މާލޭ ސިޓީ

އަންނަ ހުކުރު ދުވަހު މަގުތައް ބަންދުކުރަން ފަށަނީ

ހައުސިން މިނިސްޓްރީގެ ނިންމުމާ އެއްގޮތަށް އަންނަށް ހުކުރު ދުވަހުން ފެށިގެން ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު މާލޭގެ ބައެއް މަގުތަށް ބަންދު ކުރާ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔާރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މާފަންނުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިފާ ވިދާޅުވީ، ހުކުރު ދުވަހު މަގުތަށް ބަންދު ކުރަން ހަމަޖެހިފައިވަނީ ހެނދުނު 6:30 އިން ފެށިގެން ހެނދުނު 10:30 އަށެވެ. އޭނާ ވިދާޅުވީ މަގުތައް ބަންދު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ތޮއްޖެހިފައިވާ މާލޭ މަގުތަައް ރައްޔިތުންނަށް ހުޅުވާލާ އާއިލާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ.

މާލޭގެ ބައެއް މަގުތަށް ބަންދުކޮށް އާއިލާތަކާއި ކުޑަކުދިންނަށް ވަގުތު ހޭދަ ކުރާނެ ޖަޒީރާ މާހައުލެއް ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. ހުކުރު ދުވަހު ބަންދު ކުރަން ނިންމާފައިވަނީ މާލޭ ހަތަރު އަވަށަކުން ހަތަރު މަގެއް ކަމަށް ޝިފާ ވިދާޅުވި އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ޝިފާ އިތުރަށް ވިދާޅުވީ، މާލޭގައި ދުއްވާ ވެހިކަލްތައް ދުއްވޭނެ ވަކި މުއްދަތެއް ކަނޑައަޅައި ދިނުމަށް އެދި މިހާރު ޓްރާންސްޕޯޓް މިނިސްޓްރީ ގައި އެދިފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގައި ހުރި ހުސް ބިންތަށް ބޭނުން ކުރަން ހަމަޖެހިފައިވަނީ ވެހިކަލް ޕާކު ކުރާނެ ޖާގަ ހެދުމަށާއި ޕާކުތަށް ހެދުމަށް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ކައުންސިލް މެންބަރު، މުހައްމަދު ރަޝީދު ވިދާޅުވީ ހުސް ބިންތަކުގައި ޕާކު ހަދާއިރު އެތަންތަން ފަރުމާ ކުރާނީ ވެހިކަލްތަށް ވެސް ޕާކު ކުރެވޭ ގޮތަށް ކަމަށެވެ. ނަމަވެސް ހަމައެކަނި ޕާކިން އޭރިއާ ހެދުމަށް ކަނޑައަޅާ ހުސް ބިންތަކުގައި ހަދާނީ މަލްޓި ސްޓޯރީ ޕާކިން ބިލްޑިންގްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެއަށް ގެންނަށް ވެހިކަލް ތަކުގައި އޭޖް ލިމިޓެއް ކަނޑައަޅައި ދިނުމަށާ މާލެ ގެންނަން ވެހިކަންތަކުގައި ފުޅާ މިން ބަލއި ދިނުމަށް މިހާރު ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށް އެދިފައި، އެމަޝްވަރާތަށް މިހާރުވެސް ދަނީ ކުރަމުން" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

މޭޔަރު ޝިފާ އިތުރަށް ވިދާޅުވީ، ނުދުއްވާ ގިނަ ދުވަސް ވަންދެން މާލޭ މަގުމަތީގައި ބަހައްޓާފައި ހުންނަށް ވެހިކަލްތަށް ނަގަން ޖެހޭ ކަމަށާއި އެކަން ކުރެވެން ހުރީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ކަމަށެވެ. މީގެ އިތުރުން ޝިފާ ވިދާޅުވީ ސިޓީ ކައުންސިލުން ޕެލެޓްތައް ދެން ނަގާނީ ވަރަށް ބޮޑަށް ގަވާއިދާ ހިލާފު ވެފައިވާނަމަ އެވެ. އޭނާ ވިދާޅުވީ، ރޭމްޕްތަށް އެޅުމުގެ މަސައްކަތްތަކާއި ރޭމްޕްތަށް އަޅާނެ ތަންތަން މިހާރު ބަލަމުން ދާ ކަމަށެވެ.