ވިޔަފާރި

ގްލޯބަލް މަނީ ވީކް އަކީ ކޮބާ؟

Feb 13, 2019

ގްލޯބަލް މަނީވީކް އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މާލީ އަދި ފައިސާ އާއި ގުޅުން ހުރި ކަންތައްތަކަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމަށް ހައްސަކުރާ ހަފުތާ އެކެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކޮންމެ އަހަރަކު ފާހަގަކުރާ މި ހަފްތާއަކީ "ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަރނޭޝަނަލުން" އިސްނަގައިގެން 2011 ވަނަ އަހަރު ކުރިއަށް ގެންދިޔަ "ޗައިލްޑް ފައިނޭންސް ޑޭ އެންޑް ވީކް" ގެ ތެރެއިން ކުރި ފަޅައިގެން އުފެދިގެން އައި ހަރަކާތެކެވެ. ދެހާސް ބާރަވަނަ އަހަރު މި ހަރަކާތް ފެށީ 21 ގައުމެއްގެ ބައިވެރިވުމާއެކު އެވެ. އެހެން ނަމަވެސް، އޭގެ ފަހުން މި ހަފްތާ ފާހަގަކުރާ ގައުމުތައް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވެއެވެ. އެގޮތުން، ފާއިތުވި އަހަރު 151 ގައުމެއްގައި ގްލޯބަލް މަނީ ވީކް ވަނީ ފާހަގަކޮށްފަ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންވަނީ ގްލޯބަލް މަނީވީކް ފާހަގަ ކުރަން ހާއްސަ ހަރަކާތަކެއް ރާވަން ތައްޔާރު ވަމުންނެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންވަނީ ގްލޯބަލް މަނީވީކް ފާހަގަ ކުރަން ހާއްސަ ހަރަކާތަކެއް ރާވަން ތައްޔާރު ވަމުންނެވެ. ކޮންމެ އަހަރެއްގެ މާޗު މަހުގެ ފަހު ހަފްތާގައި ކުރިއަށްގެންދާ މި ހަރަކާތުގައި ކުޑަކުދިންނަށާއި ޒުވާނުންނަށް ފައިސާ އާއި މާލީ ކަންތައްތަކާ ގުޅުންހުރި ކަންތައްތައް ދަސްކޮށްދިނުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް ހިންގައެވެ. އެގޮތުން، އިގްތިސާދީ ހޭލުންތެރިކަން އިތުރުކުރުމާއި ފައިސާގެ މުހިންމުކަމާއި އިގްތިސާދުކުރެވޭނެ ރަނގަޅު ގޮތްތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންވަނީ ގްލޯބަލް މަނީވީކް ފާހަގަ ކުރަން ހާއްސަ ހަރަކާތަކެއް ރާވަން ތައްޔާރު ވަމުންނެވެ. ގްލޯބަލް މަނީ ވީކްގެ މި އަހަރުގެ ޝިއާރަކީ ދަސްކުރުން، ފަހަށް ރައްކާކުރުން، ފައިސާ ހޯދުމެވެ.

ދަސް ކުރުން

އިޖްތިމާއީ ގޮތުންނާއި އިގްތިސާދީގޮތުން ކުޑަކުދިންނަށާއި ޒުވާނުންނަށް ލިބިފައިވާ ހައްގުތަކާއި ޒިންމާތައް އެ ކުދިންނަށް ކިޔައިދީ ދަސްކޮށްދިނުމަކީ މުސްތަގުބަލުގައި ބޮޑެތި މީހުންގެ ގޮތުގައި ރަނގަޅު ހެޔޮ ނިންމުންތައް ނިންމާނެ ޖީލެއް އުފެދިގެން ދާނޭ ކަމެކެވެ.

ފަހަށް ރައްކާ ކުރުން

ފަހަށް ރައްކާކުރުމުގެ އާދަ ކުޑައިރުއްސުރެ އަށަގެންނެވިއްޖެނަމަ އަމިއްލަ ދިރިއުޅުމެއް ފަށައިގަންނަ އިރު ފައިސާގެންގުޅުމާއި ހަރަދުކުރުމާއި އިޤްތިސާދު ކުރާނޭގޮތްތައް ކުދިންނަށް ދަސްވެގެންދާނެ އެވެ.

