ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއިން އަށް ދާއިރާއަކަށް ވާދަ ކުރަން ނިންމައި ޓިކެޓް ދީފި އެވެ.
ޓިކެޓް ދީފައިވާ ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ލީޑަރު ސިޔާމް ހިމެނެ އެވެ. އޭނާ ވާދަ ކުރައްވަނީ ދ. މީދޫ ދާއިރާއަށެވެ. މިހާރު ވެސް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފަށް ވެސް ވަނީ ޓިކެޓް ދީފަ އެވެ.
ކުޑަހުވަދޫ ދާއިރާ މިހާރު ތަމްސީލް ކުރައްވާ އަހުމަދު އާމިރަށް ވެސް ވަނީ އެ ދާއިރާގެ ޓިކެޓް ދީފަ އެވެ. މީގެ އިތުރުން އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާއަށް މާފަންނު ހުޅަނގު ދާއިރާގެ ޓިކެޓް ވަނީ ދީފަ އެވެ. އެސްޓީއޯގެ ކުރީގެ ޗެއާމަން ހުސެެއިން ސާލިމް މުހައްމަދަށް ހުޅުދޫ ދާއިރާގެ ޓިކެޓް ވެސް ވަނީ ދީފަ އެވެ.
ދެން ޓިކެޓް ދީފައިވަނީ ވެލިދޫ ދާއިރާއަށް މުހައްމަދު އައްބާސްއަށާއި މަނަދޫ ދާއިރާއަށް އިބްރާހިމް އަސްލަމް އަދި ދުވާފަރު ދާއިރާއަށް މުހައްމަދު އަސްލަމަށެވެ. އެމްޑިއޭއަކީ މިހާތަނަށް އެންމެ މަދު ދާއިރާތަކަށް ވާދަކުރާނެކަން އިއުލާންކުރި ޕާޓީ އެވެ.
ޕާޓީގެ ޓިކެޓްތައް ދޭން ނިންމި ގޮތުން ހިޔާލު ތަފާތުންތަކެއް އުޅޭ ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރުނެވެ. އެގޮތުން އެ ޕާޓީގެ ޓިކެޓްގައި އުނގޫފާރު ދާއިރާއަށް ވާދަ ކުރަން މަސައްކަތްކުރި އެމްޑީއޭގެ ޒުވާނުންގެ ގޮފީގެ ރައީސް އަހުމަދު ރީހާން ވަނީ ޓިކެޓް ނުލިބުމުން ޕާޓީއިން ވަކިވެފަ އެވެ. އޭގެއިތުރުން ވެސް އެ ޕާޓީގެ ކައުންސިިލްގެ ހަތަރު މެންބަރަކު ވަކިވެފައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ސަރުކާރު ހިންގާ ޕާޓީއާއެކު ކޯލިޝަން އޮތުމަށްފަހު އެންމެ ފަހު ވަގުތު އެމްޑީއޭއިން ދުރަށް ޖެހުނެވެ. އޭގެފަހުން އެމްޑީއޭގެ ހަރަކާތްތަކާއި އެ ޕާޓީގެ ބަސް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.