ދިވެހި މީޑިއާ

ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކުވެސް ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. މިއަދުން ފެށިގެން އަންނަށް މާޗު މަހު 15ވަނަ ދުވަހުގެ ނިޔަލަށް އިނާމަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފަ އެވެ.

މިފަހަރު އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ ކުރިން ވެސް އެވޯޑް ދޭ ނުވަ ދާއިރާއަށެވެ. އެ ދާއިރާތަކަކީ، އިޖްތިމައީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ އާއި ފީޗާ ލިޔުމުގެ ދާއިރާގެ އިތުރުން ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ ދާއިރާ އެވެ. އޭގެ އިތުރުން އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް މި އަހަރު ވެސް ދިނުމަށް ވަނީ ނިންމާފަ އެވެ.

އެމްއެމްސީގެ ރައީސް ހިދާޔަތުﷲ ވިދާޅުވީ، އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ކޮންމެ ފަރާތަކަށްވެސް ކުރިމަތިލެވޭނީ އެއް އިނާމަށް ކަމަށެވެ.

މިފަހަރު ވެސް ހާއްސަ އިނާމްތަކެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އެއީ އޭގެ ތެރޭގައި ރަން ގަލަމާއި އަލިމަސް ގަލަން ވެސް ހިމެނެ އެވެ. އެންމެފަހުން ބޭއްވި އިނާމް ދިނުމުގެ ހަފުލާގައި މި އިނާމް ދިނީ ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުމާ ގުޅިގެން އެކަމުގެ މުނާސަބަތުގަ އެވެ.

ހިދާޔަތުﷲ ވިދާޅުވީ، ހާއްސަ އިނާމު ކަމަށްވާ އަލިމަސް ގަލަން އަދި ރަން ގަލަން ދިނުމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އަލިމަސް ގަލަމުގެ އެވޯޑް މިފަހަރު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ގިނަވެގެން ހަ ފަރާތަކަށް ކަމަށެވެ. އަދި ރަން ގަލަމުގެ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ގިނަވެގެން 15 ފަރާތަކަށް ކަމަށެވެ.

މީޑިއާ ކައުންސިލްގެ ރައީސް ވިދާޅުވީ، އަލިމަސް ގަލަން އިނާމު ދޭނެ ފަރާތްތަށް ނިންމާނީ އެ ކައުންސިލުން ކަމަށެވެ. އަދި ރަން ގަލަމުގެ އިނާމަށް އަމިއްލަ ގޮތުން ނަން ހުށަހެޅުމުގެ ފުރުސަތު އޮންނައިރު އެހެން މީހަކު މެދުވެރިކޮށް ވެސް އެވޯޑަށް ކުރިމަތިލުމަށް ނަން ހުށަހެޅޭނެ ކަމަށެވެ.

ކައުންސިލްގެ ނައިބު ރައީސް އަހްމަދް އާޒިފް ވިދާޅުވީ، މިފަހަރު އެވޯޑަށް ކުރިމަތިލާ ނޫސްވެރިންގެ ކުށުގެ ރިކޯޑް ޗެކް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ކުޑަ ކުއްޖަކަށް ޖިންސާ ގޯނާ ކުރުމުގެ ކުށު، ޖިންސީ ގޯނާގެ ކުށުގެ ބާވަތެއް، ގެވެށި އަނިޔާ ކުރި ކަމުގެ ކުށެއް، މަސްތުވާތަކެތީގެ ކުށެއް ބިރު ދެއްކުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ބޭނުން ކޮށްގެން ފޭރުން ނުވަތަ ޓެކުމުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ ފަރާތްތަކަށް އެވޯޑް ނުލިބޭނެ ކަމަށެވެ.