އެމްއެމްޕީއާރްސީ

އެމްއެމްޕީއާރުސީގެ ހިޔާނާތް: 1.3 ބިލިއަން ރުފިޔާ ވަނީ އެމްބެޒުލްކޮށްފައި

Feb 14, 2019
14

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި، 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން ހިންގި ތަހުގީގުގެ ރިޕޯޓް ސިއްރުކޮށްފައި ގިނަ ދުވަހު ބޭއްވުމަށް ފަހު އޭސީސީއިން މިއަދު އެންމެ ފަހުން އެ ރިޕޯޓް އާންމުކޮށްފި އެވެ.

މީގެ އިރުކޮޅެއް ކުރިން އެ ރިޕޯޓް ވަނީ އޭސީސީގެ ވެބްސައިޓްގައި ޝާއިއުކޮށްފަ އެވެ. އެ ރިޕޯޓްގައި، 776 ސޮފްހާ ހިމެނެ އެވެ. އަދި އެ ރިޕޯޓްގައި، އެ ހިޔާނާތް ހިންގުމުގައި މެދުވެރިއަކަށް ބޭނުންކުރި އެސްއޯއެފް އާއި އެ ކުންފުނިން ފައިސާ ފޮނުވާފައިވާ އެކި ފަރާތްތަކުގެ މައުލޫމާތާއި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ނަންތައް ވެސް އާންމުކޮށްފައިވެ އެވެ. އަދި އޭސީސީއަށް އެކި ފަރާތްތަކުން ދީފައިވާ ގިނަ ބަޔާންތައް ވެސް ވަނީ ރިޕޯޓްގެ ތެރޭގައި އާންމުކޮށްފަ އެވެ.

އޭސީސީގެ ތަހުގީގުގައި ވަނީ އެމްއެމްޕީއާރުސީއިން ކުއްޔަށް ދިން 57 ތަނެއްގެ މައްސަލަ ބަލާފަ އެވެ. ބެލިބެލުމުން އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާއަށް ވަނީ ވަރަށް ބޮޑަށް ހިޔާނާތްވެފަ އެވެ. އެގޮތުން އެ ރަށްތަކުން 77 މިލިއަން ޑޮލަރު ދައުލަތަށް ލިބެންޖެހޭއިރު، ލިބިފައިވަނީ އެންމެ 12 މިލިއަން ޑޮލަރެވެ. އެ 12 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ވެސް އެސްއޯއެފްއަށް ޖަމާކޮށްފައިވެ އެވެ.

އެސްއޯއެފްއަށް ފައިސާ ޖަމާކުރުމަށްފަހު އެ ފައިސާ އަމިއްލަ މީހުންނާއި ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވެ އެވެ. އެގޮތުން 166 އެކައުންޓަކަށް ފައިސާ ވަދެފައިވެ އެވެ. އެ ފަރާތްތަކުގެ ތަފްސީލް ވެސް ރިޕޯޓްގައި ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހިމެނެ އެވެ.