ހަބަރު

އޭކަން އާ ސަނަމްގެ ޝޯ ބޭއްވީ ބޮޑު ހިޔާނާތުގެ ފައިސާއިން

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަންގެ އިތުރުން އިންޑިއާގެ ޕޮޕް ބޭންޑް ސަނަމް ރާއްޖެ ގެނެސްގެން ސަރުކާރުގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި ޝޯތައް ބާއްވާފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާއިން ކަން، އޭސީސީގެ ރިޕޯޓުން ހާމަވެއްޖެ އެވެ.

ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތް ތަހުގީގު ކުރުމަށްފަހު، އޭސީސީން ނެރުނު 700 އަށް ވުރެ ގިނަ ސޮފްހާގެ ރިޕޯޓުގައިވާ ގޮތުން، 2015 ވަނަ އަހަރު ފެށުމުގެ ގޮތުން އޭކަން ގެނެސްގެން ރާއްޖޭގައި ބޭއްވި ޝޯއަށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ހިމެނޭ އެސްއޯއެފް ކުންފުނިން 80،000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ދީފައިވާ ކަމަށެވެ.

އޭގެ އިތުރުން، އިންފިނިޓީ ޕްރޮޖެކްޓް ކްރިއޭޝަންސް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ ފަރާތަކަށް އިތުރު، 130،867.30 އެމެރިކާ ޑޮލަރު އެ ޝޯ ބޭއްވުމަށް ދޫކޮށްފައިވާކަމަށް، އޭސީސީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި ހަމަ އެހަރު، ވިޒިޓް މޯލްޑިވްސް އިޔާ ފާހަގަކުރުމަށްޓަކައި ބޭއްވި ޝޯއަށް، އިންޑިއާގެ ބޭންޑު ސަނަމް ގެނައުމަށްޓަކައި، 50،000 އެމެރިކާ ޑޮލަރު އިންޑިއާގެ ކުންފުންޏަކަށް ޖަމާކޮށްފައިވާކަމަށް އޭސީސީގެ ތަހުގީގަށް ވަނީ ހާމަވެފަ އެވެ.

ޝޯން ޕޯލް ނަޔަސް ފައިސާ ދީފައި!

ޓޫރިސްޓް އެރައިވަލް ކައުންޓްޑައުންގެ ނަމުގައި، އެމެރިކާގެ ލަވަކިޔުންތެރިޔާ ޝޯން ޕޯލް ރާއްޖެ ނައުމަށް ނިންމި ނަމަވެސް، އޭނާ ގެނައުމަށް ބޮޑެތި އަދަދުތަކުން އެސްއޯއެފް މެދުވެރިކޮށް ފައިސާ ފޮނުވާފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެގޮތުން، ޝޯން ޕޯލް ރާއްޖެ ގެނައުމުގެ ދަތުރު ހަރަދުގެ ގޮތުގައި، ޓީޒެލް ޓްރެވަލް އެލްއެލްސީ ނަމަކަށް ކިޔާ ކުންފުންޏަކަށް 130،064.79 އެމެރިކާ ޑޮލަރު އެސްއޯއެފް އިން ފޮނުވާފައިވެ އެވެ.

އަދި މިފައިސާގެ އިތުރުން، ހެޑްލައިން އެންޓަޓެއިންމެންޓް ލިމިޓެޑް ނަމަކަށް ކިޔާ، ޖަމައިކާ ކުންފުންޏަކަށް 89،411.22 ފޮނުވާފައިވާ ކަމަށާއި، އެ ފައިސާ އަކީވެސް ޝޯން ޕައުލް ގެނައުމަށް ކޮށްފައިވާ ހަރަދެއް ކަމުގައި އޭސީސީއިން ބުނެފައިވެ އެވެ.

ވަރަށް ކުލަ ގަދަކޮށް ބޭއްވި އެ ޝޯތައް ބަލަން، ގިނަ އަދަދެއްގެ އާންމުންގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ދެ ކަނބަލުންނާއި، ސަރުކާރުގެ އިސްވެރިން ވަޑައިގެންފައިވެ އެވެ.

އޭސީސީގެ ރިޕޯޓުގައިވާ ގޮތުން، ރަށްތަކާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ޖުމަލް 1.3 ބިލިއަން ރުފިޔާއަށް ވަނީ އެމްއެމްޕީއާރުސީން ހިޔާނާތްތެރިވެފަ އެވެ.