ދުނިޔެ

ދުވަސްކޮޅަކަށް ފަހު ދެކުނު ކޮރެއާ އިން އަނެއްކާ ވެސް މާސް ފެނިއްޖެ

Jul 2, 2015

ނޭވާލާ ނިޒާމަށް ޖެހޭ މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) ފެތުރުން ހަތަރު ދުވަހަށް މެދުކެނޑިފައި އޮތުމަށް ފަހު ދެކުނު ކޮރެއާގައި އެ ބަލި ޖެހިފައިވާ މީހަކު މިއަދު އަނެއްކާ ވެސް ފެނިއްޖެ އެވެ.

ސަރުކާރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މިއަދު ފެނުނު މީހާއާ އެކު މާސް ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 183 އަށް އަރާފަ އެވެ. އޭގެ ތެރެއިން 33 މީހަކު މަރުވެފައިވާ ކަމަށާއި އެ ބަލީގެ އަލާމާތްތައް ފެނުނު ގާތްގަނޑަކަށް 2،238 މީހަކު އެކަހެރިކޮށްގެން ފަރުވާ ދެމުންދާ ކަމަށް ވެސް ބުންޏެވެ.

މިއީ މެދުއިރުމަތި ނޫން ސަރަހައްދެއްގެ ގައުމެއްގައި މިހާ ގިނަ އަދަދެއްގެ ބަޔަކަށް މާސް ޖެހުނު ފުރަތަމަ ފަހަރެވެ. ދުވަސްކޮޅަކަށް ފަހު މާސް ޖެހިފައިވާ އިތުރު މީހަކު ދެކުނު ކޮރެއާ އިން މިއަދު ފެނިފައި ވިޔަސް، މި ބަލި ޖެހިގެން އެ ގައުުމުގައި މީހަކު މަރު ނުވާތާ ދެ ދުވަސް ވަނީ ވެފަ އެވެ.

މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ މާސް ޖެހިގެން ދެކުނު ކޮރެއާގައި ފުރަތަމަ ފަހަރަށް ބަޔަކު މަރުވީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އުމުރުން 58 އަހަރުގެ އެ އަންހެން މީހާ އަކީ ދެ ވަނަ އަށް މަރުވި 71 އަހަރުގެ ފިރިހެން މީހާއާ ބައްދަލުވެފައި ހުރި އަންހެނެކެވެ. މި ބަލި ޖެހިގެން ފުރަތަމަ ފަރުވާ ހޯދަން ފެށީ މެދުއިރުމައްޗަށް ދަތުރުކޮށްފައި ހުރި އެ ފިރިހެން މީހާ އެވެ.

ދެކުނު ކޮރެއާގައި މާސް ބަލި ފެތުރެން ފެށީ، މި ބަލި ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ޗައިނާ އިން ފެނުނުތާ މާ ގިނަ ދުވަހެއް ނުވެ އެވެ. މެދުއިރުމައްޗަށް ދަތުރުކޮށްފައި ހުރި ދެކުނު ކޮރެއާގެ އެ މީހާ ދެކުނު ކޮރެއާ އިން ޗައިނާގެ ހޮންގް ކޮންގަށް ދިޔައީ އޭސިއާނާ އެއާލައިންގެ ފްލައިޓެއްގަ އެވެ. އެ އަށް ފަހު، ބަހަކަށް އަރައިގެން ޗައިނާގެ ދެކުނުގައި އޮންނަ ގުއަންޑަންގް ޕްރޮވިންސްގެ އަވަށެއް ކަމަށްވާ ހުޒޫ އަށް އޭނާ ދިޔަ ކަމަށް ވެ އެވެ. އެ އަވަށުގެ ހޮޓަލެއްގައި ހުރި އެ މީހާ އަށް މާސް ޖެހިފައިވާކަން އެނގުނީ ބަލިވެގެން ހޮސްޕިޓަލަށް ދިއުމުންނެވެ.

މާސް ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ 2013 ވަނަ އަހަރު ސައުދީ އަރަބިއްޔާ އިންނެވެ. އަދި އެންމެ ގިނަ ބަޔަކަށް މިހާތަނަށް އެ ބަލި ޖެހި މަރުވެފައި ވަނީ ވެސް އެ ގައުމުންނެވެ.

ދިރާސާތަކުން ލަފާކުރެވެނީ މިއީ މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން ޖަމަލަށް ޖެހެމުން އައި ބައްޔެއް ކަމަށާއި ވައިރަސް މިއުޓޭޓްވެ އިންސާނުންގެ ހަށިގަނޑަށް ވެސް ވާސިލުވީ ކަމަށެވެ.

މާސް އަކީ ސާސް ރޯގާ އަށް ވުރެ ވެސް ނުރައްކާ ބައްޔެއް ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް، މާސް އަކީ ސާސް ރޯގާހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫން ކަމަށް ބެލެވެ އެވެ. ސާސް ރޯގާ 8،273 މީހަކަށް ޖެހުނުއިރު، އޭގެ ތެރެއިން ނުވަ ޕަސެންޓް މީހުން މަރުވި އެވެ. ސާސް ރޯގާ ފަދައިން، މާސް ވައިރަސް ޖެހުމުން ވެސް މޭގައި އިންފެކްޝަން އުފެދެ އެވެ. އަދި ހުން އައިސް، ކެއްސައި ނޭވާލާން އުނދަގޫވެ އެވެ. ނަމަވެސް ސާސް އާ ހިލާފަށް، މާސް ވައިރަސްގެ ސަބަބުން ވަރަށް ފަސޭހައިން ކިޑްނީ ފެއިލްވެ އެވެ.