ހަބަރު

ހިލޭ ޑިގްރީއަށް ކިޔަވާ ފޯމް މިހާރު ލިބޭނެ: މިނިސްޓަރު

ހިލޭ ފުރަތަމަ ޑިގްރީ އަށް ކިޔަވަން ދަރިވަރުން ހުށަހަޅަން ޖެހޭ ފޯމު މިއަދު މެންދުރުފަހުން ފެށިގެން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނާއި މޯލްޑިވްސް ޕޮލިޓެކްނިކުން ލިބެން ހުންނާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށް ދެއްވި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތާ ބެހޭ ތަފުސީލްތައް ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ޑިގްރީ އަށް ހިލޭ ކިޔެވުމަށްޓަކައި ދަރިވަރު ކުރިމަތިލާން ބޭނުންވާ ފޯމު މިއަދުން ފެށިގެން ލިބެން ހުންނާނެ ކަމަށާއި، ފޯމް ހުށަހަޅަން އޮންލައިން ޕްލެޓްފޯމެއް މިވަގުތު ނެތް ނަމަވެސް ހަޔާ އެޑިއުކޭޝަނާއި ޕޮލިޓެކްނިކްގައި އެ ކަމަށް ހާއްސަ ޑެސްކެއް ހުންނާނެ ކަމަށެވެ.

ފޯމް ސަބްމިޓް ކުރަން ވަކި ތާރީހެއް އަދި ކަނޑައެޅިފަ އެއް ނެތެވެ.

މި ސްކީމުގެ ދަށުން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު އަލަށް ޑިގްރީ ކިޔަވާ ކުދިންނަށް ހުޅުވާލާފައިވާއިރު އެ ދަރިވަރުގެ އަތުގައި ޑިގްރީ ކޯހުގެ ޖާގަ ލިބުނު ކަމުގެ ލިޔުން އޮންނަން ޖެހެ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ފުރުސަތު މި ހުޅުވާލަނީ މި އަހަރު އަލަށް އެންރޯލްވާ ކުދިންނަށް އެކަނި ނޫން ކަމަށެވެ. އަދި މިހާރު ފުރަތަމަ ޑިގްރީ ކޯހުގައި ކިޔަވަމުންދާ ކުދިންނަށްވެސް މިއަހަރުގެ ކޯސްފީގެ ކަންތައްތައް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ޕްރައިވެޓު ކޮލެޖުތަކުންނާއި ޔުނިވާސިޓީއަށް މި އަހަރުގެ ސެމިސްޓާ ފީ ދައްކާފައި ތިބި ދަރިވަރުން މިނިސްޓްރީ އިން ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭ ކަމުގައި ވާނަމަ ދައްކާފައިވާ އެ ފީ އަލުން އަނބުރާ ރައްދު ކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ފޯރުކޮށްދޭ ކޯސްތަކަކީ އެމްކިއުއޭ ގަބޫލު ކުރާ ކޯސްތަކަކަށް ވާން ޖެހޭނެ. އަދި، ސެމިސްޓާ ފީ ޕްރައިވެޓް އިންސްޓިޓިއުޓްތަކުން އަދި ޔުނިވާސިޓީ ތަކުން ދައްކާފަ ތިބި ކުދިންނަށް، މި އުސޫލުގެ ދަށުން ފެތޭ ކަމުގައި ވަންޏާ މި ފީ ރީއެމްބާސް ކޮށްދޭނަން. އެހެންވީމަ މި އަހަރުގެ ސެމިސްޓާގެ ފީ، މި އުސޫލުގެ ތެރެއިން ފެތޭ ކަމަށްވަންޏާ ސަރުކާރުން އެ ކުއްޖަކަށް ރީއެމްބާސް ކޮށްދޭނަން"

މިއަދު ހުޅުވާލި ފުރުސަތުގެ ދަށުން، ސަރުކާރުގެ ދެ ޔުނިވާސިޓީގެ އިތުރުން އަމިއްލަ ކޮލެޖްތަކުން ހިންގާ ޑިގްރީ ޕްރޮގްރާމްތަކުގެ ކޯސް ފީގެ ބޮޑު ބައެއްވެސް ދައުލަތުން ދައްކައިދޭނެ އެވެ.
ސަރުކާރުގެ ދެ ޔުނިވާސިޓީ އާއި އަމިއްލަ ކޮލެޖްތަކުގައި، މިހާރުވެސް 8،000 އަށް ވުރެ ގިނަ ދަރިވަރުން ފުރަތަމަ ޑިގްރީއަށް ކިޔަވަ އެވެ.