ބޭންކިން އެންޑް ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް "ބީއެމްއެމްއެލް ރިވެލި" ނަމުގައި ވިލާ ކޮލެޖާއި ގުޅިގެން ހާއްސަ ޕްރޮގްރާމެއް ބޭންކް އޮފް މޯލްޑިވްސް އިން އިފްތިތާހުކޮށްފި އެވެ.
ބީއެމްއެލް ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް އެވެ. އަދި ވިލާ ކޮލެޖްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކޮލެޖްގެ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ.
ބީއެމްއެލްއިން ބުނީ، ރިވެލި ޕްރޮގްރާމްގެ ދަށުން ވިލާ ކޮލެޖާ ގުޅިގެން ބޭންކުން ފުރަތަމަ ތައާރަފްކޮށްފައިވަނީ ޑިޕްލޮމާ އިން ބޭންކިން އެންޑް ފައިނޭންސްގެ ކޯސް ކަމަށެވެ. އަދި އެ ކޯހަކީ 12 މަސްދުވަހުގެ ކޯހެއް ކަމަށެވެ.
އެ ކޯހުގެ މަގްސަދަކީ ޒުވާނުންނާއި އަދި ބޭންކިން ދާއިރާއިން ކުރިށްދާން ބޭނުންވާ ފަރާތްތަކަށް ކުރިއަށް ދިޔުމަށް ބޭނުންވާ ތައުލީމާއި ހުނަރު ދަސްކޮށްދީ ރާއްޖޭގެ ބޭންކިން ސިނާއަތަށް ބޭނުންވާ ތައުލީމީ ގާބިލް ޒުވާނުން އުފެއްދުން ކަމަށް ބޭންކުން ބުންޏެވެ. އެ ޑިޕްލޮމާގެ ކަރިކިއުލަމް އެކުލަވާލާފައިވަނީ ބީއެމްއެލާ އާއި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި ވިލާ ކޮލެޖާ ގުޅިގެން އެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ޝަރީފް ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ ގާބިލު، މަސައްކަތްތެރި އަދި ކަސްޓަމަރުން އެދޭ ފަދަ ހިދުމަތެއް ބޭންކުގެ ވިޔަފާރީގެ ތަސައްވުރާ އެއްގޮތްވާގޮތުގެ މަތިން ފޯރުކޮށްދޭނެ މުވައްޒަފުން ތަކެއް އުފެއްދުން ކަމަށެވެ. އަދި ބީއެމްއެލް ރިވެލި ޕްރޮގްރާމާއެކު ބޭންކިން ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ދާއިރާއާ ގުޅޭ ތައުލީމާއި ތަމްރީނު ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު މި ފުރުސަތު ހުޅުވާލަނީ، ބޭންކިންގެ މުވައްޒަފުންނާއި ބޭންކިން ދާއިރާގެ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް މުހިންމު ފުރުސަތެއް، މިއީ ބޭންކިން އަދި ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށް ހުޅުވާލެވޭ ފުރުސަތެއް،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، މި ފުރުސަތު ހުޅުވިގެންދަނީ ހަމައެކަނި ބީއެމްއެލްގެ މުވައްޒަފުންނަށް އެކަނި ނޫން ކަމަށާއި ރާއްޖޭގައި ބޭންކިން އިންޑަސްޓްރީގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށްވެސް ފުރުސަތު އެބަ އޮތް ކަމަށެވެ.