ފައިސާ ހޯދުން

ދިރިއުޅުމުގެ އެކި ކަންކަމުގެ ހުނަރު އަށަގަންނަވައި ވިޔަފާރީގެ ތަމްރީނުތައް ފޯރުކޮށްދީ ވަޒީފާގެ މާހައުލަށް ތައްޔާރުކޮށް އަމިއްލަ ވިޔަފާރި ތަރައްގީކުުރުމަށް ދަސްވެގެންދާނެ އެވެ.

ގްލޯބަލް މަނީ ވީކް ހިންގުމުގައި ގައުމުތަކުގެ ރަސްމީ އިދާރާތައް އަދި އަމިއްލަ ފަރާތްތަކަށް ވެސް އިސް ރޯލެއް ނެގުމުގެ ފުރުސަތު ލިބިފައިވާތީ މި ހަފްތާ ފާހަގަކުރެވިގެންދަނީ ވަރަށް ތަފާތު ހަރަކާތެއްގެ ގޮތުގައެވެ. ގްލޯބަލް މަނީ ވީކާ ގުޅުވައިގެން އެކި ހަރަކާތްތައް ހިންގުމުގެ ފުރުސަތު އޮންނަނީ އާއްމުކޮށް ހުޅުވާލާފައެވެ. އެގޮތުން ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއެކު މި ހަރަކާތުގައި 53،300 އިދާރާ އިން މިހާތަނަށް ހަރަކާތްތެރިވެފައިވެ އެވެ. ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގައި 32 މިލިއަން ކުދިން ވަނީ ބައިވެރިވެފައިވެ އެވެ.

ގްލޯބަލް މަނީ ވީކްގެ ރާއްޖޭގެ ހަރަކާތްތަކުގައި ވެސް އެކިއެކި މާލީ އިދާރާތަކުންނާއި ސްކޫލްތަކުން ވަރަށް ފުޅާދާއިރާއެއްގައި ހިއްސާވެއެވެ. ދިވެހި ރާއްޖޭގައި މި ހަފްތާ އެއްމެ ފުރަތަމަ ފާހަގަކުރީ 2014 ވަނަ އަހަރު އެވެ. އެ އަހަރު ގްލޯބަލް މަނީ ވީކް ފާހަގަކޮށްފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި މާލީ ދާއިރާގެ އެކި ފަރާތްތައް ގުޅިގެންނެވެ. ގްލޯބަލް މަނީ ވީކް ފާހަގަކުރުމުގެ ގޮތުން އެއަހަރު ކުރިއަށް ގެންދިއަ ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވި ކުރެހުމުގެ މުބާރާތަކާއި ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތެއް ހިމެނެއެވެ. މީގެ އިތުރުން އެމްއެމްއޭ އިން އިސްނަގައިގެން 2015 އަދި 2016 ވަނަ އަހަރު ވެސް ވަނީ ގްލޯބަލް މަނީ ވީކް ފާހަގަކޮށްފައެވެ. މިހާތަނަށް ރާއްޖޭގައި ހިންގި ގްލޯބަލް މަނީވީކުގެ ހަރަކާތްތަކުގެ ތެރެއިން ޖުމްލަ 4،125 ފަރާތަކަށް ވަނީ މާލީ ދާއިރާގެ އެކި ކަންތައްތަކާ ގުޅޭ މައުލޫމާތުދީފައެވެ.

ދެހާސް ބާރަވަނަ ވަނަ އަހަރު ފާހަގަކުރަން ފެށުނު ގްލޯބަލް މަނީ ވީކާ ގުޅުން ހުރި އެންމެހައި ހަރަކާތްތައް ސޯޝަލް މީޑިއާގައި ވަކިން ހާއްސަގޮތެއްގައި ގްލޯބަލް މަނީވީކްގެ ފޭސްބުކު ޕޭޖްގައި ދާނީ ހިއްސާކުރަމުންނެވެ.
މި އަހަރުގެ ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރުގައި ވެސް މި ހަފްތާ ވަނީ ހިމަނާފަ އެވެ.