޭންޑް އެމްބެސެޑަރުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އެއް ކުޅިވަރެއް ނޫން. ތަފާތު އެކި ކުޅިވަރުތަކުގައި ބްރޭންޑް އެމްބެސެޑަރުން ހަމަޖައްސާނެ. އެ ވާހަކަ ވެސް ދައްކަމުން މި ދަނީ. އެއްކޮށް ކޮންފާމް ވުމުން އެކަން ހާމަ ކުރާނަން،" އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ އެމްބެސެޑަރުން ނެގުމުގެ އިތުރުން ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ ފުޓްބޯޅަ ލީގްތަކުގައި ސްޕޮންސާ ކުރުމުގެ ވިސްނުން ވެސް ގެންގުޅުއްވާ ކަމަށާއި ޓީމުތަކުގައި ސްޕޮންސާ ޖަހަން މަސައްކަތްތަކެއް ކުރާއިރު، މެދު ފަންތީގެ ޓީމުތަކުގެ އަގުތައް ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ބޭނުންވަނީ ދުނިޔޭގެ ނަން މަޝްހޫރު ދިވެހިން ވެސް ފަހުރުވެރިވާ ފަދަ ކްލަބްތަކުގައި އިޝްތިހާރު ކުރަން. އަޅުގަނޑުމެން ވަރަށް އުފާކުރަން މަޓީ [މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް] އިން ވެސް އެހީތެރިކަން ދެއްވާތީ، އަޅުގަނޑުމެންގެ އިންޑަސްޓްރީގެ ފަރާތުންވެސް މި ފުރުސަތުތައް ހުޅުވުނީމަ އެހީތެރިވާނެ ކަމަށް ވިދާޅުވެފައިވަނީ،" އަލީ ވިދާޅުވި އެވެ.
ރާއްޖޭގެ ބްރޭންޑް އިޝްތިހާރު ކުރުން ވަރުގަދަ ކުރުމުގެ ގޮތުން މިހާރު ވަނީ ދުނިޔޭގެ މަޝްހޫރު ކްލަބްތަކުގެ 13 އަހަރުން ދަށުގެ ކުޅުންތެރިން ބައިވެރިވާ ޔޫތު ކަޕެއްގެ ސްޕޮންސާ ރާއްޖެއިން ނަގާފަ އެވެ. ދުބާއީގައި ކުރިއަށްދާ ދުބާއީ އަންޑަ 13 އިން ޓަކޮންޓިނެންޓް މުބާރާތް ރާއްޖޭން ސްޕޮންސާ ކޮށްފައިވަނީ 25،000 ޑޮލަރުގެ ފީއެއް ދީގެނެވެ.
މި ސްޕޮންސާގެ ދަށުން ކްލަބްތަކުގެ ޓީމުތައް ކުޅޭ އެއް ޕިޗަށް ވަނީ ރާއްޖޭގެ ނަން ދީފަ އެވެ. އަދި ސޮކަ ސްކޫލް ކުޅޭ ޖޯޒީގައި ރާއްޖޭގެ ނަން ޖަހާނެ އެވެ. މި މުބާރާތަކީ ބާސެލޯނާއި ޗެލްސީ އަދި ޔުއެންޓާސް އާއި ރެއާލް ފަދަ ކްލަބްތަކުގެ ރަސްމީ ކްލަބްތައް ބައިވެރިވާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ސްޕެއިންގެ މަޝްހޫރު ފުޓުބޯޅަ ތަރި މިޝޭލް ސަލްގާޑޯ އެވެ.
ސަރުކާރުން ވަނީ މި ފަސް އަހަރު ނިމެންވާއިރަށް 2.5 މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒެއް ކަނޑައަޅާފަ އެވެ. އަދި މި އަހަރު 1.5 މިލިއަން މީހުން ގެނެވޭނެ ކަމަށް ބުނެފަ އެވެ. މި ލަނޑުދަނޑިއަށް ވާސިލްވުމުގެ ގޮތުން މާކެޓިން ބަޖެޓު ވަނީ ބޮޑުކޮށްފަ އެވެ. އަދި ރާއްޖެ އިޝްތިހާރު ކުރަން ހާއްސަ ހަރަކާތްތަކެއް ހިންގާނެ ކަމަށް ބުނެފައިވެ އެވެ.