އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ފަރާތުން ވާދަ ނުކުރާ 11 ދާއިރާއަށް ސަރުކާރުގެ ފަރާތުުން ވާދަ ކުރާ ކެނޑިޑޭޓުންނަށް ތާއީދު ކުރައްވާނެ ކަމަށް އެމަނިކުފާނު އަލަށް އުފައްދަވާ ޕާޓީ، މޯލްޑިވްސް ރިފޯމް ޕާޓީ (އެމްއާރްއެމް) އިން ބުނެފި އެވެ.
މ. އެންދެރިމާގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއާރްއެމްގެ މަޖިލިސް އިންތިހާބުގެ ސްޕޯކްސް ޕާސަން ތަޒްމީލް އަބުދުލް ސަމަދު ވިދާޅުވީ، އެހެން ޕާޓީތަކުގެ ކެނޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފައިނުވާ ކަމަށާއި ނަމަވެސް ވާދަ ނުކުރާ ދާއިރާތަކުގެ ސަރުކާރު ކޯލިޝަންގެ ޕާޓީތަކުގެ ކެނޑިޑޭޓުންނަށް ރައީސް މައުމޫންގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ ކޯލިޝަނެއްގެ ތެރޭގައި، އަޅުގަނޑުމެންގެ ކެނޑިޑޭޓުން ނުނިކުންނަ ދާއިރާތަކުގެ ކޯލިޝަންގެ ބޭފުޅުންނަށް ހަމަ އެމްއާރްއެމްގެ ފަރާތުން އެއްބާރުލުން އޮންނާާނެ، އެހެން ނަމަވެސް އަޅުގަނޑުމެންގެ ކެނޑިޑޭޓެއް ނިކުންނަ ދާއިރާއަކަށް އަޅުގަނޑުމެންނަކަށް އެއްބާރުލުމެއް ނުދެވޭނެ، އެހެން ނޫން ދެން ކޯލިޝަންގައި ހިމެނޭ އެހެން ޕާޓުނަރުން ފަރާތުން އަޅުގަނޑުމެން ބައިވެރިނުވާ ދާއިރާތަކުން ކޮންމެ ދާއިރާއަކުން ބޭފުޅަކު ނިކުމެ ހުންނެވި ނަމަވެސް އެއީ ސަރުކާރަށް ނިސްބަތްވާ ކެނޑިޑޭޓެއް ކަމުގައި ވަނީނަމަ އެމްއާރްއެމްއަށް، ރައީސް މައުމޫންގެ ތާއީދު ދިނުމަށް އެއްވެސް ހުރަހެއް ނޯންނާނެ،" ތަޒްމީލް ވިދާޅުވި އެވެ.
ތަޒްމީލް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ރައީސްް މައުމޫންގެ ތާއީދާއެކީ 24 ކެނޑިޑޭޓަކު ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ. އަދި އެފަރާތްތައް މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އެމަނިކުފާނު މީގެ ދެރެއެއް ކުރިން އެމަނިކުފާނުގެ ފަރާތުން ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވާ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންނާއި ބައްދަލު ކުރެއްވި، އެމަނިކުފާނު އެހުރިހާ ފަރާތްތަކަށް އަމާޒު ކުރައްވައި އިޝާރާތް ކުރެއްވީ ރައްޔިތުންގެ މަޖިލީހަކީ ވިޔަފާރިކުރާ ތަނަކަށް ހެދިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް،" ތަޒްމީލް ވިދާޅުވި އެވެ.
