ހަބަރު

އައިޔޫއެމާއި އެމްއެންޔޫގެ ޑިގްރީ ކޯސްތައް ހިލޭކޮށްފި

ސަރުކާރުގެ ދެ ޔުނިވާސިޓީގައި ފުރަތަމަ ޑިގްރީގެ ހުރިހާ ކޯސްތަކެއްގައި، މިއަދުން ފެށިގެން ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ހިލޭ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. މި ވައުދުގެ ފުއްދަން މި އަހަރުގެ ބަޖެޓްގައި އެންމެ މަތީ ޕަސެންޓެއް ކަނޑައަޅާފައި ވަނީ ތައުލީމީ ދާއިރާ އަށެވެ. މި އަހަރުގެ ބަޖެޓްގައި ތައުލީމީ ދާއިރާއަށް 3.4 ރުފިޔާ ހަމަޖައްސާފައި ވެއެވެ.

މިއަދު ހުޅުވާލި ފުރުސަތުގެ ދަށުން، ސަރުކާރުގެ ދެ ޔުނިވާސިޓީގެ އިތުރުން އަމިއްލަ ކޮލެޖްތަކުން ހިންގާ ޑިގްރީ ޕްރޮގްރާމްތަކުގެ ކޯސް ފީގެ ބައެއްވެސް ދައުލަތުން ދައްކައިދޭނެ އެވެ. އަދި ރާއްޖޭގައި ކިޔަވައިދޭ ބޭރުގެ ޔުނިވާސިޓީތަކުގެ ޕްރޮގްރާމްތަކުގެ ތެރެއިން އެ ޕްރޮގްރާމެއްގެ ބޮޑުބައި ރާއްޖޭގައި ކިޔަވައިދޭ ނަމަ ރާއްޖޭގައި ކިޔަވާ ބައިގެ ފީ ވެސް މި އުސޫލުގެ ދަށުން ސަރުކާރުން ހަމަޖައްސައިދޭނެ އެވެ.

ސަރުކާރުގެ ދެ ޔުނިވާސިޓީ އާއި އަމިއްލަ ކޮލެޖްތަކުގައި، މިހާރުވެސް 8،000 އަށް ވުރެ ގިނަ ދަރިވަރުން ފުރަތަމަ ޑިގްރީއަށް ކިޔަވަ އެވެ. ހިލޭ ކިޔެވުމަށް މިއަދު މި ހުޅުވާލި ފުރުސަތާއެކު، 9،000 އާއި 10،000 އާ ދެމެދުގެ އަދަދަކަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ސަރުކާރުން ވަނީ ބުނެފަ އެވެ.