ހަބަރު

ވައްކަމެއް ނުކުރަން، ގޯހެއް އުޅޭނަމަ އިސްތިއުފާ ދޭނަން: މަހުލޫފް

ހިޔާނާތުގެ އެއްވެސް ފައިސާއެއްގައި ޖެހިފައިނުވާނެ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން އާންމުކުރި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ރިޕޯޓުގައި މަހުލޫފްގެ ނަން ހިމެނިފައިވަނިކޮށެވެ. ރަށްތައް ވިއްކައިގެން އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާ އެސްއޯއެފްއަށް ޖަމާކޮށްފައިވާއިރު އޭގެ ބައެއް އަމިއްލަ މީހުންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވެ އެވެ.

އެ ފައިސާ ޖަމާވި ފަރާތްތަކުގެ އެކައުންޓްތަކުގެ ތެރޭގައި، ޔޫތް މިނިސްޓަރު މަހުލޫފުގެ އެކައުންޓް ހިމެނެ އެވެ. މަހުލޫފަށް 33،000 ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ.

އެކަމާ ގުޅިގެން މަހުލޫފް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެ މުއާމަލާތް ހިނގާފައިވަނީ މީގެ ފަސް އަހަރު ކުރިން ކަމުން، އެކަމާދޭތެރޭ ކުޑަވެސް ފަރުވާލެއް ބެހެއްޓިފައި ނެތް ކަމަށެވެ. އަދި އެމުއާމަލާތަކީ އޭނާގެ އާއިލާއިން "ދަ ޖިންސް"ގެ ނަމުގައި ފިހާރައެއް ހިންގިއިރު އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަލީ މުބީން މެދުވެރިވެގެން ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ހިންގާފައިވާ ސައްހަ ކަރަޔާސީ އެކްސްޗޭންޖްގެ މުއާމަލާތެއް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފްގެ އެކައުންޓަށް އެ ފައިސާ ޖަމާކުރީ "ދަ ޖީންސް" ފިހާރައިގެ ޑޮލަރު އެކައުންޓެއް ނެތި، އޭނާގެ ޑޮލަރު އެކައުންޓެއް އޮތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ވިޔަފާރީގެ މުއާމަލާތް ހިންގި ފައިސާގެ ރަސީދު ވެސް މަހުލޫފް ވަނީ އާންމު ކުރައްވާފަ އެވެ.

އެ މައްސަލާގައި އޭސީސީއިން އޭނާއާ އެއްވެސް ސުވާލެއްކޮށްފައިނުވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މަހުލޫފް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރާ ދެކޮޅަށް އަދި ކޮރަޕްޝަނާ ދެކޮޅަށް ފާޅުގަ އޭނާ މަސައްކަތް ކުރީ ވައްކަމެއްކޮށް އެފަދަ އެއްވެސް ޖަރީމާއެއް ހިންގައި، އޭގެން ކަމެއްގައި ބައިވެރިވެފައިނުވާނޭތީ ކަމަށެވެ.އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާވި ހުރިހާ ފަރާތްތަކަކީ "ވަގުންގެ" ގޮތުގައި މުޖުތަމައުގެ
ބައެއްފަރާތްތަކުން ސިފަކުރަމުންގެންދާތީ އޭނާ ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

"މީގެތެރޭގައި ހިމެނޭ ސައްހަ މުއާމަލާތްތައްކޮށްފައިވާ ފަރާތްތަކުގެ ހައްގުތަށް ނުގެއްލޭނެގޮތް ކަށަވަރުކޮށްދިނުމުގެ ގޮތުން އޭސީސީއިން އެމައުލޫމާތުތައް ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ސާފުކޮށްދެއްވުންއެދެން،" މަހުލޫފް ވިދާޅުވި އެވެ.

އެހެންވެ، އޭނާގެ މައްސަލަ އޭސީސީއިންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކޮމިޝަނުން އަވަހަށް ބެލުމަށްފަހު ރައްޔިތުންނަށް މައުލޫމާތުތައް ހިއްސާކޮށް ދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.