- ހެންވޭރު އުތުރު ދާއިރާ
- ގަލޮޅު ދެކުނު ދާއިރާ
- މައްޗަންގޯޅި އުތުރު ދާއިރާ
- މައްޗަންގޯޅި ދެކުނު ދާއިރާ
- މާފަންނު ހުޅަނގު ދާއިރާ
- މާފަންނު މެދު ދާއިރާ
- މާފަންނު ދެކުނު ދާއިރާ
- ވިލިމާލެ ދާއިރާ
- ކެލާ ދާއިރާ
- ނޮޅިވަރަމް ދާއިރާ
- ކޮމަންޑޫ ދާއިރާ
- ތުޅާދޫ ދާއިރާ
- ތުލުސްދޫ ދާއިރާ
- ކ. ގުދައިދޫ ދާއިރާ
- ދިއްގަރު ދާއިރާ
- މުލަކު ދާއިރާ
- ނިލަންދޫ ދާއިރާ
- ތ. ގުރައިދޫ ދާއިރާ
- އިސްދޫ ދާއިރާ
- ފޮނަދޫ ދާއިރާ
- މާވަށު ދާއިރާ
- ތިނަދޫ އުތުރު ދާއިރާ
- ގައްދޫ ދާއިރާ
- ހިތަދޫ އުތުރު ދާއިރާ
ތަޒްމީލް ވިދާޅުވީ، ކެނޑިޑޭޓުން ތާއީދު ހޯދުމަށް ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ކުރާ ދަތުރުތަކުގައި ރައީސް މައުމޫން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ތަޒްމީލް ވިދާޅުވީ، މަޖިލިސް އިންތިހާބުގައި އެމްއާރްއެމް އިން ބޭނުން ކުރާނެ ސްލޯގަން އަކީ މާއްދާ ހަތަރެއް ކަމަށެވެ. އެ ސްލޯގަން ހިޔާކުރި ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، ގާނޫނު އަސާސީގައި މާއްދާ ހަތަރަކީ ރައްޔިތުންގެ ބާރު ކަމަށެވެ. އެއީ އެއަށް ރިއާޔަތްކޮށް ކަނޑައާޅަފައިވާ ޝިއާރެއް ކަމަށެވެ.
"މާއްދާ ހަތަރެއްގެ ނަމުގައި ވަރަށް އަވަހަށް ކެމްޕެއިން ފަށިގެންދާނެ، ރަސްމީކޮށް ކެމްޕެއިން ފެށުމުގެ ހަރަކާތެއް ދާދި އަވަހަށް މާލޭގައި ބާއްވާނަން، ފަހުގެ ތާރީހެއްގައި އެކަން ހިއްސާ ކުރާނަން،" ތަޒްމީލް ވިދާޅުވި އެވެ.
ތަޒްމީލް ވިދާޅުވީ، ރައީސް މައުމޫންގެ ތާއީދާއެކު ވަރަށް ގިނަ ފަރާތްތަކުން މަޖިލީހަށް ކުރިމަތިލާން މަސައްކަތް ކުރާ ކަމަށެވެ. މިވަގުތު 24 ދާއިރާއެއް ކަނޑައެޅި ނަމަވެސް އެއަދަދު ޑަބަލްވުން އެކަށީގެންވާ ކަމަށެވެ. އަދި އެފުރުސަތު އެންމެ ފަހު ދުވަހާއި ޖެހެންދެންވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއާރްއެމްއިން 11 ދާއިރާއަކަށް ކުރިމަތިނުލާން ނިންމާފައިވާ ކަމަށެވެ. އެއީ ކޯލިޝަންގެ ސަރުކާރަކަށް ވާތީވެ ބައެއް ދާއިރާތަކަށް ކުރިމަތިނުލާން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއާރްއެމް އިން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިސް ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދާއިރާއަށް ކުރިމަތިނުލާން ނިންމާފަ އެވެ.
ތަޒްމީލް ވިދާޅުވީ، ރައީސް މައުމޫންގެ ތާއީދާއެކު އެހެން ޕާޓީތަކުގެ ކެނޑިޑޭޓުންވެސް ނިކުންނަން ހުށަހަޅާފައިވާ ކަމަށާއި އަމިއްލަ ގޮތުންވެސް ކުރިމަތިލާ ބައެއް ފަރާތްތަކުންވެސް ތާއީދު ހޯދަން އެދިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ބޭފުޅަކަށް ތާއީދު ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.