ވިޔަފާރި

ދެ އަތޮޅެއްގައި ޓޫރިސްޓުން ބައިތިއްބާ ތަންތަން އިންސްޕެކްޓްކޮށްފި

ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރަން ޓޫރިޒަމުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން، ދެ އަތޮޅެއްގައި އިންސްޕެކްޝަން ފުރިހަމަ ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓޫރިސްޓުން ބައިތިއްބާ ތަންތަން އިންސްޕެކްޓް ކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން، ހއ. އާއި ހދ. ގެ ތަންތަން އިންސްޕެކްޓްކޮށް ނިމިފައިވާ ކަމަށެވެ.

"މިހާރު ފަށާފައިވާ މަސައްކަތުގެ ދަށުން ހަތް މަސް ދުވަހުގެ ތެރޭގައި މުޅި ރާއްޖެ އިންސްޕެކްޓްކޮށް ނިންމާލެވޭނެ،" އަލީ ވިދާޅުވި އެވެ.

ޓޫރިސްޓުން ބައިތިއްބާ ތަންތަނުގެ އިންސްޕެކްޝަނެއް ފަށާފައިވަނީ މި ފަހުން އެކި ހާދިސާތައް ދިމާވެ ޓޫރިސްޓުން މަރުވުމާއި ޓޫރިޒަމް ދާއިރާގައި ތަފާތު އެކި ހާދިސާތައް އިތުރުވުމާ ގުޅިގެންނެވެ. މި އިންސްޕެކްޝަންތައް ފަށާކަން އިއުލާނު ކުރުމަށް މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ އިންސްޕެކްޝަންތަކުގެ ބޭނުމަކީ ޓޫރިސްޓުންނަށް ރައްކާތެރި މާހައުލެއް އެ ތަންތަނުގައި ހުރިތޯ ޔަގީން ކުރުން ކަމަށެވެ. މީގެ އިތުރުން ރިސޯޓްތަކުގައި ދިވެހި މުވައްޒަފުން ގެންގުޅޭ އަދަދުތަކާއި އެހެން ވެސް ގާނޫނުތަކާއި ގަވާއިދުތަކަށް ރިސޯޓްތަކުން އަމަލު ކުރޭތޯ ބަލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރަނީ ފުލުހުންނާއި ސިފައިން އަދި ޓޫރިޒަމް މިނިސްޓްރީ އާއި މަޓީގެ އެހީތެރިކަމާއެކުގަ އެވެ. ރެންޑަމްކޮށް ކުރި އަށް ގެންދާ މި އިންސްޕެކްޝަންތައް ފަށާފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ.

އިންސްޕެކްޝަން ފެށުމުން ރަނގަޅު ކުރޭ

މިނިސްޓަރު އަލީ ވިދާޅުވީ މިހާރު ކުރިއަށްދާ އިންސްޕެކްޝަންތަކާއެކު ގޯސްކޮށް ހުރި ކަންކަން ރަނގަޅު ކުރަމުންދާ ކަމަށެވެ.

"އޯވަ ނައިޓަކުން ކަންކަން ރަނގަޅެއް ނުކުރެވޭނެ. އިންސްޕެކްޝަން ފެށީތީ ވެސް ކަންކަން ރަނގަޅު ކުރަމުން އެބަދޭ. މިކަމާ އުޅޭތީ. އެކަން ވެސް އަޅުގަނޑުމެން މި ނަގަނި ވަރަށް ޕޮޒިޓިވްކޮށް،" އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އިތުރަށް ވިދާޅުވީ އިންސްޕެކްޝަންތަށް ނިމުމުން ރަނގަޅު ކުރަން ޖެހޭ ކަންކަން ލިއުމުން އަންގާނެ ކަމަށެވެ.

"މިކަން [އިންސްޕެކްޝަންތައް] ނިންމާލުމުން ފާހަގަވީ ކަންކަން ރަނގަޅު ކުރަން ޖެހޭނެ. އެ ކަމަށް އަޅުގަނޑުމެން ޓައިމް ދޭނަން. ގާނޫނާއި ގަވާއިދުތައް ހެދީމަ ކޮންމެ ބަޔަކުވެސް އެކަމަށް ފޮލޯ ކުރަން ޖެހޭނެ،" އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ހުއްދަ ނެތް ތަންތާނގައި ޓޫރިސްޓުން ބައިތިއްބުމަކީ މަނާކަމެއް ކަމަށާއި އެ ފަދަ ތަންތަނުގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީއާ ހިއްސާ ކުރަން ކައުންސިލް ތަކަށް ވެސް އަންގާފަ އެވެ. އަދި ޓޫރިޒަމް ގާނޫނާ ހިލާފަށް، ހުއްދަނެތި، ޓޫރިސްޓުން ބޭތިއްބި ދެ ތަނެއްގެ މައްސަލަ ބަލަން ފުލުހުން ހަވާލުކޮށްފަ އެވެ.